
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ހަ ހަފުތާގެ ތެރޭގައި ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން އެމެރިކާގެ ހަ ރީޕަރ ޑްރޯން ވައްޓާލައި 200 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ދީފިއެވެ. މިއީ ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކުގައި އެ ޖަމާޢާތުން އެމެރިކާއަަށް މިހާތަނަށް ދީފައިވާ އެންމެ ބޮޑު ގެއްލުމެވެ. އެމެރިކާގެ ދިފާޢީ އޮފިޝަލުން މަޢުލޫމާތު ދިން ގޮތުގައި ޙޫޘީން އެ ޤައުމުގެ ޑްރޯންތައް ޔަމަނު މަތިން ވައްޓާލާފައި ވަނީ މާރިޗު މަހުގެ 21ވަނަ ދުވަހާއި އޭޕްރިލް މަހުގެ 22ވަނަ ދުވަހާ ދެމެދެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް ތިން ޑްރޯން ވައްޓާލާފައިވެއެވެ. އެއާއެކު އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތަކުން ދިފާޢުވެ، ބަދަލުގައި ޙަމަލާ ދިނުމުގައި ޙޫޘީންގެ ޤާބިލުކަން އިތުރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.
ޙޫޘީން ވައްޓާލި ކޮންމެ ޑްރޯނެއްގެ އަގު 30 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ ޑްރޯންތައް ޔަމަނު މަތީގައި ޙަރަކާތްތެރިވަމުން ދިޔައީ މަޢުލޫމާތު އެއްކުރުމުގެ ބޭނުމުގައި ނޫނީ ޙަމަލާ ދިނުމުގެ ބޭނުމުގައެވެ. އެ ޑްރޯންތަކަށް އަމާޒު ކޮށް ޙޫޘީން ޙަމަލާ ދިނުމުން އެ ހަތިޔާރުތައް ވަނީ ބިމަށް ނޫނީ ކަނޑަށް ވެއްޓިފައެވެ. އެމެރިކާއިން ބުނީ މާރިޗު މަހުގެ 31ވަނަ ދުވަހާއި އޭޕްރިލް މަހުގެ 3، 9، 13، 18، 19، އަދި 22ވަނަ ދުވަހު ވެސް ޙޫޘީން ޑްރޯންތައް ވައްޓާލާފައިވާ ކަމަށެވެ.
ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢޫދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.
އެ ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ. މި ސަބަބުތަކަށްޓަަކައި އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ފަރާތުން ޔަމަނަށް އަމާޒު ވަމުންދާ ޙަމަލާތައް ވަނީ ގިނަ ވެފައެެވެ. މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙޫޘީންނާ ދެކޮޅަށް ޙަމަލާތައް ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވައިފައެވެ. އެ ގޮތުން ޔަަމަނުގެ ސަރަޙައްދުތަކުގެ ތެރެއިން ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތަކަށް އަމާޒު ކޮށް އެމެރިކާއިން ދެމުންދާ ޙަމަލާތަގައި ޔަމަނުގެ ގިނަ ޢަދަދެއްގެ ޢާންމުން ވަނީ ޝަހީދު ވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ޑޭވް އީސްޓްބާން ވިދާޅުވީ އެމެރިކާއިން މިހާތަނަށް ޔަމަނުގެ 800 އަމާޒަކަށް ކާމިޔާބުކަމާއެކު ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި އަސްކަރީ ކޮމާންޑު މަރުކަޒުތަކާއި ބަޑިގުދަންތަކާއި ވައިގެ ދިފާޢީ ނިޒާމުތަކަށް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޙަމަލާތަކުގައި ޙޫޘީ ހަނގުރާމަވެރިންނާއި އެ ޖަމާޢަތުގެ އިސްވެރިން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ޙޫޘީންނަށް އަމާޒު ކޮށް ދޭ ޙަމަލާތަކުގައި މީގެ ކުރިން މައިގަނޑު ގޮތެއްގައި ގެއްލުން ދީފައި ވަނީ އިމާރާތްތަކާއި ބިނާރަށެވެ. ނަމަ ވެސް އެ ޤައުމުން މިހާރު ދެމުންދާ ޙަމަލާތަައް އަމާޒު ކުރަނީ ސީދާ ޙޫޘީ ޖަމާޢަތުގެ މެންބަރުންނަށެވެ. ޙަމަލާ ދިނުމުގައި އެމެރިކާއިން މި ގޮތަށް ޢަމަލު ކުރަމުން މި ދަނީ ޙަމަލާތަކުގައި ޝަހީދުވާ ޢާންމުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ޖަމްޢިއްޔާތަކުން ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިނގިރޭސިވިލާތުގެ މި ފަދަ ޖަމުޢިއްޔާއެއް ކަމަށްވާ އެއަރވޯސުން ބުނީ މާރިޗު މަހުގެ ތެރޭގައި އެމެރިކާއިން ދިން ޙަމަލާތަކުގައި ޝަހީދުވި ޢާންމުންގެ ޢަދަދު ހުރީ 27އާއި 55ކާ ދެމެދު ކަމަށެވެ. އޭޕްރިލް މަހުގެ މިހާތަނަށް ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވެސް އެއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. ހިނގަމުން މިދާ އޭޕްރިލް މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ ޔަމަނުގެ މުހިންމު ސަރަޙައްދެއް ކަމަށްވާ ރައުސު ޢީސާ ބަނދަރަށާއި ޙުދައިދާއަށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި 80 މީހުން ޝަހީދުވެ 150 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މިދިޔަ ހޯމަ ދުވަހު ވެސް އެމެރިކާއިން ވަނީ ޔަމަނުގެ ވެރިރަށް، ސަންޢާއަށް ޙަމަލާއެއް ދީ 12 މީހުން ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގައި 30 މީހުންނަށް ޒަޚަމްވެފައިވެއެވެ.
އެމެރިކާއިން ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދުވަމުން ދާތީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ކަމުގައިވާ ކްރިސް ވޭން ހޮލެންއާއި އެލިޒަބެތު ވޮރެންގެ އިތުރުން ޕީޓް ހެގުސެތު ވަނީ ޙަމަލާތަކުގެ ސަބަބުން ޢާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިިންމާ ޢަދާ ނުކުރަނީތޯ ސުވާލު އުފައްދަވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
