
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވެއްޖެއެވެ. ދެ އަހަރަށް ދެމިގެން ގޮސްފައިވާ ޤަތުލުޢާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. ޙަމާސާއި ޔަހޫދީން ސުލްޙަވުމަށް އެއްބަސްވުމާ އެކު، މެދުއިރުމަތީގެ މަސްރަޙުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ، މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފައެވެ.
ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ރޭވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ. ޔަހޫދީންގެ ޤަތުލުޢާންމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އޮތީ ހޫނުވެފައެވެ. އަދި، އޭގެ ތެރެއަށް އީރާނާއި ޔަމަން އަދި ލުބްނާނުން ވެސް ވަދެފައިވާއިރު، މެދުއިރުމަތީގައި ޒަޔަނިސްޓުންގެ ދައުލަތް ވަނީ އެކަހެރިވެގެން ގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަމުގެ ޚަބަރު ފެތުރެން ފެށުމާ އެކު ޒަޔަނިސްޓު ދައުލަތުގެ އިތުރުން ޣައްޒާގެ ރައްޔިތުން ވެސް ވަނީ އުފާ ފާޅުކުރަން ފަށާފައެވެ. “ޤަތުލުޢާންމު މެދުކަނޑައިލައި ލޭއޮހިރުވުންތަކާއި ޝަހީދު ކުރުންތައް ހުއްޓައިލުމަށް އެއްބަސްވުމުން މާތްاللهއަށް ޙަމްދު ކުރަން،” ޣައްޒާގެ ޚާން ޔޫނިސްގައި ދިރިއުޅޭ ޢަބްދުލްމަޖީދު ޢަބްދު ރައްބޫ ބުންޏެވެ. މި ކަމާ އެކު ޣައްޒާގެ އިތުރުން ޢަރަބި ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފާވެރިކަން ވެރިވެގެން ގެނެސްފައިވާ ކަމުގައި އޭނާ ދެކެއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް ސުވާލު އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ނުހޯދިއްޖެ ނަމަ، ސުލްޙަވުމުގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ފުރުޞަތު އޮތް ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ. “ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް ޙަމާސާއި އިސްރާއީލުން ރުހުންދީފައިވާ ކަން އިޢުލާނު ކުރުމުގެ ފުރުޞަތަކީ އަޅުގަނޑަށް ލިބޭ ބޮޑު ފަޚުރެއް،” މީސްމީޑިޔާގައި ޓްރަމްޕް ލިޔުއްވިއެވެ. “މީގެ މާނައަކީ ވަރަށް އަވަހަށް ހުރިހާ އަސީރުން މިނިވަން ކުރެވިގެން ދާނެއޭ، އަދި އެއްބަސްވެފައިވާ ސަރަޙައްދުތަކުން އިސްރާއީލުގެ ސިފައިން ފައިބައި، ހަރުދަނާ، ދެމެހެއްޓިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމުގެ މަގު ހުޅުވިގެން ދާނެއޭ.” ޒަޔަނިސްޓު ސަރުކާރުގެ ބައްދަލުވުމެއް އޮކްޓޫބަރު 9ވަނަ ދުވަހު ބާއްވައި، އެއްބަސްވުން ތަސްދީޤު ކުރާނެ ކަމުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވެސް ވަނީ ބުނެފައެވެ.
ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވިފައިވާ ކަން ޙަމާސުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޖަމާޢަތުން ބުނީ، އެއްބަސްވުމާ އެކު ޣައްޒާގެ ބިންތަކުން ޔަހޫދީ ސިފައިން ފައިބާނެ ކަމުގައެވެ. އަދި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރެވިގެންދާނެ ކަމުގައެވެ. “އަޅުގަނޑުމެންގެ ރައްޔިތުން ވެފައިވާ ޤުރުބާނީގެ އަގު ދެމިއޮންނާނެ ކަން ކަށަވަރު ކޮށްދެން، އަދި، އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުތަކާއި، މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ވެފައިވާ ވަޢުދުގެ މަތީގައި ދެމިތިބޭނެ ކަމުގެ ޔަގީން ކަން އަރުވަން،” އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމުރުން ދުވަސްވެފައިވާ އުމޫރުންނެވެ. ކުޑަކުދިންގެ އަދަދު އެކަނިވެސް 15,000އަށް އަރާނެ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
