
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ ޔަހޫދީންނަށް ނިސްބަތްވާ 250އެއްހާ މީހުން ރަހީނު ކޮށްފައެވެ.
15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ކެނޑިނޭޅި ދިން ޙަމަލާތަކުގައި ޣައްޒާގެ 61،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ހަނގުރާމައިގެ ޙާލަތުގައި މައުސޫމު ކުޑަކުދިންނާއި އަންހެނުން ކަތިލެވެމުން ދިޔައިރު ވެސް ޙަމާސުން ދިޔައީ ޔަހޫދީންގެ ޝަރުތުތަކަށް އެއްބަސް ނުވެ ގޮތުގައި ހިފަހައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނަށް މަޖުބޫރުވީ ޙަމާސާއެކު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރާށެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންނަށް ނިޞްބަތްވާ ބައެއް އަސީރުން ދޫކޮށްލާފައި ވަނީ ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެތައް ރައްޔިތުންނެއްގެ ބަދަލުގައެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙާލާ ނިމުމަކަށް އައުމުން ޔަހޫދީން ވަނީ ދެވަނަ މަރުޙަލާއަށް ދިޔުމަށް ދެކޮޅު ހަދައި އަނެއްކާ ވެސް ޣައްޒާއަށް އަމާޒު ކޮށް ވަރުގަދަ ޢުދުވާނީ ހަމަލާތައް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި ޣައްޒާ ހިންގާ ސަރުކާރުގެ ވެރިޔާ އިސާމް އައްދަލީސްއާއި ދާޚިލީ ސަލާމަތާބެހޭ އިސްވެރިޔާ މަޙްމޫދު އަބޫ ވަތުފާ އަދި ސަރުކާރުގެ އެހެން އިސް ވެރިން ވެސް ހިމެނެއެވެ. ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ރައްދެއްގެ ގޮތުން ޙަމާސުން ވަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް އަމާޒު ކޮށް ވައިގެ ޙަމަލާއެއް ދީ ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ. ޔަހޫދީން ޙަމާސްގެ ވެރިން ޝަހީދު ކުރަމުން ދިޔަ ނަމަވެސް ޙަމާސުން ދައްކަމުން ދަނީ ކިތަންމެ ބޮޑު ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް އަދި ވެސް ވަރުގަދައަށް ހަނގުރާމަ ކުރުމުގެ ޤާބިލުކަން ހުރި ކަމާއި އެ ޖަމާޢަތަށް ޣައްޒާ ހިންގޭނެ ކަމެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްޔާ ސިންވާރު ޝަހީދު ކޮށްލުމުން ޙަމާސް ވަނީ އެ ޖަމާޢަތުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ލީޑަރެއްގެ މައްޗަށް ބަރޯސާވުން ކުޑަ ކޮށް ޙަމާސްގެ ކަންކަން ރާވާ ހިންގުމުގައ މިހާރު ބޮޑަށް ޙަރަކާތްތެރި ވަނީ ޚާއްޞަ މަޖިލީހެކެވެ. ހަނގުރާމައިގެ ޙާލަތުގައި ޙަމާސްގެ އަތުގައ ހުރި ރޮކެޓުފަދަ ހަތިޔާރު މަދުވި ނަމަވެސް ޙަމާސުން ވަނީ އެހެން ގޮތްގޮތުން ޔަހޫދީންނަށް ދޭ ޙަމަލާތައް ވަރުގަދަ ކޮށްފައެވެ. ޙަމާސްގެ ސަރުކާރު ހިންގާ ގޮތްޕާއި އަސްކަރީ ގޮފިން ވެސް ވަނީ އެއް ތަނުން އަނެއް ތަނަށް