
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި އަޅުގަނޑު ދައްކާފައިވާ ވާހަކަތަކެއް ދާދި މިދާކަށް ދުވަހު ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވެ އެވެ.
އަޅުގަނޑު ދެއްކި ވާހަކައިގެ ގޮތުގައި، އެ ނޫހުގައި ރިޕޯޓު ކޮށްފައި ވަނީ އެންމެ ފުރަތަމަ އޮންނަން ވާނީ ރިޔާސީ އިންތިހާބު ކަމުގައި އަޅުގަނޑު އެ ޖަލްސާގައި ބުނެފައިވާ ކަމަށެވެ. އަދި “ދެން ހަމައެއާ އެކު މި އިއްޒަތްތެރި މަޖިލީހުގައި ދެކެވުނު ބައެއް ވާހަކަތަކާ ގުޅިގެން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ ބެހޭގޮތުން ވެސް އަޅުގަނޑު ހަމަ އަޅުގަނޑުގެ ހިޔާލު ހިއްސާ ކޮށްލަން ބޭނުންވޭ. އަޅުގަނޑުގެ ހިޔާލަކީ މި ދެ މުއައްސަސާ އެކުގައި އިންތިހާބު ކުރުމަށް ވުރެ މީގައި ފައިދާ ބޮޑުވެފައި އެންމެ އޮމާންކަމާއި އަމާންކަމާ އެކުގައި މިކަން ގެންދެވޭނީ ދެ އިންތިހާބު ވަކިން ބާއްވައި، ފަހަރަކު މުއައްސަސާއެއްގެ އިންތިހާބު ބާއްވައި، އިންތިހާބުތައް ނިންމައިގެން ކުރިއަށް ގެންދިއުން ކަމުގައި ވާތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ވެސް އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،” މިހެންނެވެ.
އެ ނޫހުގައި ރިޕޯޓު ކޮށްފައިވަނީ އެ ވަނީ އަޅުގަނޑު ދައްކާފައިވާ ވާހަކަތަކެވެ. އެއީ 2008 ގެ ގާނޫނުއަސާސީގެ މައި ގާނޫނު ނިންމައި، އެ ގާނޫނުއަސާސީ އަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ އިންތިގާލީ މަރުހަލާގެ ބަހުސްގައި، އިންތިހާބުތައް ތަރުތީބު ކުރުމާ ބެހޭ ގޮތުން އަޅުގަނޑު ދެއްކި ވާހަކަ އެވެ. ދެހާސް އަށެއްގެ ގާނޫނުއަސާސީއަކީ މުޅި ދިވެހިރާއްޖޭގެ ދުސްތޫރީ، ޤާނޫނީ އަދި ހިންގުމުގެ އޮނިގަނޑު އެކުގައި ބަދަލުކުރި ގާނޫނުއަސާސީއަކަށް ވީއިރު، އެއް އޮނިގަނޑުން އަނެއް އޮނިގަނޑަށް ހިޖުރަ ކުރާނޭ އުސޫލުތަކެއް ކަނޑައަޅައި ދީފައި ވަނީ އިންތިގާލީ ބާބުގަ އެވެ.
މި ވާހަކަ ތިލަކޮށްލުމުގެ ބޭނުމުގައި މިސާލެއް ދަންނަވާ ނަމަ، އެއިރު އަމަލުކުރަމުން ދިޔަ 1997 ގެ ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 50 މެންބަރުންނެވެ. އެއީ ކޮންމެ އަތޮޅަކުން އައްޔަނު ކުރެވޭ ދެ މެންބަރުންނާއި މާލެ އިން އައްޔަނު ކުރެވޭ ދެ މެންބަރުން (އިންތިހާބު ކުރެވޭ 42 މެންބަރުން) އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ އަށް މެންބަރުންނެވެ. އެ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅެކެވެ.
