Read Time:17 Minute, 54 Second

(ފޮޓޯ ކްރެޑިޓްސް: ވަގުތު)

 

 

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވި މައްސަލައިގައި ފައްޔާޒު ހައްޔަރުކޮށް އެމްޑީޕީގެ ވެރިން ތަހުގީގީ އިދާރާތަކަށް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފިއެވެ.

 

 

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޕީއެންސީގެ މެމްބަރުން ވަނީ ރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލަން ހިތްވަރު ލިބޭ ފަދަ ގޮތަކަށް އެމްޑީޕީގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތައް ބަލަން ޖެހެނީ މީހަކަށް އަނިޔާއެއް ލިބިގެން ފުލުހުންނަށް ހުށަހެޅީމަ ނޫން ކަމަށާއި އަމިއްލަ އިސް ނެގުމަށް ވެސް މައްސަލަތައް ބަލަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

 

 

މަޖިލިހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ޕޯޑިއަމްތަކުގައި ފާޅުގައި ރައީސް ޑރ. މުއިއްޒުއަވަހާރަކޮށްލުމަށް ހަމާލާދިނުމަށް ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 

 

“އެމްޑީޕީން އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ވެސް މި ބާވަތުގެ އަމަލުތައްކޮށް ފާޅުގައި މި ވާހަކަދައްކާނެ. މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން. މީގެ ކުރިން ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި ރޯކޮށް ހުޅުޖެހީ ވެސް މިގޮތަށް ގާނޫނުއަސާސީގެ ދިފާއުގައި ނިކުމެ. އެހެންވީމަ މި މަންޒަރު ބަލަހައްޓައިގެން ތިބޭކަން ނުޖެހޭ.” އައިބީ ވިދާޅުވިއެވެ.

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

އައިބީ ވިދާޅުވީ މި މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ހައްގު އަދަބު ދިނުމަށް ރާއްޖޭގެ ކަމާބެހޭ ހުރިހާ ވުޒާރާއަކާއި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ މެންބަރުންނަށާއި މުގައްރިރުންނަށް ގޮވާލައްވާ ކަމަށެވެ.

 

 

“މީހުންނަށް އަނިޔާކުރުމާއި މާރާމާރި ހިންގުމާއި ރާއްޖޭގައި ނޭދެވޭ ހަރަކާތްތައް ހިންގުމަށް، ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ ފަސް އަހަރަށް ވެރިކަމަށް މީހަކު އިންތިހާބު ކުރީމަ ހަޖަމުނުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަގުމައްޗަށް ނިކުމެ ވެރިމީހާ އަވަހާރަކޮށްލުމަށް ވާހަކަ ދައްކާ ތަން. އެއީ ނުރައްކާތެރިކަމެއް.” އައިބީ ވިދާޅުވިއެވެ.

 

 

ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކޮންމެ ބޭފުޅަކު ކޮންމެ މަގްސަދެއްގައި ވާހަކަދެއްކި ކަމުގައި ވިޔަސް އިންސާނެއްގެ ފުރާނައަށް ނުވަތަ މީހުންގެ މުދަލަށް ގެއްލުންވާ ޒާތަކަށް ވާހަކަދެއްކުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ވީހާ އަވަހަކަށް އެ ފަރާތެއް ހާޒިރުކޮށް އެ ވާހަކަދެއްކި މަގްސަދު ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

 

 

” ގައުމު މިއަދު އޮތް ހާލަތަކީ އިތުރު ހައިޖާނުތަކެއް ގައުމުގައި ހިންގަންޖެހޭ ކަހަލަ ހާލަތެއް ނޫން. ގައުމު މި އޮތީ ނުލާހިކު ނާޒުކު ހާލަތެއްގައި. އެހެންވީމަ އިތުރު ހަމަނުޖެހުންތަކެއް ހިންގުމަކީ ގައުމަށްވާ ވަރަށް ބޮޑު ހިޔާނާތެއް. ގާނޫނުއަސާސީގެ ދިފާއުގެ ނަމުގައި ވާހަކަތައް އެބަ ދައްކާ. އަޅުގަނޑަކަށް ނޭނގޭ ގާނޫނުއަސާސީގެ ދިފާއުގައި އެބޭފުޅުން ވާހަކަދައްކަން ޖެހޭ ސަބަބެއް. މަޖިލީހާއި ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ބަދަލެއް ގާނޫނު އަސާސީއަށް ނުގެނޭ.” ސައުދުﷲ ވިދާޅުވިއެވެ.

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ފެނިގެން މި ދަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެ މުޅި ގައުމުގައި ހަލަބޮލިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާ ތަން ކަމަަށެވެ. އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއްގެ ގޮތުގައި ގައުމު ހަލަބޮލި ކުރުން ކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮތްތަނެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

 

 

“ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެ މިއަދާ ހަމައަށް ރައްޔިތުންނަށް ފައިދާއެއް ކުރުން ފިޔަވައި ގާނޫނުއަސާސިއަށް އިސްލާހު ގެނެސްފައެއް ނުވާނެ. އެހެންވީމަ ރާއްޖޭގެ ބޮޑު އިންސައްތައެއްގެ ތާއީދު ލިބިގެން އިހްލާސްތެރިކަމާއެކު ވަރަށް ނާޒުކު ފައްތަރެއްގައި ގައުމު އޮއްވައި ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކަށް ސެލިއުޓްކުރަން ޖެހޭނީ. އެމަނިކުފާނު މަރާކަށް ނޫން ގޮވަން ޖެހޭނީ.” ރިފާއު ވިދާޅުވިއެވެ.

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

ހާމަކަން ބޮޑު ގޮތެއްގައި އެތައް ޕޯޑިއަމެއްގައި ރައީސްގެ ހަށިކޮޅަށް ގެއްލުންވާނެ ގޮތަށް ކަންކުރުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ރިފާއުވަނީ އެކަމަށް ގޮވާލި މީހުން މިއަދު މިއަދަށް ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.

 

 

މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުސްތަފާ އިބްރާހިމް ވިދާޅުވީ އަމީނަށް ހެދި ގޮތް ހެދުމަށް އެމްޑީޕީން ގޮވާލާ އިރު، ރައީސް މުއިއްޒު ކުރައްވަނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކަމަށެވެ. އެހެންވެ، އެމަނިކުފާނަށް ދެރައެއް ދޭންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ. “ރައީސް ގެންދަވަނީ ވޭތުވެދިޔަ ތަނުގައި ވޭތުވެދިޔަ ސަރުކާރުން މި ގައުމު ވައްޓާލި އަނދަވަޅުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން. ރާއްޖެއަށް އަނިޔާ އާއި ދުއްފާނާއި ދައްޗާއި ގައުމު ފަސާދަކޮށް ވިއްކާލި މީހުން ނިކުމެ މި ވާހަކަދައްކާތީ ހައިރާންވެ އަންތަރީސްވޭ. ފުރަތަމަ އެ ބޭފުޅުނަށް އަމިއްލަ ނަފްސަށް މި ވާހަކަ ރައްދުރުން އެއީ އެންމެ ރަނގަޅުގޮތް.” މުސްތަފާ ވިދާޅުވިއެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

މުސްތަފާ ވަނީ އަމީނަށް އިހްތިރާމް ކުރުމެއް ނެތި ރައްދުކުރި ބަސް ވެސް ކުށްވެރި ކުރައްވައިފައެވެ. ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ހަދަންވީ ގޮތަކީ ކިޔާފައި އިޝާރާތް ކުރައްވަނީ ރައޔްިތުންނަށް އަނިޔާވެރިވި ދެރަދިން މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. މިއީ ރާއްޖެއަށް ތަރައްގީއާއި ތަމައްދުލް ގެނައުމަށްޓަކައި މިއަދު ދެކޭ ޖުމުހޫރިއްޔަތު ތައާރަފްކުރި ރައީސްއާ ދޭތެރޭގައި އެމްޑީޕީގެ ވިސްނުންހުރިގޮތް ކަމަށާއި މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

 

 

” ރާއްޖޭގެ ޑިމޮކްރެސީގެ ނަމުގައި އައިސް ޑިމޮކްރެސީގެ އުސޫލުތަކާއި ހިލާފަށް ރާއްޖޭގައި ވެރިކަންކޮށްފައިވާ މީހުންނަށް ދޭންޖެހޭ އަދަބަކީ ނުވަތަ ރާއްޖޭގައި ވެރިކަންކޮށްފައި ތިބި މީހުންނަށް ދޭންޖެހޭ އަދަބަކީ މަރާއި ގަތުލު އާންމުކަމަށް ބުނާކަމަށްވާ ނަމަ އެއަށްވުރެ ބޮޑު ކުށަކީ ކޮބައިތޯ.” މުސްތަފާ ވިދާޅުވިއެވެ.

 

 

ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ޕާޓިއެއް ކަމަށް އޭޏާ ވިދާޅުވިއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމުން އެ ބޭފުޅުން މުޒާހަރާތަކުގައި ދައްކާފައިހުރި ވާހަކަތައް ފެނުނު ކަމަށް ވިދާޅުވިއެެވެ. އެކި ސިޔާސީ ލީޑަރުން މަރައި ދަންޖެއްސުމަށް ގޮވާލި ކަމަށާއި އެ ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައ ޓެރަރިޒަމްގެ އެކި އަމަލުތައް ހިންގައި ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންވާނެ ގޮތަށް އެތައް ކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

” އެމްޑިޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓިއެއް. އެހެންވީމަ ޖެހޭ އެ ޕާޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް މި މައްސަލައިގެ އިތުރު ތަފްސީލް ހޯދަން. އަދި ފުލުސް އޮފީހުން ވެސް ތަހުގީގު ހިންގަން ޖެހޭ.” އަޒާން ވިދާޅުވިއެވެ.

 

 

އަޒާން ވިދާޅުވީ މިރޭ އެމްޑީޕީން ކުރިއަސް ގެންދާ ޖަލްސާގައި ކުރަން އުޅެނީ ކޮން ކަމެއްތީ ވެސް ބަލަން ޖެހޭ ކަމަށެވެ. މީގެކުރިން މާޒީއަށް ބަލާއިރު، އެމްޑީޕީއަކީ ގައުމީ މަޖިލިސް ބޭއްވުމަށް ފަހު ހަމަނުޖެހުން ހިންގާ ޕާޓީއެއް ކަމަށާއި 2012 ވަނަ އަހަރު ވެސް އެ މަންޒަރު ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްލަތީފް ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ވެރިކަން ބޭނުންވެގެން ވެރިކަމާއި ހެދި ފެންބޮވާފައި ތިބި ބަޔަކު ރާއްޖޭގެ ވެރިޔާއަށް ހަމަލާދީ އަވަހާރަކޮށްލުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކިގެން އެމްޑީޕީން ކުރާ ކަންތައްތަކާ ދެކޮޅު ކަމަށެވެ. އަދި އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ” މިރޭގެ ޖަލްސާއަށް ދިއްދޫ ދާއިރާގެ އެންމެ މެންބަރެއް ވެސް ނާންނާނެ. މިއީ އެއްވެސް ގޮތަަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. ދިވެހިން މިކަންކަމާ ދެކޮޅު. އަބަދުވެސް އެމްޑީޕީގެ ވިސްނުމާއި ފިކުރަކީ އަދި ދެކޭގޮތަކީ އަނިޔާވެރިކަމުން ކާމިޔާބު ހޯދުން. މަލާމާތާއި ފުރައްސާރަ އާއި ގޯނާ ކޮށްގެން ކާމިޔާބު ލިބޭނެ ކަމަށް(ބަލަނީ)، އެހެނެއް ނުވާނެ. މިއީ ދިވެހިން ބޭނުންވާ ކަމެއް ނޫން.” ލަތީފް ވިދާޅުވިއެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

ލަތީފް ވިދާޅުވީ ރައީސްއަށް ހަމަލާދީ އެމަނިކުފާނު ފުރާނަފުޅަށް ނުރައްކާކޮށް އަވަހާރަކޮށްލުމަށް ގޮވާލުމަކީ ރައްޔިތުން ގަބޫލްކުރާނެ ކަންކަމެއް ނޫންކަމަށެވެ. މިއަދު ރައްޔިތުން ތިބީ ރައީސް މުއިއްޒާއި މި ސަރުކާރާއި އެކުގައި ކަމަށާއި ހަޅޭއްލަވައިގެން އިންޒާރުދީގެން ވެރިކަމެއް ބަދަލެއް ނުކުރެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ. މި މައްސަލައިގައި ޕީއެންސީގެ އެހެން މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ވީހާވެސް އަވަހަށް މައްސަލަ ބެލުމަށް ގޮވާލައްވައިފައެވެ.

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %