
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވުޓް ޔީ އުންގް، ޝްވޭ ތިއެންގްޔީ އަދި ކާން ލީން އާންގްއަކީ މިޔަންމާގައި މަތީ ތަޢުލީމު ހާސިލު ކުރަމުން ދިޔަ ޒުވާނުންތަކެކެވެ. ނަމަވެސް، މިއަދު އޭގެ ތެރެއިން ދެ މީހުން ވަނީ ޒުވާން އުމުރުގައި ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރެއިން ވުޓް ޔީ އުންގް އަދި ކާން ލީން އާންގް މި ދުނިޔެއާ ވަކިވެގެން ދިޔައީ ޖަލުގައި ދީފައިވާ އަނިޔާތަކުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އެ މީހުންގެ ކުށަކީ، މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވެ، ބަސް ބުނުމެވެ. ޑިމޮކުރަސީ ޙިމާޔަތް ކުރުމަށް މަގުތަކަށް ނިކުތުމެވެ. އަދި، އެ އަސްކަރީ ވެރިކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާތަކުގައި ބައިވެރިވުމެވެ. ވުޓް ޔީ އުންގް އަދި ޝްވޭ ތިއެންގްޔީ ފުރަތަމަ ދިމާވީ 2019ވަނަ އަހަރުއެވެ. އެ ދެ މީހުންނަކީ ވެސް ދަގޯން ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދެ ދަރިވަރުންނެވެ. އޭގެ ތެރެއިން ވުޓް ޔީ އުންގް ތަޢުލީމު ހާސިލު ކުރަމުން ގޮސްފައި ވަނީ ޒޫލޮޖީ ނުވަތަ ޖަނަވާރުތަކުގެ ހަޔާތާއި ދިރިއުޅުމާ ގުޅޭ ދާއިރާއިންނެވެ. ދެ މީހުންނަކީ ވެސް ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމުޢިއްޔާގައި އިސް ދައުރެއް އަދާ ކުރި ދެ މީހުންނެވެ. ކާން ލީން އާންގްއަކީ މިޔަންމާގެ އެހެން ޔުނިވަރސިޓީއެއްގައި ތާރީޚުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރަމުން ދިޔަ ޒުވާނެކެވެ.
މިޔަންމާގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، އެ ޤައުމުގެ އަސްކަރިއްޔާއިން ވެރިކަން ފޭރިގަނެފައި ވަނީ 2021ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1ވަނަ ދުވަހު ހިންގި ބަޣާވާތެއްގައެވެ. މީގެ ފަސް އަހަރު ކުރިން އެ ބަޣާވާތް ހިންގުމާ އެކު، އަސްކަރީ ވެރިކަމަކާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުތެވެ. އޭގެ ތެރޭގައި ވުޓް ޔީ އުންގް، ޝްވޭ ތިއެންގްޔީ އަދި ކާން ލީން އާންގް ވެސް ހިމެނުނެވެ. ނަމަވެސް، މުޒާހަރާތައް ކޮންޓުރޯލު ކުރުމުގެ ނަމުގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކުގެ ތެރެއިން އެ ތިން ޒުވާނުން ވެސް ވަނީ ހައްޔަރުކޮށް، ޖަލަށް ލާފައެވެ. މުޒާހަރާތައް ކޮންޓުރޯލު ކުރުމުގެ ނަމުގައި މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގި ޖަރީމާތަކުގެ ތެރެއިން ހައްޔަރުކޮށް، ޖަލަށް ލާފައިވާ އެތަަކެއް ސަތޭކަ ބަޔަކު ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ކަމުގައި ތުހުމަތު ކުރެވެއެވެ. ސިޔާސީ ހައްޔަރީންނަށް އަނިޔާކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރަމުންދާ ކަމުގައި ތުހުމަތު ކުރަމުންދާ އިދާރާތަކުގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)އާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތައް ހިމެނެއެވެ.