އައު ގާނޫނުއަސާސީގައިވާ ގޮތުން، ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ އިންތިހާބީ ދާއިރާތައް ތަފާތެވެ. މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެންބަރުން ނުތިބެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރެވޭ ބޭފުޅެކެވެ. އެހެންކަމުން ގާނޫނުއަސާސީގައި (އިންތިގާލީ ބާބުގައި) ގާނޫނުއަސާސީ ތަސްދީގު ވިޔަސް ވަކި މުއްދަތެއް ހިނގަންދެން (އައު މަޖިލީސް އިންތިހާބު ވަންދެން) ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނޭ ކަމުގައި ބަޔާން ކޮށްފައި ނުވި ނަމަ، ގާނޫނުއަސާސީ ތަސްދީގުވާ ހިނދު (ތަސްދީގު ކުރެއްވުމުގެ ސޮއި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހިނދު) ރައްޔިތުންގެ މަޖިލީސް އުވޭނެ އެވެ. އެހެންކަމުން، މި ގާނޫނީ ސަބަބުތަކަށްޓަކައި އިންތިގާލީ ބާބުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހާއި ފަނޑިޔާރުގެ އާއި ފަނޑިޔާރުންނާއި މުޅި ދައުލަތް، އެއް ގާނޫނުއަސާސީން އަނެއް ގާނޫނުއަސާސީ އަށް ހިޖުރަ ކުރާނޭ ގޮތުގެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައިވެ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި އަޅުގަނޑު ވާހަކަ ދައްކާފައިވާނީ، މި ދެންނެވި ކޮންޓެކްސްޓްގަ އެވެ. ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ، ގާނޫނީ އަދި ހިންގުމުގެ އޮނިގަނޑު އެކުގައި އެއްހިނދެއްގައި ބަދަލުވެގެން ދާއިރު، އެއިރު ރާއްޖޭގައި އޮތް ދައުލަތުގެ އިންތިހާބީ ދެ މުއައްސަސާ އެކުގައި އުވޭ ގޮތަށް ކަންކަން ރާވައި ހިންގާނީތޯ ކުރެވުނު ދުސްތޫރީ ސުވާލުގެ ތެރޭގަ އެވެ. އެއީ ދުސްތޫރީ ސުވާލެކެވެ. އަދި ހިންގުމުގެ އޮނިގަނޑުގެ ނުވަތަ governance ގެ ސުވާލެއް ވެސް މެ އެވެ. ދައުލަތް ދެމި އޮތުމާއި އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ދައުލަތުގެ އެންމެ މަތީ ޒިންމާތައް އަދާކުރެވޭނޭ ގޮތެއްގެ މަތިން ވިސްނުން ބަހައްޓައިގެން ޖަވާބު ދޭން ޖެހޭ އަދި ކަންކަން ނިންމަންޖެހޭ ހާލަތެއް ވެސް މެ އެވެ. އެހެންކަމުން، އޭގެ 18 އަހަރު ފަހުން، ދިވެހިރާއްޖޭގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ތައްޔާރު ވެފައިވާ މި ދަނޑިވަޅުގައި އެ ވާހަކަތައް ނޫހެއްގައި ޝާއިއު ކުރުމުން، އެއިގެން ދޭހަވަނީ އަޅުގަނޑުގެ ވިސްނުން ހުރީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ އިދިކޮޅަށް ކަމަށް ދޭހަކުރެވޭ ނަމަ އެއީ ރަނގަޅު ދޭހަކުރުމެއް ނޫން ކަމުގައި ދަންނަވަން ޖެހެ އެވެ. އެހެނީ، އެ ދުވަހުގެ ދުސްތޫރީ ހާލަތާއި މިއަދުގެ ދުސްތޫރީ ހާލަތާ އެތައް ގޮތަކުން އެތައް ގުނައަކުން ތަފާތު ކަމެވެ. މިއަދު ދުސްތޫރީ އޮނިގަނޑާއި ދުސްތޫރީ އޮނިގަނޑު ހިންގުމުގެ ގާނޫނީ ތަރަހަތައް ވެސް އެހާމެ ބޮޑަށް ބަދަލުވެފައި ވުމެވެ.
