
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވާފައިވާ ޝަރުޠުތަކަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ބާރު އަޅުއްވައިފިއެވެ. ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި، ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެނައުމުގެ ބާރު ޒެލެންސްކީގެ އަތްޕުޅުގައި އެބައޮތެވެ. ޕުޓިންގެ ޝަރުޠުތަކަށް ރުހުން ދިނުމަށް ޓްރަމްޕް ޒެލެންސްކީއަށް ބާރު އަޅުއްވަން ފަށްޓަވާފައި މި ވަނީ، ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 18ވަނަ ދުވަހު ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ޒެލެންސްކީ ވޮޝިންގްޓަނަށް ވަޑައިގަންނަވާނެއެވެ. އެ ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، ޕުޓިންއާއި ޓްރަމްޕާ ދެމެދު ދާދި ފަހުން ބޭއްވި މަޝްވަރާތަކުގައި ޕުޓިން ހުށަހަޅުއްވާފައިވާ ޝަރުޠުތައް ޒެލެންސްކީއާ ހިއްސާ ކުރެއްވުމެވެ. އަދި، އެ ޝަރުޠުތަކަށް އެއްބަސްވުމަށް ޒެލެންސްކީއަށް ބާރު އެޅުއްވުމެވެ.
ޕުޓިންއާއި ޓްރަމްޕް ބައްދަލު ކުރައްވާފައި ވަނީ އޮގަސްޓު 15ވަނަ ދުވަހު އެލެސްކާގައެެވެ. އެ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޕުޓިން ވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކު ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައިފި ނަމަ، ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވެފައެވެ. “ރައީސް ޒެލެންސްކީ ބޭނުންފުޅުވެއްޖެ ނަމަ ވަގުތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ބާރު އޭނާގެ އަތްޕުޅުގައި އެބައޮތް، ނަމަވެސް އެއީ އޭނާ އެ ކަމަށް ބޭނުންފުޅުވާ ނަމަ، ނުވަތަ ހަނގުރާމައާއިގެން ކުރިއަށް ދިޔުމަށް ވެސް އޭނާއަށް ނިންމެވިދާނެ،” ޓްރަމްޕް ވިދާޅުވިއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމެއްގެ ދަށުން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ކްރައިމިޔާ ސަރަޙައްދު މިނިވަން ކުރުމަށް އެ ޤައުމުން އިންކާރު ކުރާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެންނަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“މި ކަން ފެށުނު ގޮތް ހަނދުމަ ކުރައްވާ. [އެމެރިކާގެ ކުރީގެ ރައީސް] އޮބާމާ (12 އަހަރު ކުރިން ބަޑީގެ އެންމެ އުންޑައެއް ވެސް ބޭނުން ނުކޮށް) ދެއްވި ކްރައިމިޔާ އަނބުރާ ހޯދުމެއް ނޯންނާނެ، އަދި ނޭޓޯއާ ގުޅުމުގެ ފުރުޞަތެއް ޔޫކްރެއިނަކަށް ނޯންނާނެ. ބައެއް ކަންކަމަކީ ބަދަލު ކުރެވޭނެ ކަންކަމެއް ނޫން،” ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕާއި ޒެލެންސްކީއާ އެކު ބާއްވަވާ ބައްދަލުވުމުގައި ވިލާތުގެ ބައެއް ބާރުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރުންގެ ތެރެއިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރއާއި، ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ހިމެނި ވަޑައިގަންނަވައެވެ. ވިލާތުގެ ކޮމިޝަނުގެ ރައީސާ އަރްސެލާ ފޮން ޑެ ލަޔަން ވެސް ވޮޝިންގްޓަނަށް ވަޑައިގަންނަވާނެއެވެ. ރަޝިޔާއަށް ފައިދާވާނެ ގޮތަށް ޓްރަމްޕް އެއްބަސްވުމެއް އެކުލަވައިލުމަކީ އެ ބޭފުޅުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ޕުޓިންގެ ޝަރުޠުތަކަށް އެއްބަސްވުމަށް ޓްރަމްޕް ޒެލެންސްކީއަށް ގޮވައިލެއްވުމާ އެކު، ޒެލެންސްކީ ވަނީ އެ ކަމަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ އަތްދަށަށް ކްރައިމިޔާ ދޫކޮށްލުމާ އެކު، ޔޫކްރެއިނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށްޓެވުމަށް ޕުޓިންއަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމުގައެވެ. “ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމަ ކުރަމުން މި ދަނީ ޤައުމާއި، ބިމާއި، މިނިވަން ކަމުގެ ދިފާޢުގައި،” ޒެލެންސްކީ ވިދާޅުވިއެވެ. ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ފުރުޞަތު ހުޅަނގުގެ ބާރުތަކަށް ދިނުމަށް ވެސް ޕުޓިން ވަނީ ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެ ވަޑައިގަންނަވާފައެވެ. ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ޕުޓިން ހުރަސް އެޅުއްވި ނަމަވެސް، ނޭޓޯގެ މެންބަރު ޤައުމުތަކަށް ލިބިދޭ ސަލާމަތާއި ރައްކާތެރިކަން ޔޫކްރެއިނަށް ވެސް ފޯރުކޮށްދިނުމަށް އިއުތިރާޒު ނުކުރެއްވުމަށް ޕުޓިން އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
