
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ފްރާންސްގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެނޭޖަރު ޑިޑިއޭ ޑެޝަމްޕްސް ވިދާޅުވެފައިވަނީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވޭ މުބާރާތަށްފަހު އޭނާ މަޤާމުން ވަކިވާނެ ކަމަށެވެ. 56 އަހަރުގެ ޑެޝަމްޕްސްއަކީ ފްރާންސްގެ އެންމެ ދިގު މުއްދަތަކަށް ކޯޗުކަން ކުރި ފަރާތެވެ. އޭނާ ވަނީ 2012 އިން ފެށިގެން އެ މަޤާމުގައި ހުންނަވާފައެވެ. އޭނާ ވަނީ ލެ ބްލޫސް (ފްރާންސްގެ ޤައުމީ ޓީމު) 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބުކުރުމަށް މަގުފަހިކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވުނު މުބާރާތުގެ ފައިނަލަށާއި 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ ކަޕްގެ ފައިނަލަށް ވެސް ޓީމު ގެންދެވިއެވެ.
“2026 ގައި މިކަން ނިމުމަކަށް އަންނާނެ. އަހަރެންގެ ސިކުނޑީގައި މިކަން ވަރަށް ސާފުކޮށް އެބައޮތް،” ޑެޝަމްޕްސް ފްރާންސްގެ ޓީވީ ޗެނަލް ޓީއެފް1 އަށް ވިދާޅުވިއެވެ. “އަހަރެން ވަނީ އަހަރެންގެ ދައުރު އަދާކޮށްފައި، ފްރާންސް އެންމެ މަތީ ފަންތީގައި ބެހެއްޓުމަށް އެއް ފަދަ ޝައުޤުވެރިކަމާއި ފޯރިއަކާ އެކުގައި.” “މީހަކަށް ހުއްޓާލަން ޖެހޭނެކަން ބުނަން ޖެހޭނެ، މިއަށްފަހު ދިރިއުޅުމެއް އެބައޮތް. އެންމެ މުހިންމު ކަމަކީ ފްރާންސް ގިނަ އަހަރުތަކެއް ވަންދެން ހުރި ފަދައިން އެންމެ މަތީ ފަންތީގައި ދެމިހުރުން.” ފްރާންސްއިން އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ކެމްޕޭން ފަށާފައެއް ނުވެއެވެ. އެމީހުންގެ ގްރޫޕް ބިނާވެގެންވަނީ މާރިޗު މަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ނަތީޖާއަށެވެ.
ކުރީގެ މިޑްފީލްޑަރު ޑެޝަމްޕްސްއަކީ މާރިއޯ ޒަގާލޯ އަދި ފްރާންޒް ބެކެންބާއުަރަށްފަހު ކުޅުންތެރިއެއްގެ ގޮތުގައި އަދި މެނޭޖަރެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ތިންވަނަ މީހާއެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވައި ވޯލްޑް ކަޕް ކާމިޔާބުކުރައްވާފައެވެ.
އޭނާ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ކަޕްގެ ކުއާޓަރ ފައިނަލުން ފްރާންސް ބަލިވުމަށްފަހު ލޯރާން ބްލާންކްގެ ބަދަލުގައި މަޤާމާ ހަވާލުވެވަޑައިގެން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑް ކަޕަށް ކޮލިފައިވުމަށް މަގުފަހިކޮށްދެއްވިއެވެ. އެ މުބާރާތުގައި ލެ ބްލޫސް ވަނީ ފަހުން ޗެމްޕިއަންކަން ހޯދި ޖަރުމަނުވިލާތާ ދެކޮޅަށް ކުއާޓަރ ފައިނަލްގައި ބަލިވެފައެވެ. 2016 ވަނަ އަހަރު އޭނާ ވަނީ ޓީމު އެމީހުންގެ ގައުމުގައި ބޭއްވުނު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ގެންގޮސްދެއްވާފައެވެ. ނަމަވެސް އެމީހުން ވަނީ އިތުރު ވަގުތުގައި ޕޯޗުގަލަށް ބަލިވެފައެވެ. އޭނާގެ އެންމެ މަތިވެރި ވަގުތު އައީ ދެ އަހަރު ފަހުން، ފްރާންސްއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ނެގި ހިނދުއެވެ. މޮސްކޯގައި ކުޅުނު ފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށް 4-2 އިން ކާމިޔާބު ހޯދިއެވެ. 2021 ވަނަ އަހަރު ނޭޝަންސް ލީގުގެ ޓައިޓަލް ހޯދުމަށްފަހު، އެމީހުން އަނެއްކާވެސް ޤަޠަރުގައި ބޭއްވުނު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް 3-3 އަށް ބެއްދުމަށްފަހު ޕެނަލްޓީ ޝޫޓްއައުޓުން އާޖެންޓީނާއަށް ބަލިވިއެވެ.
ފްރާންސްގެ ޓީމު ހަވާލުވުމުގެ ކުރިން ޑެޝަމްޕްސް ވަނީ މޮނާކޯ، ޔުވެންޓަސް އަދި މާސޭ ބަލަހައްޓަވާފައެވެ. އަދި ކޮންމެ ޓީމަކާއެކުވެސް މަދުވެގެން އެއް ޓްރޮފީ ހޯއްދަވާފައިވެއެވެ. އޭގެ ކުރިން އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޤައުމީ އަދި ކްލަބް ފެންވަރުގައި ފާހަގަކޮށްލެވޭ ކެރިއަރެއް ހޯއްދަވާފައެވެ. އޭނާ ވަނީ 14 މޭޖަރ މުބާރާތް ކާމިޔާބުކުރައްވާފައެވެ. މީގެ ތެރޭގައި މާސޭ އަދި ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު އަދި ޗެލްސީއާއެކު އެފްއޭ ކަޕް ހިމެނެއެވެ. ފެންސިވް މިޑްފީލްޑަރުގެ ގޮތުގައި ކުޅުއްވި ޑެޝަމްޕްސް ވަނީ ފްރާންސްއަށް 103 ފަހަރު ކުޅުއްވާފައެވެ. އަދި ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވައި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކަޕް ކާމިޔާބުކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