ދެހާސް އަށެއްގައި ދިވެހިރާއްޖޭގެ އައު ގާނޫނުއަސާސީ ތަސްދީގު ކުރެވުނު އިރު، ގާނޫނުއަސާސީގެ ފޮނިމީރުކަމަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށް ސިޔާސީ އެތައް ލީޑަރުންނެއް ވިދާޅުވަމުން ގެންދެވި ނަމަވެސް، ހަގީގަތަކަކީ ރާއްޖެ އަށް ގެނެވުނީ ރާއްޖެ އަށް އެންމެ ފުރިހަމައަށް ފިޓު ކުރެވޭނޭ ގާނޫނީއަސާސީއެއް ނޫން ކަމެވެ. އަދި ދުސްތޫރީ އުސޫލުތައް ފުރިހަމަ އަށް އެކުލަވައިލެވިފައިވާ، ސާބިތުކަމާ އެކު، ގައުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބޭނުންވާނޭ ބާރުވެރިކަން ލިބިދިފައިވާ ރިޔާސީ ނިޒާމެއް ވެސް ނުމެނޫން ކަމެވެ. އެކަން ވާނީ އެ މަރުހަލާގައި ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޅުގަނޑު ހާމަކޮށްފަ އެވެ.
ކޮންމެއަކަސް 17 އަހަރު ފަހުން، މިއަދު ފެންނާން އޮތް ހަގީގަތަތަކީ މި ގާނޫނުއަސާސީ އޮތް ގޮތަށް ތަންފީޒު ކުރަން ދިވެހިން ނުކުޅެދިފައިވާ ކަމެވެ. އަޅުގަނޑުމެންނަށް މި ގާނޫނުއަސާސީ ތަންފީޒު ކުރަން ފަސޭހަ ނޫން ކަމެވެ. އެކި ސަބަބުތަކަށް ޓަކަ އެވެ. މީގެ ތެރޭގައި ސިޔާސީ، ގާނޫނީ، ތަންފީޒީ ގާބިލުކަން އަދި އެކި މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ވާދަވެރިކަމާއި އަދި މީގެ އިތުރުން އިދާރީ ސަބަބުތައް ވެސް ހިމެނެ އެވެ. ހަމައެއާ އެކު، މި ގާނޫނުއަސާސީއަކީ ރާއްޖެ އަށް ވުރެ މާބޮޑު ކޯޓެއް ކަމުގައި ދެކޭ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. އަދި، އެންމެ ކުރީގެ އަތޮޅުވެރިންނާއި ކަތީބުންގެ ޒަމާނަށް އެނބުރި ދިޔުމަށް ބޭނުންވާ ކަމަށް ބުނާ މީހުން ވެސް މަދު ނޫން ކަމެވެ. ދެހާސް އަށްވަނަ އަހަރު އެކުލަވައިލެވުނު ދުސްތޫރީ އޮނިގަނޑަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފަ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުތަކާއި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި އަދި ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތައް ހިމެނެ އެވެ. އެހެންކަމުން، މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދެ އިންތިހާބު އެކުގައި ބޭއްވުމުގެ އިސްލާހާ މެދު ވިސްނާ ނަމަ މިއަދުގެ ދުސްތޫރީ ސުވާލުތަކަކީ 2008 ވަނަ އަހަރު ހުރި ދުސްތޫރީ ސުވާލުތައް ނޫން ކަން ގަބޫލު ކުރަން ޖެހެ އެވެ. އަދި، އެ ކަންބޮޑުވުންތައް ނޫން ކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.
އެއާ ހިލާފަށް، މިއަދުގެ ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުގެ އަދަދު ބޮޑުވެގެން ދިޔުމެވެ. ރައްޔިތުންގެ މަޖިލީހުގައި އެކަށިގެންވާ އިލްމީ ބޭފުޅުން މަދުކަމެވެ. މަޖިލީހަކީ ދިވެހި އާބާދީގެ ތަމްސީލީ މަޖިލީހަކަށް ނުވުމުގެ މައްސަލަ އެވެ. އަދި ކޮންމެ ފަދަ ކަމެއްގައި ވިޔަސް، ޕާޓީގެ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރާ ކަމެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދިނުމަށް އޮންނަ ޒިންމާގެ ހަނދާން ނުހުންނަ ކަމެވެ. މިކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލެން މެދުވެރިވެ އަދި ދިވެހިންނަށް ފޯޅަވަހީގެ މައްޗަށް ލިބުމަށް ފަހިކޮށް އޮތް ގާނޫނީ ހައްގުތައް ދޫކޮށްލާ ވަރުގެ ސިޓީއެއް ވެރިކަމުގެ ފަރާތުން ބޭރުގެ ގައުމަކަށް ފޮނުވިއިރު، ރައްޔިތުންގެ މަޖިލީހުން އެކަމަށް ފިޔަވަޅެއް ނޭޅުނުކަން ނުފުދޭތޯ އެވެ؟
މިހާރު އޮތް ގޮތުން ކޮންމެ ރައީސަކު ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހު އަޣުލަބިއްޔަތު ޖަމްޢުކޮށާއި އަދި ވަކިވަކިންމެ ރުއްސައިގެން ކަމީ މިއަދުގެ ހަގީގަތެވެ. މިއީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް އެކަށައެޅިފައިވާ ގޮތުން ދިމާވެފައިވާ ގޮތެއް ނޫނެވެ.
