Read Time:20 Minute, 21 Second

 

 

ދިވެހީންގެ ސަމާލުކަން މިހާރު އެ މައްސަލައަކަށް އެންމެ ބޮޑަށް ހުއްޓިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ފުރާޅު މައްޗައް 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިފަޢި އޮތްވާ ފެނުނު ހިތާމަވެރި ހާދިސާއަށެވެ. އެތައް ބަޔަކު އެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ނިމިދިޔަ ސަރުކާރުތަކުގައި ކަންކަން ހިނގާފައި އޮތް ގޮތުން ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއް ކުރިއަށްގެންދެވިދާނެކަމާމެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް މީގެކުރީ ސަރުކާރުތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް “ރިއެކްޓްނުކޮށް”، އަޅާނުލައި އޮތްނަމަވެސް، މިއަދުގެ ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ހިތްވަރު ލިބިފައިވާ ސަރުކާރެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ގެންދަވަނީ މިމައްސަލާގައި ސާބިތުކޮށްދެއްވަމުންނެވެ.

 

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައިވާ އޮތް ފެނުނު ޒުވާނާގެ މައްސަލާގައި މުއައްސަސާތަކުން ހިންގާ ތަހުގީގާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފެށުމުން ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ވަނީ ޒުވާނާ ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. ޒުވާން ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގެ އިތުރުން، އެ މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް މުއައްސަސާއެއްގެ އިހުމާލު އޮތްތޯ ބެއްލެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނުއްވާފައެވެ.

 

ނިމިދިޔަ ސަރުކާރުތަކުގައި އެކި ކަންކަމަށް މަސްއޫލިއްޔަތެއް، ބާރެއް ނެތި، ސިޔާސީ އެކްޓިވިސްޓުން ހިމަނައިގެން ނަމެއްގައި ކޮމިޝަންތައް އުފެއްދިނަމަވެސް، ރައީސް މުޢިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނަކީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ، އަދި ކުރަންވީ ކީއްކަން ސާފުކޮށް ބަޔާންކޮށް ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނެކެވެ.

 

 

 

 

 

ކޮމިޝަނުގެ މެންބަރުން

 

  • ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)
  • ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ

 

5 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަކީ ޢިލްމެއް ތަޖުރިބާއެއް ނެތް ސިޔާސީ އެކްޓިވިސްޓުންގެ ބަދަލުގައި، އިލްމީ، ގާބިލް، އަދި ނަޒާހަތްތެރި ތަޖުރިބާކާރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. 5 މެމްބަރުން ހިމެނޭ ކޮމިޝަނަށް އައްޔަންކޮށްފައިވާ ހުރިހާ ބޭފުޅުންނަކީވެސް ދިވެހި މުޖްތަމައުގައި ގަދަރުވެރި، އަދި އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް، އިލްމީ އަދި އެކި ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅުންތަކެއްކަން އެ ބޭފުޅުންގެ ވަނަވަރަށް ބަލާލުމުން ހަމާވެއެވެ.

 

 

 

 

ޑރ.މުހައްމަދު މުނައްވަރު (ކޮމިޝަނުގެ ރައީސް)

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ތިއްބެވި އެންމެ ފުންނާބު އުސް އަދި އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރމުހައްމަދު މުނައްވަރެވެ. ސައިންސް އޮފް ލޯއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު ވަނީ 1993 ވަނަ އަހަރުން 2003 ވަނަ އަހަރަށް ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމު އަދާކުރައްވާފައެވެ. ދައުލަތާއި ސަރުކާރުގެ އެކި މަގާމުތަކުގައި ހުންނަވައިގެން އެތައް މަސްއޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ މުނައްވަރަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް އިހްތިރާމް ލިބިފައިވާ ޢިލްމީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. މުނައްވަރު ފާހަގަވެފައިވަނީ އޮންނަންޖެހޭ ހަމަތަކާއި އުސޫލުން ބޭރުން ކަމެއް ހިނގާނަމަ. އެއީ ކިތަންމެ ގާތް މީހަކަށްވިޔަސް، ނުވަތަ ސިޔާސީ ބައިވެރިޔަކަށްވިޔަސް އެކަމަކާ ދެކޮޅަށް ތެދުވެ، ފާޅުގައި ނޫނެކޭ ބުނަން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތެއް ނުކުރެވޭ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުނައްވަރަކީ ބަޔަކު ބޭނުންވާހާ ގޮތަކަށް ނުފޫޒު ފޯރުވުމަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫންކަން ގިނަ ބަޔަކު ގަބޫލުކުރާނެއެވެ. އެހެންކަމުން ކޮރަޕްޝަންގައި ޖެހި ނަފްސު ވިއްކާނުލާނޭކަން ސާބިތުކޮށްދެއްވާފައިވާ ޑރ.މުނައްވަރުފަދަ ބޭފުޅަކު ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ތަހުގީގުކުރަން އެކުލަވާލާ ކޮމިޝަނެއްގެ ވެރިޔަކަށް އައްޔަންކުރެއްވުމަކީ އެކޮމިޝަނަަށް ލިބޭ އިލްމީ ދިރުމެއްގެ އިތުރުން، އެކޮމިޝަނުގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަންވެސް ބޮޑުވެގެންވާދާނޭކަމެއްކަން ޔަގީނެވެ.

 

 

 

 

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަހުމަދު މުހައްމަދު

 

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަހުމަދު މުހައްމަދަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 23 އަހަރު އިހްލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައިވާ، ގައުމަށް ވަފާތެރި ބޭފުޅެެކެވެ. އަސްކަރިއްޔާގައި އިސް މަގާމުތަކެއް އަދާކުރެއްވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަހުމަދު މުހައްމަދު ވަނީ 2012 ވަނަ އަހަރު އަސްކަރިއްޔާގެ ދެވަނައަށް އެންމެ އިސް މަގާމުކަމުގައިވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރަޢްވާފަޢެވެ. 2015 ވަނަ އަހަރު އަސްކަރިއްޔާއިން ވަކިވެވަޑައިގެންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަހުމަދު މުހައްމަދުގެ އިހްލާސްތެރި އަސްކަރީ ހިދުމަތްތަކާއި ހެޔޮ އަހުލާގު ފާހަގަކޮށް ދައުލަތުން ދެއްވާފައިވާ ކުލައާއި މެޑަލްއާއި އެވޯޑްތަކަކީ އޭނާގެ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަން ހާމަކޮށްދޭ ހެކިތަކެކެވެ.

 

 

 

 

އައިމިނަތު އީނާސް

 

އިންސާނީ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި އިޖްތިމާއި އަދާލަތުގެ ދާއިރާއިން މަތީ ތަޢުލީމާއި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި އިނާސް ވަނީ ކުޑަކުދިންގެ ސައިކޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ، އިޖްތިމާއި މަސައްކަތުގެެ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި ކްރިމިނޮލޮޖީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

 

ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި އެހެނިހެންވެސް އަސާސީ ހައްގުތަކަށް ވަކާލާތުކުރެއްވުމުގައި ފާހަގަކޮށްލެވޭ އިނާސް ވަނީ 2015 އިން 2019 އަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭގެކުރިން އިނާސް ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމާޢި އަދި އިޖްތިމާއި ދާއިރާއާ ގުޅުންހުރި މަސައްކަތްކުރާ އެހެން ބައެއް މުއައްސަސާތަުގައިވެސް ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.

 

 

 

 

ޑރ.މޫސާ މުރާދު

 

ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން މެޑިސިން ޑރ. މޫސާ މުރާދަކީ ގިނަ ދިވެހިން ދަންނަ އެތެރޭ ހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އައިޖީއެމްއެޗުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. މޫސާ މުރާދު މަތީ ތައުލީމް ޙާޞިލް ކުރައްވާފައިވަނީ ނޭޕާލާއި ޕާކިސްތާނުންނެވެ. މެޑިކަލް ކައުންސިލާއި ޑެންޓަލް ކައުންސިލްގެ މެންބަރުކަމުގެ އިތުރުން، ނެޝަނަލް ހެލްތު ކެއަރ އެކެޑަމީގެ ވައިސް ޑީންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ. މޫސާ މުރާދު ފާހަގަވެފައިވަނީ އޭނާގެ މަސައްކަތުގައި ނަޒާހަތްތެރި އަދި އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަށް ވަރަށް ބޮޑަަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

 

 

 

 

