
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރި ފޭރިގަނެ، އެ ބިމުގައި ޔަހޫދީންގެ ޤާނޫނުތައް ހިންގުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ. ހުޅަނގު އައްސޭރި ފޭރިގަތުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން މި ފަދަ ހަތަރު ބިލެއް ފާސް ކުރަން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފައި މި ވަނީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ޒަޔަނިސްޓު ދައުލަތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށެވެ. ހުޅަނގު އައްސޭރިއަށް އަތްގަދަ ކުރުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ.
ހުޅަނގު އައްސޭރިއާ އިންވެގެން އޮތް މައަލޭ އަދުމީމްގެ ނަން ޔަހޫދީން ދީފައިވާ ސަރަޙައްދު ފޭރިގަތުމަށް ވެސް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފައެެވެ. ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނީ، ޒަޔަނިސްޓު ދައުލަތުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ވެރިކަން ކުރާ އިއްތިޙާދުގައި ނުހިމެނޭ ސިޔާސީ ޕާޓީތަކުން ކަމުގައި ހުޅަނގުގެ މީޑިޔާއިން ބުނެއެވެ. ނަމަވެސް، އެ ބިލުތައް ފާސްކުރުމަށް ތާޢީދު ކޮށްފައިވާ މީހުންގެ ތެރޭގައި ނަތަންޔާހޫގެ ސަރުކާރުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރާއި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗް ހިމެނެއެވެ.
ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ބެން-ގުވީރުގެ އިތުރުން ސްމުތުރީޗް ދަނީ ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. އެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމުގައި އެ މީހުން ދަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް، ޢަރަބި ދުނިޔެއާއި މުސްލިމް ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރާ ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން މިހާރު ވެސް ހިންގަމުން ދަނީ އިސްތިޢުމާރީ ވެރިކަމެކެވެ. ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައި އދގެ އެންމެ މަތީ ކޯޓު، އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)ން 2024ވަނަ އަހަރު އޮތީ ކަނޑައަޅާފައެވެ.
ސެޕްޓެންބަރު މަހުގެ ތެރޭގައި ހުޅަނގުގެ ބައެއް ބާރުތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ އެކު، ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހަލުވިކޮށް، ފުޅާކުރިއެވެ. ނަމަވެސް، އެ ކަން މަޑުޖައްސައިލާފައި އޮތީ އެ ކަމަށް ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދަވާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ހުޅަނގު އައްސޭރި ފޭރުގަތުމާ ގުޅޭ ބިލެއް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ އެކު ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެ ވުޒާރާއިން ބުނީ، ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް ސިޔާދަތީ ބާރުވެރިކަން ހިންގުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދޭނެ ކަމުގައެވެ. “ހުޅަނގު އައްސޭރި، ޤުދުސް އަދި ޣައްޒާ ހިމެނޭ ގޮތުގައި ފަލަސްޠީނުގެ ބިމަކީ އެއް ތަނެއް ކަމަށާއި، އެ ބިންތަކަށް ސިޔާދަތީ ބާރުވެރިކަން ފޯރުވުމުގެ ފުރުޞަތު އިސްރާއީލަށް ނޯންނާނެ،” އެ ވުޒާރާއިން ބުންޏެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ބަސްބުނެފައެވެ. އެ ޖަމާޢަތުން ބުނީ، ހުޅަނގު އައްސޭރިއާއި މައަލޭ އަދުމީމް ފޭރިގަތުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމަކީ “އިސްތިޢުމާރީ ވެރިކަމުގެ ހުތުރު މޫނު” ހާމަވެގެން ދިޔަ ޖަރީމާއެއް ކަމުގައެވެ. “ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް އިސްތިޢުމާރީ ހައްދުފަހަނަ އެޅި މީހުން ހިންގަމުންދާ ޖަރީމާތަކަކީ ޣައިރުޤާނޫނީ އަމަލެއް،” ޙަމާސުން ބުންޏެވެ.
ހުޅަނގު އައްސޭރި ފޭރިގަނެފި ނަމަ، ގަލްފުގެ ޤައުމުތަކާ އެކު ޔަހޫދީން ބާއްވަމުންދާ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމުގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ން ބުނެފައިވެއެވެ. ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެކުލަަވައިލާފައިވާ އިބްރާހީމް މުޢާހަދާގެ ދަށުން ޔަހޫދީންނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކޮށްފައިވާ ޤައުުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
