
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާނަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް އިންތިހާއަށް ދަތިކުރަމުންނެވެ. އެއާއެކު ކާބޯތަކެތި ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޮގަސްޓު މަހުގެ 17ވަނަ ދުވަހާ ހަމައަށް ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 263 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭހައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.
ޣައްޒާގެ ރައްޔިތުންނަަށް ފުދޭ މިންވަރަށް ކާބޯތަކެތި ނެތީ ކީއްވެ؟
މި އަހަރުގެ މާރިޗު މަހާއި މެއި މަހުގެ މެދުތެރެއާ ހަމައަށް ޔަހޫދީން ވަނީ ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭނޭހެން ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. އެއާއެކު ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ އެއްވެސް ވަރަކަށް އެ ސަހަރަށް ވެއްދިފައެއް ނުވެއެވެ. އޭގެ ސަބަބުން ޣައްޒާއިން ވަނީ އެއްކޮށްހެން ކާބޯތަކެތި ހުސްވެފައެވެ. އެއާއެކު ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ނިކަމެތިވެފައިވާ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހި، ހަށިގަނޑުން ފެން މަދުވުން އިތުރުވިއެވެ. އޮގަސްޓު މަހުގެ 14ވަނަ ދުވަހު، ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަައް ކަމަށްވާ އޮކްސްފެމްއާއި ޑޮކްޓަރސް ވިތައުޓް ބޯޑަރސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއާއި ނޯވެއިޖަން ރެފިއުޖީ ކައުންސިލް ހިމެނޭގޮތަށް 100އަށްވުރެ ގިނަ އެހީދޭ ޖަމާޢަތުން ވަނީ ޔަހޫދީން ކާބޯތަކެތި ހަތިޔާރަކަށް ހެދުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭނެ ސާމާނު ޣައްޒާއަށް ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށް އެ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. ޣައްޒާއަށް ވެއްދުމަށް ތައްޔާރުކޮށްފައިވާ ގިނަ ޢަދަދެއްގެ އެހީގެ ސާމާނު މިހާރު ވެސް ތައްޔާރީ ޙާލަތުގައި ޢުރުދުނާއި މިޞްރުގެ ގުދަންތަކުގައި އެބަހުއްޓެވެ. ގިނަ ޢަދަދެއްގެ ސާމާނު ގުދަންތަކުގައި ހުރި ނަމަވެސް ޣައްޒާގެ ރައްޔިތުން އަދިވެސް ތިބީ ބަނޑަށެވެ.
އޮގަސްޓު މަހުގެ 18ވަނަ ދުވަހު އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖައްސަމުންދަނީ ރާވައިގެން އަދި ގަސްތުގައި ކަމަށް ތުހުމަތުކޮށްފައެވެ. ޔަހޫދީންގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ގެއްލުންދީ، ފަލަސްޠީނުގެ އިޖްތިމާޢީ ފޭރާން ނައްތައިލުން ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. “ޔަހޫދީން ފަރުމާކޮށް ތަންފީޒުކުރަމުންދާ މި ރޭވުމުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަކީ މިއީ. ފާއިތުވި 22 މަސް ދުވަހު ޔަހޫދީން ކުރަމުންދިޔަ މަސައްކަތުގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ގެއްލުންދީ ނިކަމެތިކޮށްލައި، އެމީހުން ޖިސްމާނީ ގޮތުން ހަލާކުކޮށްލައި ފަދަ ގެއްލުންތައް ދިނުން،” އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
2007ވަނަ އަހަރު ޔަހޫދީން ޣައްޒާ ފުރަބަންދު ކުރީއްސުރެ އެ ސަހަރަށް ވަނީ އެހީގެ ސާމާނަށް ބަރޯސާވުމަށް މަޖުބޫރުވެފައެވެ. އޮކްޓޯބަރު 7ގެ ކުރިން ޣައްޒާއަށް ދުވާލަކު 500އެއްހާ ލޮރީގެ ސާމާނު ވައްދައެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 15،000 ލޮރީއެވެ. ނަމަވެސް ޢުދުވާން ފެށުނު ފަހުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ޣައްޒާގައި 2.3 މިލިޔަން ރައްޔިތުން ދިރިއުޅޭއިރު، އެހީގެ ސާމާނު މިހާރު ވެއްދޭ މިންވަރަކީ ޣައްޒާގެ ރައޔިތުންގެ ބޭނުންތައް ފުއްދުމަށް ތަކެތި ބޭނުންވާ މިންވަރާ ގާތް ވެސް ކުރާ ޢަދަދެއް ނޫނެވެ.
