
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ޤާބިލު ކަން އިތުރު ކުރުމުގެ ގޮތުން، އެ ސަރަޙައްދާއި އިންޑިޔާ ކަނޑުގެ ސަރަޙައްދަށް އިތުރު އަސްކަރީ މަތިންދާބޯޓު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަން އެ ޤައުމުގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ހާމަކޮށްފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެ ތަންތަނުގައި ތިބި އިސްތިޢުމާރީ ސިފައިންގެ ޤާބިލު ކަން އިތުރު ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އަމުރަށް ކަމުގައި ޕެންޓެގަނުން ހާމަކުރިއެވެ.
އެމެރިކާއިން މެދުއިރުމައްޗާއި އިންޑިޔާ ކަނޑުގެ ސަރަޙައްދަށް އިތުރު ހަތިޔާރު ފޮނުވަން ފަށާފައި މި ވަނީ އެ ސަރަޙައްދުގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ޔަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބާރުވެރިކަމާއި ޤާބިލު ކަން އިތުރު ކުރުމުގެ ގޮތުން ފޮނުވާފައި ވަނީ ކޮން މަރުކާއެއްގެ އަސްކަރީ މަތިންދާބޯޓުތަކެއް ކަން ޕެންޓެގަނުން ސާފުކޮށްދީފައެއް ނެތެވެ. ނަމަވެސް، އެމެރިކާގެ މަޞްދަރުތަކުން ބުނީ، އިންޑިޔާ ކަނޑުގެ ޑިއެގޯ ގާސިޔާގައި ޤާއިމު ކޮށްފައިވާ އެމެރިކާއާއި އިނގިރޭސިިލާތުގެ އަސްކަރީ މަރުކަޒަށް ބީ-2 މަރުކާރުގެ އިތުރު އަސްކަރީ މަތިންދާބޯތައް ފޮނުވާފައިވާ ކަމުގައެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ޙަމަލާ ދިނުމަށް ހިންގާ އަސްކަރީ ކެމްޕޭންތަކުގައި އެމެރިކާގެ އަސްކަރިއްޔާއަށް ޑިއެގޯ ގާސިޔާގައި އޮތް އަސްކަރީ މަރުކަޒު ބޭނުން ކުރެވޭނެއެވެ.
ނުރައްކާތެރި ބީ-2 އިންޑިޔާ ކަނޑަށް
އަސްކަރީ ދާއިރާގެ މާހިރުން ބުނީ، ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ މެދުއިރުމަތީގެ ޤައުމުތަކަށް ޙަމަލާ ދިނުމަށް ހިންގާ ކެމްޕޭންތަކުގައި ބޭނުން ކުރެވޭނެ، ނުރައްކާތެރި ބޮން އަޅާ މަތިންދާބޯޓެއް ކަމުގައެވެ. އަދި، ދުޝްމަން ޤައުމުތަކުގެ ރާޑަރުތަކަށް ސިއްރިޔާތުގައި ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ ‘ސްޓެލްތު’ މަތިންދާބޯޓެއް ކަމުގައެވެ. އެއީ، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެންމެ ނުރައްކާތެރި، އަދި އެންމެ ފަނާކުރަނިވި ބޮން އުފުލުމުގެ ޤާބިލު ކަން ވެސް ލިބިފައިވާ މަތިންދާބޯޓެކެވެ.
“އީރާނާއި އެ ޤައުމުން ބާރު ހިންގާ ގުރޫޕުތަކުން މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި، އެމެރިކާގެ މަސްލަޙަތު އޮތް ސަރަޙައްދުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދެމުންދާ ނަމަ، [އެމެރިކާގެ] ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅާނެ،” ޕެންޓެގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވިއެވެ. ޑިއެގޯ ގާސިޔާއަށް އެމެރިކާއިން ފޮނުވާފައިވާ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކުގެ އަދަދު ސާފެއް ނޫނެވެ. އަދި، އެ އަދަދު ސާފުކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދެކޮޅު ހަދާފައެވެ. މެދުއިރުމަތީގެ ސަރަޙައްދުތަކުގައި މިހާރު ވެސް އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ މަރުކަޒުތައް އޮވެއެވެ. އަދި، ގިނަ އަދަދެއްގެ އިސްތިޢުމާރީ ސިފައިން ޤާއިމުކޮށްފައި ތިބެއެވެ. މެދުއިރުމަތީގައި އަސްކަރީ ބާރުވެރި ކަން އިތުރު ކުރުމުގެ ގޮތުން އެ ސަރަޙައްދަށް މަތިންދާބޯޓު އުފުލާ ދެ މަނަވަރު ފޮނުވުމަށް ވެސް އެމެރިކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ޓްރަމްޕްގެ އިންޒާރުތަކަށް ޚާމަނާޢީގެ ރައްދު
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ޤާބިލު ކަން އިތުރު ކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުން މި ދަނީ، އީރާނަށް ބޮންއަޅަން ފަށާނެ ކަމުގައި ވިދާޅުވެ، ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އޭނާ ވަނީ އެ ޤައުމުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީއަށް ދަޢުވަތު އަރުވާފައެވެ. ނަމަވެސް، ޚާމަނާޢީ ވަނީ އެ ދަޢުވަތަށް ދެކޮޅު ހައްދަވާފައެވެ. އީރާނަށް ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވާފައި މި ވަނީ، އޭނާގެ ދަޢުވަތު ޤަބޫލު ކުރުމަށް ޚާމަނާޢީ އިންކާރު ކުރެއްވުމުން އެ ކަން ހަޖަމު ނުވެގެންނެވެ.
