Read Time:6 Minute, 16 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި ވަނީ މެލޭޝިއާއަށް އެމަނިކުފާނު ވަޑައިގަތުމުން ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި ގާތްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި ޞިއްހަތާއި އިޤުތިޞާދީ ތަރައްޤީއާއި ޑިޖިޓަލައިޒޭޝަނާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިވެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަޢުލީމާއި ޞިއްހަތާއި ކުޅިވަރާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާއާއި ޑިޕްލޮމެޓުން ތަމްރީންކުރުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުމުން އުފާކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް ކިޔައިދެވި ކާމިޔާބު ރާއްޖެ-މެލޭޝިއާ ބިޒްނަސް ފޯރަމެއް ބޭއްވުނުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

މި ފޯރަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިންނެވިކަމަށްޓަކައި ރައީސް ޝުކުރުވެސް އަދާކުރެއްވިއެވެ. ރައީސް ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށެވެ.

 

 

 

މި ދަތުރުފުޅާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޑިޖިޓަލްގެ ދާއިރާއާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ދާއިރާއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

 

ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިއާއިން އޮތީ ރާއްޖެއާއި ސަރަހައްދީ ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.

 

 

 

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތަކެއް ބަދަލުކޮށްފައިވެއެވެ. މި ދަތުރުފުޅުގައި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %