އިތުރު ޓޯކަން ނަންބަރު ދޫކޮށް މަސްދަޅު ކޭސް ލިބޭނެ ގޮތް ފަސޭހަ ކުރަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ނެގުމަށް ބޭނުންވާ މީހުންނަށް އިތުރު ޓޯކަން ނަންބަރުތައް ދޫކުރަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ނިންމައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މާލެ ސަރަހައްދުގައި ރޭ މަސްދަޅު ބެހުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
“އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު އަންނަވި ބަދަލުތައް ގެނެވޭނެ.” އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރެވޭނެ ކަމަށާއި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސައިދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާ އެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މަސްދަޅު ކޭސް ބަލައި އަންނައިރު، އެ ފަރާތެއްގެ އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ގެންނަން ޖެހެއެވެ. އަދި އެކަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ ތިން މަސްދަޅު ކޭހެވެ. މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނީ ކޮންމެ ރެއެއްގެ 8:00 އިން ފެށިގެން ދަންވަރު 12:00 ޖަހަންދެނެވެ.
މަސްދަޅު ދޫކުރާ ތަންތަން:
1- މިފްކޯ މައި އިމާރާތް
2- އެމްޓީސީސީ ސޯމިލް
3- ހެންވޭރު ދަނޑު
4- ގަލޮޅު ދަނޑު (ސެޓަޕް 1)
5- ގަލޮޅު ދަނޑު (ސެޓަޕް 2)
6- ގަލޮޅު ދަނޑު (ސެޓަޕް 3)
7- ގަލޮޅު ދަނޑު (ސެޓަޕް 4)
8- ސޯޝަލް ސެންޓަރު
9- ވިލިމާލެ، ވެމްކޯ ސައިޓް
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް)
12- ހުޅުމާލެ ހިޔާ ޓަވަރު 10
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް
މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. ކޮންމެ ގެއަކަށް ވެސް ދިނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.