
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރުގަދަ އަދި ނުރައްކާތެރި އިތުރު ހަތިޔާރު ހޯއްދެވުމުގެ ނިޔަތުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވައި، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވައިފިއެވެ. ޒެލެންސްކީ ވޮޝިންގްޓަނަށް ވަޑައިގަންނަވާފައި ވަނީ ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރާނެ އިތުރު ހަތިޔާރު ހޯއްދެވުމުގެ ނިޔަތުގައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އޭނާއާ ވައިޓް ހައުސުން ބައްދަލު ކުރައްވާފައި ވަނީ މަޝްވަރާގެ މަގުން ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެއްވުމުގެ އަޒުމުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ޓްރަމްޕަކާ ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބު ވަޑައިގެންނެވި ޓްރަމްޕް ވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، އެ މޭރުމުން އޭނާ ގެންދަވަނީ ރަޝިޔާއާއި ޔޫކްރެއިނާ އެކު މަޝްވަރާތައް ފަށްޓަވާފައެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި މިހާތަނަށް ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ.
ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލް ހޯއްދެވުމަށް ޒެލެންސްކީ އެދިވަޑައިގަންނަވާފައިވެއެވެ. ޓްރަމްޕް އެ ކަމަށް އިންކާރު ކުރައްވާފައި ނެތް ނަމަވެސް، އޭނާ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރެއްވުމަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް އަނެއްކާ ވެސް ޕުޓިންއަށް ބާރު އަޅުއްވާނެއެވެ. ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ގޮވައިލައްވާފައެވެ. ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް އެ ޤައުމަށް ދޫކޮށްލުމަށް ޖެހުނު ނަމަވެސް ހަނގުރާމަ ހުއްޓައިލުމަކީ ޔޫކްރެއިނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. އަދި، ޓޮމަހޯކް މިސައިލް ފަދަ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ފަދަ ހަތިޔާރު އެމެރިކާގެ ދިފާޢަށް ޓަކައި ބެހެއްޓުމުގެ ބޭނުންތެރިކަން ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“މި ވަގުތު ހަނގުރާމަ ކުރަމުންދާ ރޮނގުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލަންވީ، އަދި އެއަށް ފަހު ދެ ފަރާތުން ވެސް އެނބުރި ގެއަށް ދާންވީ، ޢާއިލާތައް ކައިރިއަށް ދާންވީ،” ޒެލެންސްކީއާ އެކު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. “[މީހުން] މެރުން ހުއްޓައިލާ. މި ހިސާބުން ނިންމައިލާ. ހަނގުރާމަ ކުރަމުންދާ ހިސާބުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލާ. އަޅުގަނޑު ޒެލެންސްކީ ގާތު މިހެން ދެންނެވިން. ޕުޓިން އަރިހުގައި ވެސް ހަމަ މިހެން ދެންނެވިން.” ޕުޓިންއާ އަލުން ބައްދަލުކުރައްވައި ސުލްޙައިގެ މަޝްވަރާތައް ބޭއްވެވުމަށް ޓްރަމްޕް ނިންމެވުމަކީ ޒެލެންސްކީ އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ. ޓްރަމްޕް ޒެލެންސްކީއާ ބައްދަލު ކުރައްވާފައި މި ވަނީ، ޕުޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ބޭއްވެވުމަށް ފަހުއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާނެ ބޭފުޅަކީ އޭނާ ކަމުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.
“އަޅުގަނޑަށް ހީވަނީ ރައީސް ޒެލެންސްކީ ބޭނުން ވަނީ އެ ގޮތް [ހަނގުރާމަ ހުއްޓައިލުން] ހެން. އަދި، އަޅުގަނޑަށް ހީވަނީ ރައީސް ޕުޓިން ވެސް ބޭނުން ވަނީ ހަމަ އެ ގޮތް ހެން. ދެން ހަދަންވީ ގޮތަކީ ދެ ފަރާތުން ވެސް ކުޑަކުޑަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންވީ،” ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމުގައި ޒެލެންސްކީ ޤަބޫލު ކުރައްވައެވެ. “އަޅުގަނޑުމެން [ހަނގުރާމަ ހުއްޓައިލަން] ބޭނުން. ނަމަވެސް، ޕުޓިން އެ ގޮތް ބޭނުމެއް ނުވޭ،” ޒެލެންސްކީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