ޖަބީން މުހައްމަދު

 

ޖަބީން މުހައްމަދަކީ ނަރުހެއްގެ ގޮތުގައި 22 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސިއްހީ ފަރުވާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނެވުމުގެ އަޒުމުގައި ހުންނެވި ޖަބީން ވަނީ ނާސިން ދާއިރާއިން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ހާސިލުކުރައްވާފައެވޭ. އަދި ޖަބީން މިހާރު ގެންދަވަނީ ހެލްތު ކެއަރ މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ޙާޞިލް ކުރައްވަމުންނެވެ. ނަރުހުންނަކީ ބަލި މީހުންނާއި ގާތުން، އަޅާލުމާއި އޯގާތެރިކަމައެކު މަސައްކަތް ކުރަންޖެހޭ ބަޔަކަށްވާއިރު އެ ދާއިރާއިން ޖަބީންޢަށް ލިބިފައިވާ މީހުންގެ އިހްތިރާމާއި އިތުބާރަކީ އޭނާ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަން ހާމަކޮށްދޭ ކަންތައްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު އެކުލަވާލި ހާއްސަ ކޮމިޝަނުގެ މެމްބަރުންނަށް ބަލާލުމުން ފެންނަނީ މައިގަނޑު އެއް ސިފަތަކެކެވެ. އިލްމީ، ތަޖުރިބާކާރު، ނަޒާހަތްތެރި، އިހްލާސްތެރި އަދި އިތުބާރާއި އިޙްތިރާމެވެ. އެހެންކަމުން އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާގެ ސަބަބުން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަހުގީގަކަށް ވާނޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކޮމިޝަނުގެ މަސައްކަތްތައް ފައްޓާފައިވާއިރު ތަހުގީގު ނިންމުމަށް ވަގުތު ބޭނުންވާނޭކަން ރައްޔިތުން ގަބޫލުކުރަންޖެހެއެވެ. މީހަކަށް ލިބޭ އަނިޔާއެއް ނާޖާއިޒު ފައިދާ ނަގައިގެން، ސިޔާސީ ބޭނުމަށް ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ފަތުރާހާ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި ބުއްދީގެ ބޭނުންކޮށް، ކަންކަމާއިމެދު އަމިއްލައަށް ވިސްނާ ފިކުރުކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވާ ޔަގީންކަމަކީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށް، މަގާމަކަށް އާއިލާއަކަށް ބެއްލެވުމެއް ނެތި ގާނޫނު ތަންފީޒުކުރައްވާނެކަމުގެ ޔަގީންކަމެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވި އިރުވެސް ދައުލަތުގެ ތެރޭގައި ޒަމާންތަކެއް ވަންދެން މޫލާފައި އޮތް ކޮރަޕްޝަނާއި ނޭދެވޭ ނުުފޫޒުތަކުގެ ބާރުން ދައުލަތް ސަލާމަތްކޮށްދޭނެކަމުގެ ޔަގީންކަމެވެ. އިންސާފަކީ ވަކި ބަޔަކަށް އެކަނި ލިބޭ ހައްގެއްގެ ބަދަލުގައި، ނުވަތަ ގާނޫނަށްވުރެ މަތީގައި އުޅުމުގެ ބާރު ވަކި ބަޔަކަށް އޮންނަ ގޮތުން ނިމުމަކަށް ގެންނަވައި، ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އަދުލްއިންސާފު ގާއިމުކޮށްދޭނެކަމުގެ ޔަގީންކަމެވެ. ވިދާޅުވާ ބަސްފުޅުން ރައްޔިތުންނަށް ޔަގީންކަން ދެއްވުމުގެ އިތުރުން، ވިދާޅުވާ ގޮތަށް ކަންކަން ކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ޒުވާން ޢަންހެން ކުއްޖާއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ރައްޔިތުންނާއި ދެކޮޅަށް ކަރުނަ ގޭހާއި ޕެޕާރ ސްޕްރޭ ބޭނުންކުރުމުގެ ބަދަލުގައި، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަަަކަށް ފިޔަވަޅު އަޅުއްވައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން އިސްލާހުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވާ ޔަގީންކަމަށް އިތުބާރު ކުރަންޖެހޭ ސަބަބުތަކެކެވެ.

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %