
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޢަަމަލުކުރަން ފަށާަފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ހަތަރު ހަފްތާ ފުރިފައިވާ އިރު ޣައްޒާއަށް ބޭނުންވާ މިންވަރަށް އަދި ވެސް އެ ސަހަރަށް އެހީގެ ސާމާނު ނުވެއްދޭ ކަމަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ބުނެފިއެވެ. އެ ޖަމްޢިއްޔާތަކުން މިހެން ބުނެފައި މި ވަނީ މި އަހަރުގެ ފިނި މޫސުން ގާތްވެފައި ވަނިކޮށެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޣައްޒާގައި އާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ފެތުރިފައިވާ ކަމަށް ކަނޑައަޅާފައިވާއިރު، ހަނގުރާމައިގެ ޙާލަތުގައި ޣައްޒާގެ 2.3 މިލިޔަން މީހުންގެ ތެރެއިން ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއެކު، އެތައް ދުވަހެއް ވަންދެން އެހީގެ ސާމާނު ނުވެއްދި އޮތް ޣައްޒާއަށް ކާބޯތަކެއްޗާއި ފޭލިގެއާއި ބޭސް ފަދަ މުހިންމު ސާމާނު ގިނަ ޢަދަދަކަށް ވެއްދޭނެ ކަމަށް އޮތީ ޤަބޫލުކުރެވިފައެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން ދުވާލެއްގެ މައްޗަށް 600 ގާފިލާގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރަން ޖެހެއެވެ.
ނަމަވެސް ޣައްޒާގެ ސަރުކާރުން ބުނަމުންދަނީ އެހީގެ ސާމާނު ބަރުކޮށްގެން އަންނަ އުޅަނދުތަކަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން އެ އުޅަނދުތަކަށް މަންޒިލާ ހަމައަށް ނުފޯރާ ކަމަށެވެ. އެއްބަސްވުމުގައި 600 ގާފިލާ ވައްދަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ދުވާލެއްގެ މައްޗަށް ޣައްޒާއަށް އެތެރެ ވަނީ 145 ވަރަކަށް ގާފިލާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެއެވެ. ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނީ ޣައްޒާއަށް އަދިވެސް ވަންނަމުން ދަނީ އެ ސަހަރަށް ބޭނުންވާ ކާބޯތަކެތީގެ މިންވަރުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ ނިސްބަތަކަށް ކަމަށެވެ. އެހީގެ ސާމާނު ވަންނަމުން ދަނީ އުންމީދުކުރި ޢަދަދުގެ ތިންބައި ނުވަތަ ހަތަރުބައި ކުޅަ އެއްބަޔަށް ކަމަށް ވެސް ފަލަސްޠީނުގެ ބައެއް ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.
ފިނި މޫސުން ބޯމަތިވެފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނޭ ފޭލިގެ ނެތް ކަމަށާއި ސާފު ބޯފެނާއި ކާބޯތަކެތި އަދި ވެސް ލިބެމުން ނުދާ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ފޭލިގެތައް ވަނީ ބާވެ ވީރާނާވެފައެވެ. އެ ފޭލިގެތަައް ހުރީ ފިނި މޫސުމުގެ ގަދަ ފިނިން އެއްވެސް ރައްކާތެރިކަމެއް ދެވޭނެ ފަދަ ޙާލަތެއްގައެއް ނޫނެވެ. އެއާއެކު ފިނި މޫސުމާ ކުރިމަތިލައި ދިރިހުރެވިދާނެ ކަމުގެ އުންމީދު ވަނީ ގިނަ ބަޔަކަށް ފަނޑުވެފައެވެ. އދގެ އިންސާނީ އެހީއާ ގުޅޭ އިދާރާ، އޯސީއެޗްއޭއިން ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ސަަބަބުންނާއި އެހީގެ ސާމާނު ވަންނަން ފެށުމުން ޣައްޒާގެ ޙާލަތު ކުރިއާ އަޅާ ބަލައިއިރު ކޮންމެ ވެސް މިންވަރަކަށް ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ އިދާރާއިން ޣައްޒާގެ ކުޑަކުދިން ސްކްރީން ކުރި ކުރުމުގައި ސްކްރީން ކުރި ކުދިންގެ ތެެރެއިން 10 އިންސައްތަ ކުދިންނަކީ އަދިވެސް ކާޑުބަލި ތަހައްމަލް ކުރަމުންދާ ކުދިން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެއްބަަސްވުން ޤާއިމް ކުރުމުގެ ކުރިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ނިސްބަތް ހުރީ 14 އިންސައްތައިގައެވެ. އޭގެ ތެރެއިން 1،000އަށް ވުރެ ގިނަ ކުދިން ތިބީ ކާޑުބަލީގެ އެންމެ ގޯސް މަރުހަލާގައި ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އޯސީއެޗްއޭއިން ބުނީ ޣައްޒާގެ ޢާއިލާތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ޢާއިލާއިން އެ ޢާއިލާތަކަށް ކާބޯތަކެތި ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ޚާއްޞަ ގޮތެެއްގައި ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ކާބޯތަކެތި ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ޖުލައި މަހުގެ ރެރޭގައި ދުވާލަކު އެއް އިރު ކައިގެން އުޅެމުން ދިޔަ ޢާއިލާތަކަށް މިހާރު ދެ އިރު ކާ ވަރަށް ކާބޯތަކެތި ލިބެއެވެ. ނަމަވެސް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކާއި ދެކުނުގެ ސަރަޙައްދުތަކަށް ކާބޯތަކެތި ލިބޭ މިންވަރުގައި ބޮޑެތި ފަރަގުތައް ހުރި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ޣައްޒާގެ އުތުރުގެ ޙާލަތު އަދި ވެސް ވަރަށް ގޯސް ކަމަށް އޯސީއެޗްއޭއިން ވަނީ ފާހަގަކޮށްފައެވެ. ޑަބްލިޔުއެފްޕީގެ އިސް ތަރުޖަމާނު، އަބީރު އާތިފާ ވިދާޅުވީ ޣައްޒާއަށް އެހީ ވެއްދޭނެ ހުރިހާ މަގުތައް ހުޅުވައިލަން ޖެހޭ ކަމަށާއި ހަލުވިކަމާއެކު މަސައްކަތް ކުަރަން ޖެހޭ ކަމަށެވެ. ފިނި މޫސުން ގާތްވަމުންދާއިރު ޣައްޒާގެ ރައްޔިތުން އަދި ވެސް ދަނީ ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުން ކަމަށާއި، އެ މީހުންގެ ބޭނުންތައް ވަރަށް ގިނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޙަމަލާ ބަދަލުކުުރުން ހުއްޓައިލި ފަހުން ޑަބްލިޔުއެފްޕީން ޣައްޒާއަށް 20،000 މެޓްރިކް ޓަނުގެ ކާބޯތަކެތި އެތެރެކޮށްފައިވާ ކަމަށް އަބީރު ވިދާޅުވިއެވެ. ނަމަވެސް މި ޢަދަދަކީ ޣައްޒާއަށް ބޭނުންވާ ހަޤީޤީ ޢަދަދުގެ ދެބައި ކުޅަ އެއްބަޔާ ގާތްކުރާ ޢަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކާބޯތަކެތި ބަހަމުން ދަނީ އަމާޒުކުރި 145 އެހީ ބަހާ މަރުކަޒުގެ ބަދަލުގައި އެންމެ 44 މަރުކަޒަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކާޑުބަލިން ސަލާމަތްވުމަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ކާނާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގިނަ ގޭބިސީތަކުގައި ކަނީ ހަމައެކަނި ގޮަދަނުގެ ބާވަތްތަކާއި މުގު ކަމަށާއި، އެއްގަމު މަހާއި ބިހާއި ތަރުކާރީއާއި މޭވާ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް ތެލުގެ ދަތިކަން ވެސް ކުރިމަތިވެފައިވާއިރު ކައްކާ ގޭސް ނުލިބުމުގެ ސަބަބުން ވެސް އަނަރޫފަވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ބާވަތްތައް ނުލިބޭ ކަމަށް އޯސީއެޗްއޭއިން ބުނެއެވެ. ޣައްޒާގެ އާބާދީގެ 60 އިންސައްތަ ކައްކަނީ ކުނި އަންދައިގެން ކަމަށާއި އެއީ ވެސް ޞިއްޙަތަށް އިތުރަށް ނުރައްކާވާ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ފިނި މޫސުމާ ކުރިމަތިިލާއިރު ޣައްޒާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އެކައްޗަކީ ފޭލިގެއެވެ. ހަނގުރާމައިގައި ސުންނާފަތި ނުވެ ކޮޅަށް ހުރި މަދު އިމާރާތްތަކަކީ ދިރިއުޅެން ރައްކާތެރި ތަންތަން ނޫން ކަމަށާއި އެ އިމާރާތްތައް ހުރީ ފިނިން ރައްކާތެރިކަން ނުލިބޭ ގޮތަށް ހާމައަށް ކަމަށް އިދާރާތަކުން ދަނީ ބުނަމުންނެވެ. ފިނި މޫސުމުގައި ވާރޭ ވެހުމާއި ފެންބޮޑުވުމާ ކުރިމަތިލާން ޖެހުން އެކަށީގެންވާއިރު، އޭގެ ސަބަބުން ބަލިތައް ފެތުރުން ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ހީ ވެސް ނުކުރާ މިންވަރަށް ގޯސް ކަމަށް ވެސް ޖަމްޢިއްޔާތަކުން ދަނީ ބުަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