އައު ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ އިންތިހާބު ކުރެވުނު ރައްޔިތުންގެ މަޖިލީހަކީ، ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގާނޫނީ ބާރާ އެކު ރާއްޖޭގައި އިންތިހާބު ކުރެވުނު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހެވެ. އަދި، އެއީ ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރިދަތުރުގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީސް ވެސް މެ އެވެ. ދެހާސް ނުވަވަނަ އަހަރު ބޭއްވުނު މި އިންތިހާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިފައި ނުވެ އެވެ. އަދި އިއްތިފާގުން ސަރުކާރުގެ ދައުރު ވެސް އެ ފަހަރު ފުރިހަމަ ކުރެވިފައި ނުވާކަން ފާހަގަކުރަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމުން، އޭގެ ފަހުން ރާއްޖޭގައި ބޭއްވުނު ކޮންމެ މަޖިލީސް އިންތިހާބެއް ވެސް ބޭއްވިފައި ވަނީ މިހާރު މި ބޭއްވޭ މުއްދަތުގަ އެވެ. އަދި، ކޮންމެ ފަހަރަކުމެ ސަރުކާރަށް ލިބޭ އައުލަބިއްޔަތު ދަނީ ބޮޑުވަމުން ކަމުގައި ފާހަގަކުރަން ޖެހެ އެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަލަ ބައްޓަން ވެފައި އޮތް ގޮތެވެ.
އެހެންކަމުން، މިކަމުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ބަލާއިރު ހަގީގީ މާނައިގައި ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރީ ޒިންމާ އަދާކުރާ މަޖިލީހެއް އޮތް ކަމަށް ބަލައިގަތުމަކީ ހަގީގަތް ގަބޫލު ކުރުމަށް ނުކުޅެދުން ކަމުގައި ނޫނީ ނުވެ އެވެ. މިހާރު އޮތް ގޮތުން ކޮންމެ ރައީސަކު ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހު އަޣުލަބިއްޔަތު ޖަމްއުކޮށާއި އަދި ވަކިވަކިންމެ ރުއްސައިގެން ކަމީ މިއަދުގެ ހަގީގަތެވެ. މިއީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް އެކަށައެޅިފައިވާ ގޮތުން ދިމާވެފައިވާ ގޮތެއް ނޫނެވެ. އެއާ ހިލާފަށް، މުޅި ގާނޫނުއަސާސީ އެކުލަވައިލެވިފައިވާ ގޮތުންނާއި ތަންފީޒު ކުރެވެމުންދާ ގޮތުން، އަދި ބަދަލު ގެނެވެމުންދާ ގޮތުން ދިމާވެފައިވާ ހާލަތެއް ކަމަށް އަޅުގަނޑު ދެކެމެވެ.