ޓްރަމްޕްގެ އިންޒާރަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، ޓްރަމްޕްގެ އިންޒާރާ އެއްގޮތަށް އެމެރިކާގެ އަސްކަރިއްޔާއިން އަމަލުކޮށް، އީރާނަށް ޙަމަލާ ދޭން ފަށައިފި ނަމަ، އެމެރިކާއާ ދެކޮޅަށް އީރާނުން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓްރޯލު ކުރުމަކީ ޓްރަމްޕްގެ އަމާޒެކެވެ. އެ ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެއްބަސްވުމެއް އެކުލަވައިލުމަށް ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ މާރިޗު މަހުގެ ކުރީކޮޅުގައެވެ. “އެމެރިކާއާއި އިސްރާއީލުގެ އަދާވާތްތެރި ކަން އަބަދުމެ އޮވޭ. އަޅުގަނޑުމެންނަށް [އީރާނަށް] ޙަމަލާ ދޭނެ ކަމަށް އެ މީހުން ދަނީ އިންޒާރު ދެމުން، ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމާ މެދު ޝައްކު، ނަމަވެސް އެ މީހުން އެ ފަދަ ސިޔާސަ އަމަލެއް ހިންގައިފި ނަމަ، އޭގެ ބަދަލު ހިފާނަން. އަދި، ފާއިތުވި އަހަރުތަކޭ އެއް ފަދައިން އީރާނުގެ އެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފި ނަމަ، އެ ކަމާ ދެކޮޅަށް އީރާނުގެ ރައްޔިތުން ތެދުވެ، ފިޔަވަޅު އަޅާނެ،،” ޓްރަމްޕަށް ރައްދު ދެއްވައި ޚާމަނާޢީ ވިދާޅުވެފައިވެއެވެ.
އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ވައިގެ ސިފައިންގެ ކޮމާންޑަރު އަމީރުޢަލީ ޙާޖީޒާދާ ވެސް ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. “މި ސަރަޙައްދުގައި [މެދުއިރުމަތީގައި] އެމެރިކާގެ 10 ވަރަކަށް އަސްކަރީ މަރުކަޒު އޮވޭ، އެ ތަންތަނުގައި 50،000އެއްހާ ސިފައިން ތިބޭ. ބިއްލޫރި ގެއެއްގައި ތިބެގެން އޮށްގައު އުކުމަކީ ބުއްދިވެރި ކަމެއް ނޫން،” އޭނާ ވިދާޅުވެފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމުން 2015ވަނަ އަހަރު ވަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، އަމަލު ކުރުން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ. އެއީ، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެއަށްފަހު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ޔަމަންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގާ ޖަރީމާ
ޔަމަންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އަަސްކަރިއްޔާއިން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ވެސް ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ. އެއީ، އެމެރިކާގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރާ އެންމެ ބާރުގަދަ އެއް ބޮން ކަމުގައިވާ 13,607 ކިލޯގެ ޖީބީޔޫ-57 މަރުކާގެ ބޮން އުފުލައި، ބޭނުން ކުރުމުގެ ޤާބިލު ކަން ލިބިފައިވާ މަތިންދާބޯޓެކެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގައި މި ވަގުތު އޮތީ ބީ-2 މަރުކާގެ އެންމެ 20 މަތިންދާބޯޓު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީންނަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ. އެއީ، ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ ބާރުގަދަ، އަދި ނުރައްކާތެރި އިއްތިޙާދެކެވެ. އެމެރިކާއަށް ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި، ރަތް ކަނޑުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށް އެ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައެވެ.
ރަތް ކަނޑު ބޭނުން ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ، ފަލަސްޠީނުގެ މުސްލިމުންނާއި، ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. ބޭނުމަކީ، ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ޔަހޫދީންނަށް ބާރުއެޅުމެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
