
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މާލޭގައި ރޭ ބޭއްވި ބޮޑު ހިނގާލުމަށް ދައުލަތުގެ އިދާރާތަކުން ޖާގަ ދިނުމުން ފެންނަނީ ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތައް ހިމާޔަތްކޮށްދީ، ކަށަވަރު ކޮށްދޭން މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. “ފުދިއްޖެ”، “ފުނޑިއްޖެ” މި ނަމުގައި އެމްޑީޕީން ބޭއްވި ހިނގާލުމުގެ ބައިވެރިން އާޓިފިޝަލް ބީޗުން ފަށައިގެން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، އަމީނީ މަގަށް އަޅައި ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗަށެވެ. މި ހިނގާލުން ކުރިއަށް ގެންދިޔައީ ގާތްގަނޑަކަށް މަސް ދުވަހުގެ ކެމްޕެއިނަކަށް ފަހުގައެވެ.
އެގޮތުން، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދޮރުން ދޮރަށް ހިންގަވައި ހިނގާލުމުގައި ބައިވެރިވުމުގެ ދައުވަތު ދީފައިވެއެވެ. ހިނގާލުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުންނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު އެކި ޝިއާރުތައް ފާޅުކޮށް އަޑު އުފުލައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ވެސް ގޮވާލިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގާނޫނު ތަންފީޒު ކުރާ ފަރާތްތައް ތިބެގެން ހިނގާލުން ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސާފުވެފައިވާނެ ކަމަށެވެ. “ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދީ، ހިމާޔަތްކުރުން،” ހީނާ ވިދާޅުވިއެވެ. މި ހިނގާލުން ބޭއްވުމުގެ ފުރުސަތު ފުލުހުންނާއި ސިފައިން އޮތީ ދީފައެވެ. އެގޮތުން، ހިނގާލުން ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހިނގާލުމުގެ ކަންކަން ބެލެހެއްޓުމުގައި ވެސް ފުލުހުން މަސައްކަތް ކުރި ތަން ފެނުނެވެ.
މިއީ މީގެކުރިން ފެނުނު މަންޒަރެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ބާއްވާ ނަމަ، ފުލުހުން ނުކުމެ ހުރަސް އަޅައެވެ. އަދި ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ފަދަ ތަކެތި ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރެއެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޭރު ބައެއް މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތުމުން ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ. ބައެއް ފަހަރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އޮފީސް ކައިރިއަށް އެއްވާން ވެސް ފުރުސަތު ނުދޭ ފަހަރު ފެނިފައިވެއެވެ. އެހެންވެ، މުޒާހަރާ ކުރަން ތިބެން ޖެހެނީ ވެސް އޮފީސް ތެރޭގައެވެ. ނަމަވެސް މިރޭގެ ހިނގާލުމުގެ ތެރޭގައި އެފަދަ އެއްވެސް މަންޒަރެއް ނުފެނެއެވެ.
މިފަހަރުގެ ހިނގާލުމާ ދިމާކޮށް ދެން ފެނުނު އެންމެ ހިތްގައިމު ކަމަކީ ހިނގާލުމާ ގުޅޭ ބެނާތައް ދެމުމުގެ ފުރުސަތު ދިނުމެވެ. މިރޭގެ ހިނގާލުން އޮންނާނެ ކަމަށް ބުނެ، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ވަނީ ބެނާތައް ދަމައިފައެވެ. މީގެކުރިން، ސިޔާސީ އެއްވެސް ބެނާއެއް މާލޭގެ މަގުތަކުގައި ދެމުމުގެ ފުރުސަތު ނުދެއެވެ. ފުލުހުން ނުކުމެ، އެ ތަކެތި ނަގާ ފަހަރު ފެނުނަސް، މިފަހަރު އެ މަންޒަރެއް ނުފެނެއެވެ. ހަމައެއާއެކު، ހިނގާލުން އޮންނާނެ ކަމަށް ޕިކަޕްގައި ސައުންޑް ސިސްޓަމްތައް ބޭނުންކޮށްގެން އިސްތިހާރު ކުރި އިރު ވެސް އެކަން ހުއްޓުވަން ފުލުހުން މަސައްކަތެއް ނުކުރެއެވެ. ސޯލިހްގެ ވެރިކަމުގައި މީގެކުރިން އެފަދަ ޕިކަޕެއް މާލޭގެ މަގުމަތީގައި ހަރަކާތްތެރިވާ ނަމަ، ޕިކަޕް ހުއްޓުވައި ޓޯ ވެސް ކުރެއެވެ.
ނަމަވެސް އެމްޑީޕީގެ ހިނގާލުމާ ދެކޮޅަށް މިފަދަ އެއްވެސް ކަމެއް ފެނިފައި ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