މީގެ އިތުރުން، އަދި މިހާރު ގާނޫނުއަސާސީ އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ވާން ޖެހެނީ ކޯލިޝަނެއްގެ ތެރެއިން ކަމުން، ވެރިކަން ދެމެހެއްޓުމަށްޓަކައި ކޯލިޝަން ޕާޓްނަރުން އަދި އެ އަށް ވުރެ ބޮޑަށް ރުއްސަން ޖެހިފައިވެ އެވެ. މިއީ، މިކަންކަމުގެ ހަގީގަތް މިއަދު ރާއްޖޭގައި އޮތް ގޮތް ނޫންތޯ އެވެ؟ އަދި މި ހަގީގަތުގެ ތެރެއިން މިދިޔަ 17 އަހަރަށް ބަލައިފި ނަމަ ރާއްޖޭގައި އެކަށީގެންވާ ހަމަޖެހުމާ އެކު ކުރިޔަށް ގެންދެވުނީ ކޮން ވެރިކަމެއްތޯ އެވެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރު ހަމަނުވަނީސް ވަނީ ވެރިކަން ބަދަލުވެފަ އެވެ. އަދި، އޭގެ ފަހުން ރައީސް މުހައްމަދު ވަހީދު ހުންނެވި އިންތިގާލީ ވެރިކަމެއްގައޭ ދެންނެވުމަކީ ދޮގެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވަކި ފަސޭހަވީ ތަނެއް ނުފެނުނެވެ. ކޯލިޝަން ރޫޅި، އެ މަނިކުފާނު އަޒުލު ކުރުމުގެ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދެވުނެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލުނެވެ. މަޖިލީހުގައި ތަޅު އެޅުވުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ސިޔާސީ މައިދާން ތަންކޮޅެއް ފަސޭހަވެގެން ތިޔަ ތަން ފުރަތަމަ ފެނުނެވެ. އެހެނަސް އެއީ ކޯވިޑްގެ ހާލަތުގައި އެހެންކަމަކަށް ފުރުސުތު ނުލިބުނީމާ ކަމަށް ބެލުމުގެ ޖާގަ ލިބެނީ އޭގެ ފަހުން ކަން ހިގައިގެން ދިޔަ ގޮތުންނެވެ.
އަދި މަޖިލީހުގައި ކަން ކުރެވޭ އުސޫލުގެ ތެރެއިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ހުވާކުރެއްވުމުގެ ފުރުސުތު ހޯދާން ޖެހުނީ ވެސް ސުޕްރީމް ކޯޓުގެ ހުކުމަކުން ނޫންތޯ އެވެ؟
ހަމަ އެއާ އެކު، މިހާރު ރާއްޖޭގެ ދުސްތޫރީ އަދި އިންތިހާބީ އޮނިގަނޑު އެކުލަވައިލެވިފައިވާ ގޮތުން، ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން އިންތިހާބު އޮތުމުން، ގައުމުގައި އަބަދުވެސް އޮންނަނީ އިންތިހާބީ އޮއިވަރެވެ. ޕާޓީތަކުގެ ޕްރައިމަރީން ފެށިގެން އިންތިހާބު ނިމި ހުވާ ކުރެވޭއިރު، އަނެއް އިންތިހާބަށް އޮންނަނީ ތައްޔާރުވާން ވެފަ އެވެ.
މި ކަންކަން މިހެން ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު އޮންނަ ގޮތަށް ބޭއްވީމާ، އެ މަޖިލީހުން އެ މަޖިލީހުގެ ދުސްތޫރީ ޒިންމާ އަދާކުރެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެބައޮތްތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި ނެތެވެ. ތާރީހު ސާބިތުކޮށްދެނީ ވެސް އެފަދަ ފުރުސަތެއް ވެސް ނެތް ކަމަށެވެ.
އެއާ ހިލާފަށް މިއަދު ގައުމަށް ބޭނުންވެފައިވަނީ ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ދައުރު އަދާކުރުން ޔަގީން ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އެކަން ކުރުމަށްޓަކައި މަޖިލީސް އެކުލެވޭ ގޮތާއި އިންތިހާބު ކުރެވޭ ގޮތާއި މަޖިލީސް ޖަވާބުދާރީ ކުރުވޭނޭ ގޮތް ވެސް ކަނޑައަޅާން ޖެހެ އެވެ. މަޖިލީހުގެ އަދަދު މަދުކޮށް، ސްޓަރަކްޗާ ކުރެވެން ޖެހެ އެވެ. އަދި ހަގީގީ impeachable މައްސަލައެއް ނެތި ރައްޔިތުންގެ މަޖިލީހުން ސަރުކާރު މަރުތަޅު އެޅުވޭ ގޮތަށް އޮތް އޮތުން ވެސް ބަދަލުކުރެވެން ޖެހެ އެވެ. ހަމަ އެއާ އެކު، މިހާރު ރާއްޖޭގެ ދުސްތޫރީ އަދި އިންތިހާބީ އޮނިގަނޑު އެކުލަވައިލެވިފައިވާ ގޮތުން، ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން އިންތިހާބު އޮތުމުން، ގައުމުގައި އަބަދުވެސް އޮންނަނީ އިންތިހާބީ އޮއިވަރެވެ. ޕާޓީތަކުގެ ޕްރައިމަރީން ފެށިގެން އިންތިހާބު ނިމި ހުވާ ކުރެވޭއިރު، އަނެއް އިންތިހާބަށް އޮންނަނީ ތައްޔާރުވާން ވެފަ އެވެ.
