
(ފޮޓޯ ކްރެޑިޓްސް: ގަވްމައިކްހަަކަބީ)
މެދުއިރުމައްޗަށް އަތްގަދަކޮށް، އެ ސަރަޙައްދުގެ ޤައުމުތަކުގެ ބިންތައް ފޭރިގަތުމަކީ ޔަހޫދީ އިސްރާއީލުގެ ޙައްޤެއް ކަމުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވުމާ ގުޅިގެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ނުރުހުން ފާޅުކޮށް، އެމެރިކާއަށް ފާޑުކިޔަން ފަށައިފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ބިންތައް ފޭރިގަތުމަކީ ޔަހޫދީންނަށް ލިބިފައިވާ ޙައްޤެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ އެމެެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމުގައިވާ ހަކަބީއަކީ ޔަހޫދީން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ތާޢީދު ކުރައްވާ ނަޞާރާދީނުގެ މީހެކެވެ. މެދުއިރުމަތީގެ ބިންތަކަކީ ޔަހޫދީންގެ ޙައްޤެއް ކަމުގައި ހަކަބީ ވިދާޅުވީ ޓަކަރ ކާލްސަންއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގެ ތެރެއިން ކާލްސަން ވަނީ ޢިރާޤުގެ ފުރާތު ކޯރުން ފެށިގެން މިޞްރުގެ ނީލް ކޯރާ ދެމެދުގައި އޮތް ބިމަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންގެ މިލްކެއް ކަމުގައި ބުނެ، މިހާރު އެއީ އިސްރާއީލުގެ ޙައްޤެއް ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ކޮށްފައެވެ. ކާލްސަން އިޝާރާތް ކޮށްފައި އެ ވާ ސަރަޙައްދުގެ ތެރޭގައި އޮތް ޤައުމުތަކުގެ ތެރޭގައި ލުބްނާން، ސޫރިޔާ، އުރުދުން އަދި ސަޢޫދީ ޢަރަބިއްޔާ ވެސް ހިމެނެއެވެ.
ކާލްސަންގެ ސުވާލަށް ޖަވާބު ދެއްވަމުން ހަކަބީ ވަނީ، އެ ހުރިހާ ބިމެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަކީ “އެއްވެސް މައްސަލައެއް ނޫން” ކަމުގައި ވިދާޅުވެފައެވެ. ހަކަބީ މި މޭރުމުން ވިދާޅުވުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެމެރިކާއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މި ފާޑުކިޔުންތަކުން ރެކުމަށް އޭނާ ވަނީ ފަހުން މަސައްކަތް ކުރައްވާފައެވެ. އަދި، މެދުއިރުމަތީގެ ބިންތަކަކީ ޔަހޫދީންގެ ޙައްޤެއް ކަމަށް ދޭހަވާ މޭރުމަކުން ވިދާޅުވެފައި ވަނީ “ކަންބޮޑުކުރުމުގެ” ގޮތުން، އެ ކަމުގެ ޙަޤީޤަތަށް ވުރެ ބޮޑުކޮށްގެން އެ ވާހަކަ ދެއްކެވުމުގެ ނިޔަތުގައި ކަމުގައި ވިދާޅުވެފައެވެ. އަދި، މެދުއިރުމަތީގެ ބިންތަކަށް ވެރިވެގަންނަން ޔަހޫދީން މަސައްކަތް ކުރަމުން ނުދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މުޅި އިސްލާމީ އުންމަތުގެ ފާޑުކިޔުންތަކާއި ނުރުހުން ހަކަބީއާއި އެމެރިކާއަށް އަދި ރައީސް ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. ހަކަބީގެ ވާހަކަފުޅު ކުށްވެރިކޮށް މިޞްރު، ޢުރުދުން އަދި ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ޢަރަބި ލީގުން ވަނީ ބަޔާންތައް ނެރެފައެވެ. އެ ފަރާތްތަކުން ބުނީ، ހަކަބީގެ ވާހަކަފުޅަކީ “ހައްދުފަހަނަ އެޅި” ވާހަކަފުޅެއް ކަމުގައި ބުނެފައެވެ. އަދި، އެއީ ވޮޝިންގްޓަނުން ފާޅުގައި ހާމަ ކުރަމުންދާ ސިޔާސަތުތަކާ ޚިލާފު، މުސްލިމުންނާއި ޢަރަބިން ރުޅިއެރުވުމުގެ ނިޔަތުގައި ވިދާޅުވެފައިވާ ވާހަކަތަކެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ހަކަބީގެ ވާހަކަފުޅަކީ “ހައްދުފަހަނަ އަޅާފައިވާ” ވާހަކަފުޅެއްގެ ގޮތުގައި ސިފަކޮށް، އެ ކަން ބަލައިނުގަންނާނެ ކަމުގައި ބުނެފައެވެ. އަދި، އޭނާ އެ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ސަބަބު ސާފުކޮށްދިނުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ގޮވައިލާފައެވެ. މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ހަކަބީ ދައްކަވާފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ވާހަކަފުޅެއް ކަމުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކާއި ޢަރަބި ޤައުމުތަކުގެ ބިންތަކުގެ މައްޗަށް ޔަހޫދީންގެ އެއްވެސް ސިޔާދަތީ ބާރެއް ނޯންނާނެ ކަމުގައެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ ހަކަބީގެ ވާހަކަފުޅަކީ ޚާރިޖީ ހަމަތަކާ ވެސް ޚިލާފު ކުށެއް ކަމުގައެވެ. އަދި، އެއީ ސަރަޙައްދީ ޤައުމުތަކުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި އުރުދުނުން ސިފަ ކުރިއެވެ. ޢަރަބި ލީގުން ބުނީ، މި ފަދަ އަސާސެއް ނެތް، “ހައްދުފަހަނަ އެޅި” ވާހަކަތަކުގެ ސަބަބުން ދީނީ އަދި ޤައުމީ ނުތަނަވަސްކަން އިތުރުވަމުންދާ ކަމުގައެވެ.
ޔަހޫދީ އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޓްރަމްޕް ހަކަބީ ޢައްޔަން ކުރައްވާފައި ވަނީ 2024ވަނަ އަހަރުއެވެ. ހަކަބީއަކީ ފަލަސްޠީނުގެ މިިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޔަހޫދީން އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ކަން ޤަބޫލު ނުކުރައްވާ ބޭފުޅެކެވެ. އޭނާއަކީ، “ފަލަސްޠީނުގެ ރައްޔިތުންނެއް ނުތިބޭނެ” ކަމުގައި ވިދާޅުވެ، ފަލަސްޠީނުގެ ރައްޔިތުންނަށް ފުރައްސާރަ ކުރައްވާފައިވާ ބޭފުޅެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