މެލްނިއުޓްރިޝަންގެ ސަބަބުން ފުރާނައަށް ނުރައްކާ ވަނީ ކިހާ ހިސާބަކުން؟
އިންސާނުންގެ ހަށިގަނޑު ދިރިހުރުމަށްޓަކައި ބަރޯސާ ވަނީ ކާނާއިން ލިބޭ ގުލުކޯޒުގެ މައްޗަށެެވެ. ކާނާ ލިބޭ މިންވަރު މަދުވުމުން، ހިތުގެ ހިނގުން ދެމެހެއްޓުމަށް ހަށިގަނޑުން ފުރަތަމަ ބޭނުންކުރަނީ ހަށިގަނޑުގައި ރައްކާކޮށްފައިވާ ސަރުބީއެވެ. ނަމަވެސް ބަނޑުހައިހޫނުކަން ދިގުދެމިގެންދާ ނަމަަ ވަކި ހިސާބަކުން ގުނަވަންތައް މަސައްކަތްކުރުން ހުއްޓި، ފުރާނައަށް ނުރައްކާވެއެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ނުލިބުމުގެ ސަބަބުން ކުރިމަތިވާ މެލްނިއުޓްރިޝަން ޙާލަތު މާ ދުވަހަށް ދެމިގެންދާ ނަމަ “ބްރެއިން ފޮގް” ނުވަތަ ސިކުނޑީގެ ވިސްނުން ލަސްވެ، ވާހަކ ދެއްކުން ފަދަ ކަންކަން ކުރުުމަށް އުނދަގޫވެއެވެ. އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް އަސަރުކުރެއެވެ. މެލްނިއުޓްރިޝަންގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށެވެ. އެ ކުދިންގެ ހަށިގަނޑުގައި ރައްކާކުރެވިފައި މާ ބައިވަރު ސަރުބީއެއް ނުހުންނައިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން އެ ކުދިންގެ ބޮޑުވަމުން އަންނަ ހަށިގަނޑާއި ގުނަވަންތަކަށް ގެއްލުން ލިބޭލެއް މާ އަވަހެވެ.
މައިމީހާގެ ބަނޑުގައި ކުއްޖަކު ގަރުބަގަތީއްސުރެ އުފަންވެ އުމުރުން ދެ އަހަރު ފުރުމާ ދެމެދު ފާއިތުވާ 1000އެއްހާ ދުވަހަކީ ކުއްޖެއްގެ ހެދިބޮޑުވުމަށް އެންމެ މުހިންމު ދުވަސްކޮޅެވެ. މެލްނިއުޓްރިޝަންގެ ޙާލަތު، ޚާއްޞަކޮށް މި އުމުރުފުރައިގައި ކުރިމަތިވުމަކީ ކުދިންގެ ތޫނުފިލިކަމާއި ޖިސްމާނީ ހެދިބޮޑުވުމަށް ވެސް ދާއިމީ ގެއްލުންތައް ލިބޭ ކަމެކެވެ. މި ޙާލަތުގައި ކުދިންނަށް ބޭނުންވާ ޚާއްޞަ ފަރުވާ ނުދެވިއްޖެނަމަ ފުރާނަ ގެއްލުން ވަރަށް ގާތެވެ. އެތައް މަހެއް ވަންދެން ޣައްޒާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި އޮތް އޮތުމުގެ ސަބަބުން ހިކި އަނަރޫފަވެ ކަށިކޮޅަކަށްވެފައިވާ ކުދިންގެ ފޮޓޯތައް ފެންނަ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހަށިގަނޑުގެ މިން ނެގުމަށް ބޭނުންކުރާ ޚާއްޞަ އެމްޔޫއޭސީ ޓޭޕުން ކުދިންގެ އަތްދަނޑީގެ މިން ނަގާއިރު އެ މިންތައް ހުންނަނީ ރަތް ޒޯނުގައެވެ. މިން ނަގާއިރު 11.5 ސެންޓިމީޓަރަށްވުރެ ދަށް ޢަދަދެއް ހުރެއްޖެނަމަ، އޭގެ މާނައަކީ މެލްނިއުޓްރިޝަންގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމެވެ. މި ކުދިންނަށް ކުއްލި ޙާލަތުގައި އެމަޖެންސީ ފަރުވާ ދޭން ޖެހެއެވެ. އެ ފަރުވާ ވަގުތުން ވަގުތަށް ނުދެވިއްޖެ ނަމަ އެ ކުދިން މަރުވުން ވަރަށް ގާތެވެ.