އެހެންކަމުން، އިންތިހާބީ ބުރުތަކާއި ވާދަވެރިކަމުގެ ރޫޙުގެ ބޭރުން، އާއިލާތަކަށާއި ކިޔަވާ ކުދިންނާއި ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނޭ ވަގުތުތަކެއް ހޯދުމަކީ ނާދިރު ކަމަށް ވަނީ ވެފަ އެވެ. އަދި، ބަވަނަވެފައިވާ ދުނިޔޭގައި ތަރައްގީގެ މަގުގައި ކުރިޔަށް ދާނޭ މަގުތައް ކޮށައި ހަމަޖެހުމާއި އަމާންކަމާއެކު ގައުމު ހިންގުމަށް ގައުމުގައި ހުރި އިލްމީ އަދި އުފެއްދުންތެރިކަމުގެ ހަކަތަ އާއި ބުންވަރު އެންމެ އެކަށޭނަ ގޮތުގައި ބޭނުންކުރުމަށް ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އިސްވެ ދެންނެވުނު ކަންކަމަކީ ގައުމުގެ ހިންގުމުގެ ވިސްނުމުން، ނުވަތަ governance ގެ ވިސްނުމުގައި ދުސްތޫރީ އޮނިގަނޑުގެ ބަދަލުތަކާ ބެހޭ ގޮތުން ވިސްނައި ވެރިކަމުގެ ފަރާތުން ނިންމުންތައް ނިންމާއިރު ބަލަންޖެހޭ، ވިސްނަންޖެހޭ އަދި ރިއާޔަތް ކުރަންޖެހޭ ކަންކަން ކަމުގައި އަޅުގަނޑު ދެކެމެވެ.
ހަމަ އެއާ އެކު، ގައުމުގެ މުޅި ދުސްތޫރީ އޮނިގަނޑަށް ވަނީ ބޮޑެތި އަދި އަމާޒު ކުރެވިފައިވާ (targeted) ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. އަދި މިއީ ރޭވުންތެރިކަމާ އެކު، ކުރަންޖެހޭ މަސައްކަތެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ. މަތީގައި މަޖިލީހުގެ ޒިންމާ އަދާކުރުމާބެހޭ ގޮތުން ހާމަކޮށްފައިވާ ކަންތައްތަކުގެ އިތުރުން، މިހާރު ގާނޫނުއަސާސީ އަށް ގެނައުމަށް ހުށަހެޅިފައިވާ އިސްލާހުގެ ބޭނުމަކީ ކޮބައިތޯ އާއި އަދި މިކަމުން ދައުލަތް މި ގެންދެވެނީ ކޮން މިސްރާބަކަށްތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދިވެހި ދައުލަތް ދާން ޖެހެނީ ގައުމުގައި ހުރި، ތައުލީމާއި ހަކަތަ އާއި ބުންވަރު، ގައުމީ ތަރައްގީގެ މަގުގައި ސާބިތުކަމާއެކު ބޭނުން ހިފޭނޭ މިސްރާބަކަށް ކަމަށާއި މިހާރު ގާނޫނުއަސާސީ އޮތް ގޮތުންނާއި އަދި ހިނގަމުންދާ ގޮތުން މުޅި ދައުލަތުގެ ހުރިހާ ދާއިރާއެއް އަދި ގައުމުގެ ހުރިހާ ވަސީލަތެއް އެންމެ އެކަށޭނަ ގޮތުގައި މި މިސްރާބަށް ގެންދިޔުމަށް ބޮޑެތި ދުސްތޫރީ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އަދި އެހެންކަމުން، މިކަންކަން ރަނގަޅު ކުރުމަށް ބޮޑެތި decisive ބަދަލުތަކެއް ދުސްތޫރީ އަދި ހިންގުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ކަމަށާއި މިހާރު މި ހުށަހެޅިފައިވާ އިސްލާހަކީ މި ބަދަލުތަކުގެ އެންމެ އިސްތިރާޖީ އެއް ފިޔަވަޅު ކަމަށް ވާނޭ ކަމާއި އަދި މި ބަދަލުގެނެވި އެ އިސްލާހުގެ ދަށުން އެންމެ ފުރަތަމަ ބޭއްވޭ އިންތިހާބު 2028 ގައި ބޭއްވުމުގެ ކުރިޔަށް މިދެންނެވި ބަދަލުތައް ގެނައުމަށް ދައުލަތަށް އަދި ސަރުކާރަށް މަގުފަހި ވެގެން ހިނގައްޖެ ނަމަ އެކަމުން ބޮޑެތި ފައިދާތަކެއް ދިވެހި ގައުމުގެ މިއަދަށް އަދި މުސްތަގުބަލަށް ވެސް ލިބިގެންދާނޭ ކަމަށް އަޅުގަނޑު ދެކެމެވެ.
