
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަޕާންގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ. ސަނައެ ތަކައިޗީ އެ މަޤާމަށް އިންތިޚާބު ކުރުމަށް ޖަޕާންގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި ނެގި ވޯޓުގައި، އޭނާ ވަނީ 465 މެންބަރުންގެ ތެރެއިން 237 މެންބަރުންގެ ތާޢީދު ހޯއްދަވާފައެވެ. ބޮޑުވަޒީރު ކަމުގެ މަޤާމާ ތަކައިޗީ ޙަވާލުވެ ވަޑައިގެންނެވުމަށް މަގުކޮށިގެން ދިޔައީ، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)އާއި ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭއައިޕީ)އާ އެކު ހެދި އިއްތިޙާދެއްގެ ސަބަބުންނެވެ. ނަމަވެސް، މި އިއްތިޙާދާ އެކު ވެރިކަން ކުރާ އެލްޑީޕީއަށް، ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ނުވަތަ ކޮންޓުރޯލު ލިބިފައެއް ނުވެއެވެ.
ޖަޕާންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަޤާމަށް ތަކައިޗީ އިންތިޚާބުވެ ވަޑައިގެންނެވުމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އެ ކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ. މީސްމީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ޚިދުމަތުގައި ތަކައިޗީ ހޭދަކުރައްވާފައިވާ ދުވަސްތަކުގައި ލިބިވަޑައިގަންނަވާފައިވާ ތަޖުރިބާގެ ޢަލީގައި ތަރައްޤީގެ މަގުގައި ޖަޕާނުން އިތުރު ހަރުފަތްތަކެއް ގިރާ ކުރައްވާނެ ކަމަށް އިތުބާރު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ތަކައިޗީގެ ރިޔާސަތުގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތަކައިޗީއަކީ، އަވަހާރަ ކޮށްލާފައިވާ ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ، އަދި އޭނާގެ ފުށުން ދަރިވަރުވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އެލްޑީޕީއާއި ޖޭއައިޕީގެ އިއްތިޙާދަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އިތުރު ދެ މެންބަރެއްގެ ތާޢީދު ބޭނުންވީހެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ނެތުމަކީ ތަކައިޗީއަށް ކުރިމަތިވެ ވަޑައިގަންނަވާނެ ގޮންޖެހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.
“މި ވަގުތަށް އެންމެ މުހިންމު ކަމަކީ ސިޔާސީ ހަމަޖެހުން. ސިޔާސީ ހަމަޖެހުން ނެތް ނަމަ، އިޤުތިޞާދު ހަރުދަނާ ކުރުމަށާއި، ޚާރިޖީ ދާއިރާއިން ކުރިއެރުން ހޯދުމުގެ ސިޔާސަތުތައް ކުރިއަކަށް ނުގެންދެވޭނެ،” އެލްޑީޕީއާއި ޖޭއައިޕީއާ އެކު އިއްތިޙާދުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ތަކައިޗީ ވިދާޅުވިއެވެ. އެ ދެ ޕާޓީން އިއްތިޙާދުވެފައިވީ ނަމަވެސް، ތަކައިޗީގެ ސަރުކާރުގައި ވަޒީރުންގެ މަޤާމުތަކަށް ޖޭއައިޕީން ކުރިމަތިލާނީ، އިއްތިޙާދު އެއްބަސްވުން ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމުގައި އެ ޕާޓީން ބުންޏެވެ. ޖަޕާންގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ތަކައިޗީ ޙަވާލުވެ ވަޑައިގެންނެވުމާ އެކު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ބޭއްވި އިންތިޚާބުގައި އެލްޑީޕީއަށް ކުރިިމަތިވި ނާކާމިޔާބީއާ އެކު ޖަޕާންގެ ސިޔާސީ މައިދާނަށް ކުރިމަތިވި ހަލަބޮލިކަން މި ވަނީ ނިމުމަކަށް އައިސްފައެވެ. ތަކައިޗީއަކީ، ޖަޕާންގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާ ކަމުގައިވީ ނަމަވެސް، އޭނާގެ ވެރިކަމެއްގައި އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޖަޕާނަށް ހިޖުރަކުރާ މީހުންގެ ޙައްޤުތައް ހަނި ކުރެއްވުމަށާއި، އިޖުތިމާޢީ މައްސަލަތަކަށް ޙައްދު ހޯއްދަވައިދެއްވުމަށް ތަކައިޗީގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ތަކައިޗީއަކީ މިންތީގެ ހަމަހަމަ ކަމަށް ތާޢީދު ކުރައްވާ ބޭފުޅެއް ނޫނެވެ. އަދި، އެކި ނަސްލުތަކާއި ދީންތަކުގެ މީހުން މަސްހުނިވި އެއް ތަނެއްގައި ދިރިއުޅުމުގެ ޙައްޤަށް ތާޢީދު ކުރައްވާ ބޭފުޅެއް ނޫނެވެ. މީގެ އިތުރުން، އޭނާއަކީ އެއް ޖިންސުގެ ކައިވެއްޏާ ވެސް ދެކޮޅު ބޭފުޅެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
