
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މުޅި ހޮސްޕިޓާލިޓީ ސިނާޢަތް ހިފަހައްޓާ މައި ތަނބަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށް ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގައި މިވަގުތު ކުރިއަށްދާ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް “ކޮވެލި” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއްކަމުން، ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫޢަށް އެ މަޝްރޫޢުގެ މަސައްކަތްތައް ވެފައިވާކަމަށެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެންމެ ފުރަތަމަ ބައްދަލުކުރާ މުވައްޒަފުންނަކީ ވީއައިއޭގެ މުވައްޒަފުންކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ ފަތުރުވެރިންނަށާއި ބޭރުން އަންނަ އެކި ފަރާތްތަކަށް ހިތްހެޔޮކަމާއެކު މެޙުމާންދާރީ އަދާކުރުމުގައި އެމްއޭސީއެލްގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް އަދާކުރަމުންދަނީ ޤައުމީ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ވީއައިއޭ އއަރޕޯޓަކީ އިޤްތިޞާދުގެ މައި ސިނާޢަތްތައް ހިފަހައްޓާ މައި ތަނބަށް. އެހެންކަމުން މިއަށްވުރެ ވަކިން މުހިއްމު އެހެން މަސައްކަތެއް ދިވެހި އިޤްތިޞާދުގައި ކުރަން އޮވެދާނެކަމަށް އަޅުގަނޑުމެން އެކަކުވެސް ޤަބޫލެއް ނުކުރާނެ. އެއަރޕޯޓުގެ ތަރައްޤީއަކީ، އެއަރޕޯޓުގެ ޒީނަތްތެރިކަމަކީ، އެއަރޕޯޓަށް އަންނަ ކުރިއެރުމަކީ، އެއަރޕޯޓުގެ މުވައްޒަފުންގެ ހިތްޕުޅުގެ ހިތުގައި އުފެދޭ މެޙުމާންދާރީގެ ޝުޢޫރަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެޙުމާންދާރީއަދާކުރުމާއި، އަދި ދިވެހިރާއްޖޭގެ މޫނުމަތި ސަތައްވުރު ޕޮޒިޓިވްކޮށް، ހިފެހެއްޓުމަށްޓަކައި ތިބޭފުޅުންކުރައްވާ ޤައުމީ ބޮޑު ޖިހާދެއް، މަސައްކަތެއް” ވަޒީރު ސަޢީދު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ޚާއްސަ ޚިދުމަތްތައް ހުރުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށެވެ. އަދި ބިޒްނަސް ލައުންޖާއެކު ވީއައިއޭއަށް ބޮޑުކުރިއެރުމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ލައުންޖްގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލުމަކީ ވީއައިއޭގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާކަމެއްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ވީއައިއޭގެ ލައުންޖްގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނީ، ކޮންޓްރެކްޓަރާއި އަދި ސަރުކާރާއި އެމްއޭސީއެލްގެ އިތުރުން ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން. މިހުރިހާ ފަރާތަކުންވެސް އެހާ ބުރަކޮށް މަސައްކަތްކުރީ މިކަމުގެ މުހިއްމުކަން ޤަބޫލުކުރެވޭތީ. ބޮޑެތި އެއަރލައިންތަކުން ޚިދުމަތް ފެށުމަށްވެސް ކޮންމެހެން ބިޒްނަސް ލައުންޖެއް ހުންނަކަން ކަށަވަރުކުރާނެ” ޝަރީފް ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް، ކޮވެލި ހުޅުވާފައިވަނީ ވީއައިޕީ ފަސިންޖަރުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެތަނުން ލިބޭނެ އިންތިޒާމުތަކާއެކުއެވެ. މިގޮތުން އެއްފަހަރާ 270 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް މިލައުންޖްގައި ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ. އެގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ވަކި ސަރަޙައްދުތަކާއި، ކުޑަކުދިންނަށް ޚާއްސަ ސަރަޙައްދެއް ބިޒްނަސް ލައުންޖްގައި ޤާއިމުކޮށްފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ނުނިމި ހުރިހާ މަސައްކަތެއް ނިންމާ، މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި މުޅި އެއަރޕޯޓު ޚިދުމަތަށް ގެނައުމެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
