
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރާއި ޕާކިސްތާނާ ދެމެދު ކުރަމުން ދިޔަ ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ޠާލިބާނުން ނައްތައިލާނެ ކަމުގައި ބުނެ، ޕާކިސްތާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލައި، ސުލްޙަ ޤާއިމު ކުރުމަށް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބާއްވާފައި ވަނީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ. އެ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި، ނިމުމަކަށް އައިސްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރެވެ. ޠާލިބާނުންނާއި ޕާކިސްތާނާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތައް ނާކާޔާބުވުމަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު ސަރަޙައްދީ މަސްރަޙު ވަރަށް ގޯސްވެގެން ދިޔައެވެ.
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ އެކު ޕާކިސްތާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ވާހަކަތައް ފޭލުވެފައި ވަނީ ޠާލިބާނުންގެ ސަބަބުން ކަމުގައި ބުނެފައެވެ. މަޝްވަރާތައް ނާކާމިޔާބުވީ، ޕާކިސްތާނުގައި ނިރުބަވެރި އަމަލުތައް ހިންގަމުންދާ ގުރޫޕުތަކަށް އަފްޣާނިސްތާނުގެ ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޕާކިސްތާނުން ކުރާ ތުހުމަތުތަކަށް ޠާލިބާނުން އިންކާރު ކުރުމާ ގުޅިގެން ކަމުގައި މަޞްދަރުތަކުން ބުންޏެވެ. “ޠާލިބާނުން ސަރުކާރު އެއްކޮށް ނައްތައިލައި، އެ މީހުން އައި ހޮހޮޅަތަކަށް އަނބުރައި ފޮނުވައިލުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ފުރިހަމަ ޤާބިލުކަން ވެސް ބޭނުން ކުރަން ނުޖެހޭނެ،” ޠާލިބާނުންނަށް އިންޒާރު ދެއްވަމުން ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު ޢާޞިފް ވިދާޅުވިއެވެ. މި ކަމާ ގުޅޭ ގޮތުން ޠާލިބާނުންގެ ސަރުކާރުގެ ދިފާޢީ ވުޒާރާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
މި މަހުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން، ދެ ޤައުމުގެ ދެމެދުގައި ބަދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ނަމަވެސް، ޤަޠަރުގެ ވެރިރަށް ދަވްޙާގައި ކުރި މަޝްވަރާތަކަކަށް ފަހު އޮކްޓޫބަރު 19ވަނަ ދުވަހު ދެ ޤައުމުން ވަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އިސްތަންބޫލުގައި ބާއްވާފައި ވަނީ އެ މަޝްވަރާތަކުގެ ދެވަނަ ބުރެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ބޭއްވުމުގައި މެދުވެރިންގެ ދައުރު އަދާކުރަމުން ދަނީ ޤަޠަރާއި ތުރުކީވިލާތުންނެވެ. މަޝްވަރާތައް ފޭލުވުމުގެ ޒިންމާ ދެ ފަރާތުން ވެސް ދަނީ އަނެއް ޤައުމުގެ ކޮނޑުގައި އަޅުވަމުންނެވެ. “އަފްޣާނިސްތާނުގެ މަންދޫބުން ދިޔައީ އަސްލު މައްސަލައަށް އިސްކަން ދިނުމަށް ދެކޮޅު ހަދަމުން، މަޝްވަރާތައް ފަށާފައި ވަނީ އެ ކަންކަމާ ގުޅޭ ގޮތުން ޙައްލުތަކެއް ހޯދުމަށް،” ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރު ޢަޠާއުالله ތާރަރް ވިދާޅުވިއެވެ. މަޝްވަރާތައް ފޭލުވެފައި ވަނީ އެ ކަންކަން ހައްލު ކުރާނެ މަގެއް ނުފެނުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގައި ނިރުބަވެރި އަމަލުތައް ހިންގަމުން ދަނީ ޠާލިބާނުންނާ ގުޅުން އޮތް ޖަމާޢަތަކުން ކަމުގައި އެ ޤައުމުން ތުހުމަތު ކުރެއެވެ. ‘ޕާކިސްތާން ޠާލިބާން’ގެ ނަމުގައި ހަރަކާތްތެރިވަމުންދާ އެ ޖަމާޢަތަށް އަފްޣާނިސްތާނުގެ ޠާލިބާނުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ޕާކިސްތާނުން ތުހުމަތު ކުރާއިރު، އެ ކަން ހުއްޓައިލައި، އެ ޖަމާޢަތުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ޠާލިބާން ސަރުކާރުން އިންކާރު ކުރަމުންދާ ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޠާލިބާން ސަރުކާރުން ބުނަނީ، އެ ސަރުކާރަށް ޕާކިސްތާން ޠާލިބާން ޖަމާޢަތަށް ބާރު ނުފޯރުވޭނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު...
ސްޓެލްކޯގެ ޗާޓުން ފެންނަނީ ގަދަ ހޫނާ އެކު ކަރަންޓު ބޭނުންކުރުން ވެސް މަތިވާތަން
ރާއްޖޭގައި މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މި ހޫނާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް...
ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ....
ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
ބިލްތަކުގައި މައްސަލައެއް ނެތް، ހަމަ ހޫނު ގަދައީ: ފެނަކަ
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލްތައް ބޮޑުވަނީ ބިލް ހެދުމުގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ދިމާވާ ކަމެއް...
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ...