ހުސްވި އަހަރު ނެރުނު ރިޕޯޓެއްގައި އދން ބުނީ، މިޔަންމާގެ އަސްކަރީ ސަރުކާރުން ސިޔާސީ ހައްޔަރީންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ކަމުގައެވެ. ނަމަވެސް، މަރައިލާފައިވާ މީހުންގެ ފުރިހަމަ އަދަދުތައް ސާފެއް ނޫނެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ޕޮލިޓިކަލް ޕްރިޒަނަރސް ނެޓްވަރކް އޮފް މިޔަންމާ (ޕީޕީއެންއެމު)ން ބުނީ، ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ސިޔާސީ ހައްޔަރީންގެ ތެރެއިން 273 މީހުން މަރައިލާފައިވާ ކަން އެ ޖަމުޢިއްޔާއަށް ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ޖަލުތަކުގައި އަނިޔާކޮށް މަރައިލާފައިވާ މީހުންގެ ތެރޭގައި އުމުރުން 18އާއި 35 އަހަރާ ދެމެދުގެ 74 ޒުވާނުން ހިމެނޭ ކަމުގައި، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެހެން ޖަމުޢިއްޔާއެއް ކަމުގައިވާ އެސިސްޓެންސް އެސޯސިއޭޝަން ފޮރ ޕޮލިޓިކަލް ޕްރިޒަނަރސުން ކަށަވަރު ކޮށްދެއެވެ. ނަމަވެސް، މިޔަންމާގެ އަސްކަރީ ސަރުކާރުން ދަނީ އދއާއި ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުގެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މީހުން، ޚާއްޞަ ގޮތެއްގައި ޒުވާނުން، ހައްޔަރުކޮށް، އަނިޔާކޮށް، އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށް އެ މީހުންނަށް މަޖުބޫރު ކުރުވަމުންދާ ކަމުގައި އދގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި، އެ ފަދަ ޖަރީމާތަކުގެ ސަބަބުން މިޔަންމާގެ ޒުވާން ޖީލަށް، އަދި ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގައި ވެސް އދން ބުންޏެވެ. އދގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމު (ޔޫއެންޑީޕީ)ން ބުނީ، މިޔަންމާގެ ބަޣާވާތަަށް ފަހު 300,000އާއި 500,000އާ ދެމެދުގެ އަދަދެއްގެ ޒުވާނުން ޤައުމު ދޫކޮށް، ބޭރު ޤައުމުތަކަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޝްވޭ ތިއެންގްޔީ ވެސް ހިމެނެއެވެ. ނަމަވެސް، ވުޓް ޔީ އުންގް ޤައުމު ދޫކޮށް ގޮސްފައެއް ނުވެއެވެ. މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޭނާ ހައްޔަރު ކޮށްފައި ވަނީ 2021ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދަޢުވާގެ އިތުރުން ސަރުކާރާ މެދު ނަފުރަތު އުފެއްދުމަށް މަސައްކަތްކޮށް، ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެހެން މީހުންނަށް ހިތްވަރު ދެމުން ދިޔަ ކަމުގެ ދަޢުވާ ސާބިތުކޮށް، އޭނާ ހަތް އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކުރިއެވެ. ޝްވޭ ތިއެންގްޔީ ބުނި ގޮތުގައި، އޭނާ މަރުވީ، ޖަލުގައި އޭނާއަށް ދެމުން ދިޔަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި، ޞިއްޙީ ފަރުވާއިން މަހުރޫމު ކުރުވުމުގެ ސަބަބުންނެވެ.
ކާން ލީން އާންގް ހައްޔަރު ކޮށްފައިވާ ކަމުގެ މަޢުލޫމާތު އޭނާގެ ޢާއިލާއަށް ލިބުނީ ޓީވީ ޚަބަރު މެދުވެރިކޮށެވެ. 19 އަހަރުގެ ކާން ލީން އާންގް ހައްޔަރު ކޮށްފައި ވަނީ 2021ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އޭނާއާ ދެކޮޅަށް ވެސް މިޔަންމާގެ އަސްކަރީ ސަރުކާރުން އުފުލާފައި ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދަޢުވާގެ އިތުރުން ސަރުކާރާ މެދު ނަފުރަތު އުފެއްދުމަށް މަސައްކަތްކޮށް، ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެހެން މީހުންނަށް ހިތްވަރު ދެމުން ދިޔަ ކަމުގެ ދަޢުވާއެވެ. އެ ދަޢުވާތައް ސާބިތުކޮށް، އޭނާ 15 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރިއެވެ. 2023ވަނަ އަހަރުގެ ޖުލައި މަހު އޭނާ މަރުވީ، ޖަލު ބަލަހައްޓާ ސިފައިން ބަޑި ޖަހައިގެންނެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނީ، ކާން ލީން އާންގް މަރުވީ ޖަލުން ފިލަން އުޅުމުން، އެ ކަން ހުއްޓުވުމަށް ޖަލު ބަލަހައްޓާ އޮފިސަރުން މަސައްކަތް ކުރުމުގެ ތެރެއިން ކަމުގައެވެ. ނަމަވެސް، ސަރުކާރުގެ ބަސް ބަލައިގަތުމަށް ކާން ލީން އާންގްގެ ޢާއިލާއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި ކާން ލީން އާންގް މަރައިލާފައި ވަނީ ގަސްދުގައެވެ. އޭނާގެ ވެސް ކުށަކީ، ޑިމޮކުރަސީއާއި މިނިވަން ކަމުގެ ޙައްޤުގައި އަޑުއުފުލައި ޚިޔާލު ފާާޅުކުރުމެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
ރަޝިޔާއިން ޒިޔާރަތްކުރި ފަތުރުވެރިން %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެ، 130,414...
ތުރުކީއާއެކު ސޮއިކުރި ޕީޓީއޭގެ، ވިޔަފާރީގެ ފުރުސަތުތަކުގެ މަޝްވަރާއެއް
(ފޮޓޯ ކްރެޑީޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީވިލާތުގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގެ ހަވާސާގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް،...
“ކުނީގެ މައްސަލާގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް...
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުބާރު ދަމަހައްޓާނެ: ރައީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހުރި...