ބޭރުފުށުން ފެންނަ އާދަޔާ ޚިލާފު އަނަރޫފަކަމުގެ އިތުރުން، މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ ކުދިންގެ ކިބައިން އެހެން އަލާމާތްތައް ވެސް ފާހަގަވެއެވެ. އެ ގޮތުން ލޯ ވަޅުވަދެ، ހަންގަނޑު ނޮޅި، ބޮލުން އިސްތަށި ފޭބުމުގެ އިތުރުން އާދަޔާ ޚިލާފަށް ބަނޑު ފުއްޕުން ހިމެނެއެވެ. މި ގޮތަށް ބަނޑު ފުއްޕަނީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ ބައި ނުލިބުމުގެ ސަބަބުން ހަށިގަނޑުގައި ފެން އުފެދި ދުޅަވުމުންނެވެ.
އާއްމު ބަނޑުހައިހޫނުކަމެއްގެ ގޮތުގައި ބެލެވެނީ ކިހާ ހިސާބަކުން؟
އާއްމު ބަނޑުހައިހޫނުކަމަކީ ބަނޑުހައިހޫނުކަމުގެ އިންތިހާ ދަރަޖައެވެ. އެ ޙާލަތުގައި ކާބޯތަކެތި ލިބުން ވަރަށް ބޮޑަށް ދަތިވެ، މެލްނިއުޓްރިޝަންގެ ޙާލަތު މުޅި މުޖުތަމަޢުން ފެނެއެވެ. އެ ޙާލަތުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވެއެވެ. ޣައްޒާގެ ޙާލަތު ވަޒަންކުރުމަށް އުނދަގޫވެފައި ވަނީ އެ ސަހަރަށް ވަނުމަށް އޮންނަ ދަތިތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން، ޣައްޒާގެ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތަކުގެ ތެރެއިން ހުރިހާ މަރުކަޒެއްހެން ޔަހޫދީން ވަނީ ސުންނާފަތިކޮށްލައިފައެވެ. އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން، އައިޕީސީން ބުނީ، އާއްމު ބަނޑުހައިހޫނުކަމުގެ ޙާލަތެއް އޮތް ކަމަށް ބެލެވޭނީ ގޭބިސީތަކުގެ 20 އިންސައްތައަށް ކާބޯތަކެތި ލިބުމަށް ވަރަށް ބޮޑަށް ދަތިވެފައިވުމުންނާއި، އާބާދީގެ 30 އިންސައްތައަށް އެންމެ ގޯސް ޙާލަތުގައި މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވުމާއި ދުވާލެއްގެ މައްޗަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ކޮންމެ 10،000 މީހުންގެ ތެރެއިން ދެ މީހުން މަރުވާނަމަ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ވަޑައިގަންނަވަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ 3 އިން...
“ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން”
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން،...
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް"...
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