ފޮނުވަން ޖެހޭ މެސެޖުތައް ފޮނުވުމަށް އިންޓަނެޓާއި ރޭޑިޔޯފަދަ އާލާތްތައް ބޭނުން ކުރުމުގެ ބަދަލުގައި އިންސާނުން މެދުވެރި ކޮށް މުއާމަލާތް ކުރަން ފަށައިފައެވެ. އެއީ ޖާސޫސް ކުރާ މީހުންގެ ލޯތަކާއި ކަންފަތްތަކުން ނިވާވުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޣައްޒާއަށް މިހާރު ދެމުންދާ ޙަމަލާތަކުގެ މައިގަނޑު މަޤްސަދަކީ ޣައްޒާގައި އޮންނަ ޙަމާސްގެ ވެރިކަން ބަލިކަށި ކުރުމެވެ. އެ ޙަމަލާތަކުގެ ބަދަލުގައި ޙަމާސުން މިހާތަނަށް ދީފައިވާ ހަމައެކަނި ރައްދަކީ ތެލް އަވީވަށް އަމާޒުކޮށް ފޮނުވާލި ދެ ތިން މިސައިލެވެ. ޙަމާސުން ކުރިން ބުނީ ޣައްޒާއަށް ދެމުންދިޔަ ޙަމަލާތަކަށް ރައްދު ނުދެނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކަށް އެ ކަން ހާޞިލު ކުރުމަށް ފުރުޞަތު ދިނުމަށް ކަަމަށެވެ. މިހާރު ބެލެވެނީ އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ.
ޣައްޒާގެ ހަނގުރާމަ އަލުން ފެށެން އުޅޭ ކަމުގެ އިޝާރާތްތައް ފެންނަމުންދާއިރު ޔަހޫދީން ޣައްޒާއަށް ޙަމަލާތައް ދިނުމުން ޙަމާސަށް ހިފަހައްޓާލެވޭނީ ކިހާ މިންވަރަކަށްތޯ މިއީ މި ދަނޑިވަޅުގައި ކުރުން އެންމެ މުހިންމު އެއް ސުވާލެވެ. ޙަމަލާތަކުގައި ޣައްޒާއަށް ވާނީ ކިހިިނެތްކަމާއި އެ ޙަމަލާތައް ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަން އަންދާޒާ ކޮށްލެވޭނީ ވެސް އޭރުންނެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ދަނީ ޔަހޫދީން ޙަމާސް ނައްތާލާނެ ކަމަށެވެ. ޙަމާސްގެ ސަރުކާރު ހިންގާ ގޮތްޕާއި އަސްކަރީ ގޮފި ވެސް ފަނާ ކުރާނެ ކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ. ނަމަވެސް ހަނގުރާމައިގެ ތަޖުރިބާކާރުން ބުނަމުން ދަނީ ޙަމާސް ބަލިކަށިވި ނަމަވެސް އެއީ އަދިވެސް ވަރަށް ވަރުގަދަ އަދި ޔަހޫދީންނަށް ނުރައްކާތެރި ޖަމާޢަތެއް ކަމަށެވެ.
ހަނގުރާމައިގެ ޙާލަތުގައި މިހާރު ޝަހީދުވެފައިވާ އައްދަލީސްގެ ޢަމަލުތައް ބެހެއްޓެވި ގޮތާ މެދު ވެސް މަސްދަރުތަކުން ވަނީ ވާހަކަ ދައްކާފައެވެ. ޔަހޫދީން ވަރުގަދަ ޙަމަލާތައް ދެމުންދިޔަ ނަމަވެސް އައްދަލީސް ގެންދެވީ ބައްދަލުވުންތައް ބާއްވަވައި މަޤާމުތަކަށް މީހުން އިސްކުރައްވައި މުސާރަ ދޭންޖެހޭ މީހުންނަށް މުސާރަ ހަމަޖައްސަވައި ޣައްޒާއަށް ވައްދާ އެހީގެ ސާމާނު އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ފޯރުކޮށްދިނުމުގައި ދޭންޖެހޭ ރައްކާތެރިކަން ވެސް ދެއްވަމުންނެވެ. އޭގެން ވެސް ދައްކުވައިދެނީ ކިތަންމެ ހަލަބޮލި އަދި ނުރައްކާތެރި ޙާލަތެއްގައި ނަމަވެސް ޙަމާސްގެ ބާރު އަދި ވެސް ޣައްޒާގައި އޮތް މިންވަރެވެ. ޚުދު ޔަހޫދީންގެ ތަޖުރިބާކާރުން ވެސް އެ ކަން ޤަބޫލު ކުރެއެވެ.