ދެހާސް އަށެއްގައި ރާއްޖެ އަށް ގެނައި ފަދަ ބޮޑެތި ދުސްތޫރީ ބަދަލުތަކަކީ، އެ އޮނިގަނޑު ހިނގާ ގޮތަށް ބަލައި ދިރާސާކޮށް، އިލްމީ ދިރާސާ އާއި ތަޖުރިބާގެ އަލީގައި އަލުން އަމާޒު ހިފައި، ގެންނާން ޖެހޭ ބަދަލުތަކެކެވެ. އަޅުގަނޑުމެންގެ ވިސްނުމަކަށް ވާން ވާނީ ކޮންމެ ކަމެއް ސިޔާސީ ވިސްނުމަކުން މިނެކިރައި ކޮންމެ ކަމަކުން ސިޔާސީ ފައިދާއެއް ހޯދުމެއް ނޫނެވެ. އެއާ ހިލާފަށް ގައުމީ މައްސަލަތަކުގައި ގައުމީ ވިސްނުންތަކަށް ޖާގަ ދިނުމެވެ. އަދި ދުސްތޫރި އޮނިގަނޑު އިތުރަށް ހަލާކުވިޔަ ނުދީ ނަގައި ކޮޅަށް ޖެހުމެވެ. ދައުލަތް ހިންގުމަށް ބޭނުންވާ ކަންކަމަށް ފުރުސަތު ލިބިދިނުމެވެ. ގައުމުގެ މުސްތަގުބަލާއި ތަރައްގީ އާއި ހަމަޖެހުމާއި އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ޖާގަ ދިނުމެވެ.
(މިލިޔުން ލިޔުއްވީ އައިޝަތު އާޒިމާ ޝަކޫރު އެވެ.)
About Post Author
މާދަމާ ނިއުސް
ކައުންސިލްތައް ބާކީކޮށް، ބާރު ކަނޑުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށާއި، ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް...
ސަރުކާރާއި މެންބަރުން އެއް ވަގުތެއްގައި ކަނޑައެެޅުމުން، ނުފޫޒު ފޯރުވުމުގެ ފުރުސަތު ހަނިވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު...
ވޭވަށު އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިޝަރީޒް މިނިސްޓްރީން މިފްކޯ މެދުވެރިކޮށް މ. ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް މިހާރު...
“ވެލާނާ އެއާޕޯޓަކީ ފަތުރުވެރިންނަށް ކުރެވޭ އިތުރު ތަޖުރިބާއެއް”
(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ) ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ފަތުރުވެރިންނަށް ލިބޭ އައު ތަޖުރިބާއެއްގެ ގޮތުގައި މަޓީގެ ޗެއަރމަން ހުސެއިން އަފީފް ސިފަކުރައްވައިފިއެވެ. އައިޓީބީ ބާލިން...
އާބާދީއާއި ތަރައްޤީ އެއްފަސްކުރުން: ޙާލަތު ބަދަލުކޮށްލާނެ ބޮޑު މަސައްކަތެއް!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އާބާދީ ކުދި ރަށްތަކުން ތަރައްޤީވެފައިވާ ރަށްތަކަށް މީހުން ބަދަލުކޮށް، ވަސީލަތްތައް ހަމަހަމަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން ހދ....
“ޚިޔާލު ހޯދުމުގެ ވޯޓާއެކު ވޯޓުލާން ނިކުންނަ މީހުން އިތުރުވާނެކަމަށް ބެލެވޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރަންޑަމް ވޯޓުގައި ބައިވެރިވާ މީހުންގެ...
