
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ފަހު ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައިވާ ޙުސައިން އަލް-ޝައިޚް ކަމުގައި ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ން ހާމަކޮށްފިއެވެ. އަލް-ޝައިޚަކީ ޢައްބާސްގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި، ޒަޔަނިސްޓު އިސްރާއީލާ އެކު ގާތް ގުޅުއްތަކެއް ބާއްވަވަމުން ގެންދަވާ ބޭފުޅެއް ކަމުގައި ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.
ފަލަސްޠީނުގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ސަރުކާރު ހިންގަނީ ޕީއެލްއޯގެ ގުޅިފައިވާ އިއްތިޙާދަކުންނެވެ. ޕީއޭ އަދި ޕީއެލްއޯ ހިންގުމުގެ މަސްއޫލިއްޔަތުތަކާ 89 އަހަރުގެ ޢައްބާސް ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ 2004ވަނަ އަހަރު ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރް ޢަރަފާތު އަވަހާރަވުމާ ގުޅިގެންނެވެ. ޕީއޭގެ ރައީސް ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ހުޅަނގުން، ޚާއްޞަ ގޮތެއްގައި ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައި އެމެރިކާއިން ދަނީ ޢައްބާސަށް ބާރު އަޅަމުންނެވެ.
އަލް-ޝައިޚަކީ ކޮން ބޭފުޅެއް؟
ޣައްބާސަށް ފަހު ޕީއޭގެ ރައީސް ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުއްވުމަަށާއި، ޕީއޭގެ ހިންގުން ހަރުދަނާ ކުރުމަށް އިސްލާޙީ ފިޔަވަޅުތަކެއް އެޅުއްވުމަށް އޭނާ ކުރިން ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް، އޭނާއަށް ފަހު ވެރިކަމާ ދެން ޙަވާލުވެ ވަޑައިގަންނަ ވާނީ އަލް-ޝައިޚް ކަމުގައި ޕީއެލްއޯން މި ވަނީ އިޢުލާނު ކޮށްފައެވެ. 1960ވަނަ އަހަރު އުފަންވެ ވަޑައިގަތް އަލް-ޝައިޚަކީ ޕީއެލްއޯގައި ބައިވެރިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ، ފަތުޙު ޖަމާޢަތުގެ އިސް މެންބަރެކެވެ.
ޕީއެލްއޯން ބުނީ، ޢައްބާސަށް ފަހު ރައީސް ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކީ އަލް-ޝައިޚް ކަމުގައި ކަނޑައަޅުއްވައި، ޢައްބާސްގެ ނިންމުން ޕީއެލްއޯގެ ހިންގާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމުގައެވެ. އަދި، ޕީއެލްއޯގެ ނައިބު ރައީސް ކަމުގެ މަޤާމަށް އަލް-ޝައިޚް ޢައްޔަން ކުރުމަށް އެ މަޖިލީހުން ފާސްކޮށްފައިވާ ކަމުގައެވެ. އަލް-ޝައިޚަކީ އިސްރާއީލާ އެކު ގާތް ގުޅުންތަކެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައި ހުޅަނގުގެ މީޑިޔާތަކުން ސިފަ ކޮށްފައިވާއިރު، އޭނާއަކީ ދީނީ ވިސްނުމަށްވުރެ ކަމުގެ ޙަޤީޤަތް އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ވެސް މީޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
1993ވަނަ އަހަރު ޔަހޫދީންނާ އެކު އެކުލަވައިލި އޮސްލޯ އެއްބަސްވުމަށް ފަހު ޕީއެލްއޯގައި ބާރު ހިންގަނީ ފަތުޙު ޖަމާޢަތުންނެވެ. ފަލަސްޠީނުގައި އެންމެ ފަހުން ޢާންމު އިންތިޚާބެއް ބާއްވާފައި ވަނީ 2005ވަނަ އަހަރުއެވެ. ޕީއެލްއޯ އަދި ފަތުޙު ޖަމާޢަތުގައި އަލް-ޝައިޚް އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާއިރު، 1978ވަނަ އަހަރު ޔަހޫދީ ފައުޖުން ވަނީ އޭނާ ހައްޔަރުކޮށް ޖަލަށް ލާފައެވެ. ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވުމުގެ ކުށުގައި ޖަލުގައި އަނިޔާ ދިނުމަށް ފަހު އޭނާ މިނިވަން ކޮށްފައި ވަނީ 1989ވަނަ އަހަރުއެވެ. މި ވަގުތު އޭނާއަކީ އިސްރާއީލާ އެކު ބާއްވާ މަޝްވަރާތަކުގައި ޕީއޭގެ ސަރުކާރު ތަމްސީލު ކުރައްވާ އެންމެ އިިސް މަންދޫބެވެ.
ނިމުމެއް ނެތް ޣައްޒާ ނަސްލުހޭދަ
ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ވެރިކަންކުރާ ޕީއޭއަކީ ބާރުތައް ހަނި ސަރުކާރެކެވެ. ފަލަސްޠީނުގެ ބިންތައް އޮތީ ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމުގެ މުށުތެރޭގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކާ ގުޅޭ ގިނަ ނިންމުންތަކުގެ ބާރު އޮތީ ޔަހޫދީންގެ ކިބައިގައެވެ. ޕީއޭގެ ހިންގުން އިސްލާޙު ކުރުމަށް އެމެރިކާގެ އިތުރުން ގަލްފުގެ ބައެއް ޤައުމުތަކުން ވެސް ދަނީ ބާރު އަޅަމުންނެވެ. އެއީ، ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކާއި ޔަހޫދީ ފައުޖާ ދެމެދު ކުރަމުންދާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށުމާ އެކު، ޕީއެލްއޯ އިސްލާޙު ކުރުމަށް ބާރުއެޅުން އެމެރިކާއިން އިތުރު ކުރިއެވެ. ޣައްޒާގައި ވެރިކަން ކުރަނީ ފަތަޙު ޖަމާޢަތާ ވާދަވެރި ޙަމާސް ޖަމާޢަތުންނެވެ. ނަސްލުހޭދައިގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ސުންނާފަތިކޮށް، 61,700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. ޔަހޫދީންގެ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
ފަލަސްޠީނުގެ މިނިވަން ކަމަށް ނަތަންޔާހޫ ހުރަސް އެޅުން
ޣައްޒާގެ ވެރިކަމާ ޕީއޭން ޙަވާލުވުމަށް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމުގައި މާލީ ގޮތުން އެހީތެރި ކަން ފޯރުކޮށްދޭނެ ކަމުގައި ބުނެފައިވާ ގަލްފުގެ ގިނަ ޤައުމުތަކުން ވެސް ދަނީ ޣައްޒާގެ ވެރިކަމުން ޙަމާސް ދުރު ކުރުމަށް ބާރު އަޅަމުންނެވެ. އަދި، ޕީއޭ އިސްލާޙު ކުރުމަށް ވެސް ގޮވައިލަމުންނެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަމުން ދަނީ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. އަދި، ޣައްޒާގެ ވެރިކަން ޕީއޭއާ ޙަވާލު ކުރުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އިޢުތިރާޟު ކުރަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކަމުން ސަލާމަތްކޮށް، އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވެސް އޭނާ ގެންދަނީ އިންކާރު ކުރަމުންނެވެ. އަޅުވެތި ކަން ހުއްޓައިނުލާނެ ކަމުގައި ފާޅުގައި ބުނަމުންނެވެ. އޭނާގެ އަނިޔާވެރި ކަން ނިމުމަކަށް ގެނައުމަށް މުޅި ދުނިޔެ ވަނީ ނުކުޅެދިފައެވެ.
އޭޕްރިލް 23އިން 24އަށް ބޭއްވި ޕީއެލްއޯގެ މައި މަޖިލީހުގެ ބައްދަލުވުމުގައި ޢައްބާސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޣައްބާސް ވަނީ ޕީއޭގެ ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމަށް ފާސް ކޮށްފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، އެއީ ކޮން ބޭފުޅެއް ކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަދި، ހަތިޔާރު ބަހައްޓައި، ޕީއޭއާ ޣައްޒާގެ ވެރިކަން ޙަވާލު ކުރުމަށް އޭނާ ވަނީ ޙަމާސް ޖަމާޢަތަށް ގޮވައިލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
