
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 55 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިޞްލާޙުކުރުމަށް ޓަކައި، އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ޓަކައި ބަންދުކުރުމާބެހޭ އުސޫލުތަކާއި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް ޤާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުމަށް ޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
މި އިސްލާޙުގައި، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ، ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތަކުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާތަކެވެ. އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްޤީކުރުމަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދޫކުރެވިދާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެކަމަށް، މި އިސްލާޙުގެ ދަށުން ކަނޑައަޅާފައިވެއެވެ. މުއްދަތު އިތުރުކުރެވޭނީ ގިނަ ވެގެން 49 އަހަރު ދުވަހުގެ މުއްދަތަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ޚިދުމަތް ދޭން ފައްޓައިފައި ނުވާނަމަ ޢަމަލުކުރާނީ، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގް ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވައިލަންވާނެކަމަށް އިސްލާޙުގައި ބުނެފައިވެއެވެ. އަދި ޓޫރިސްޓް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމުގައްޔާއި އެ ތަންތަނާބެހޭ މަޢުލޫމާތު އާންމުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދަންވާނެކަމަށް ވެސް އިސްލާޙުގައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، “ޓޫރިޒަމް ޓްރަސްޓް ފަންޑު” ގެ ނަމުގައި، ފަންޑެއް އުފެދުނީކަމަށާއި، އަދި ކުރިން ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި “ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑު” އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވީކަމަށް ވެސް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
މި ފަހުން ވިޒިޓް މޯލްޑިވްސަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ އަހަރު
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް) ފާއިތުވި 2025 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް މާލީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނު...
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