އައްދަލީސްގެ އޮފީހުގެ ވެރިޔާގެ ގޮތުގައި މަސައްކަތް ކުރެއްވި އިސްމާޢީލް އަލް-ތަވަބުތާ ވިދާޅުވީ ހަނގުރާމަެގެ ޙާލަތުގައި ވެސް އައްދަލީސް ފަސްޖެހިވަޑައިގަތުމެއް ނެތި މަސައްކަތުގައި ދެމި ހުންނެވި ކަމަށެވެ. ސިއްރުގައި އެއްތަނުން އަނެއް ތަނަށް ވަޑައިންނަވާ ކަންކަން ބައްލަވައި ވިލަރެސް ކުރައްވަމުން ދިޔަ ކަމަށާއި އުޅަނގުތަކުގައާއި ފައި މަގުގައި ވެސް އައްދަލީސް އުޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އައްދަލީސްއާއި އޭނާގެ އޮފީހުން ޔަހޫދީންގެ ޙަމަލާތައް ދެމުންދިޔަ އިރު ވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ތިބި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ސީދާ އެ މީހުންގެ އަތަށް ރައްދު ކޮށްދެއްވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުގެ ކުރިން ފާއިތުވި ހަފުތާތަކުގައި ޙަމާސުން ވަނީ ޔަހޫދީންގެ ގިނަ ޢަދަދެއްގެ ސިފައިން މަރާލައިފައެވެ. އެއީ ހަނގުރާމައިގެ ޙާލަތުގައި ޙަމާސުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. އެ ޙަމަލާތައް ދީފައި ވަނީ ރޮކެޓު މިސައިލު ބޭނުން ކުރުމުގެ ބަދަލުގައި ސީދާ ޙަމާސްގެ މުޖާހިދުން ދިން ޙަމަލާތަކެއްގެ ގޮތުގައެވެ. އެއްގަމު މަގުން ޔަހޫދީ ފައުޖު އަނެއްކާ ވެސް ޣައްޒާއަށް އަރަމުންދާއިރު ޣައްޒާގެ ތެރެއަށް ސިފައިން ވަނުމުން މުޖާހިދުންނާއެކު ޙަމަލާތައް ބަދަލު ކުރާނެ ކަމަށާއި އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ސިފައިން މަރުވާނެ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ.
ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގައި ޙަމާސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ޙަމާސްގެ ހަތިޔާރާއި ސިފައިން ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. ޙަމާސްގެ 20،000އަށްވުރެ ގިނަ ހަނގުރާމަވެރިން ޝަހީދު ކޮށްލާފައިވާ ކަަމަށް ޔަހޫދީން ބުނި ނަމަވެސް ޙަމާސުން އެކަން ދޮގުކުރެއެވެ. ޔަހޫދީންގެ ތަޖުރިބާކާރުން ވެސް ވަނީ ޙަމާސަށް ގެއްލޭ ހަނގުރާމަވެރިންގެ ބަދަލުގައި އައު މުޖާހިދުން އެ ޖަމާޢަތާ ގުޅެމުންދާ ކަމަށް ފާހަގަ ކޮށްފައެވެ. ޙަމާސަށް ހަތިޔާރު އެތެރެކުރެވާނެ މަގުތައް ބަންދުވެފައިވާ ނަމަވެސް އަދި ޣައްޒާގައި ހަތިޔާރު އުފައްދާ މަރުކަޒުތަކަށް ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރި ނަމަވެސް ނުގޮވާ ހުންނަ ބޮންފަދަ ތަކެތި ބޭނުން ކޮށްގެން ޙަމާސުން ދަނީ ހަތިޔާރު އުފައްދާ ޔަހޫދީންނަށް ނުރައްކާ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
