Read Time:9 Minute, 15 Second

(ފޮޓޯ ކްރެޑިޓްސް: ބީސީސީ)

 

 

ރާއްޖޭގެ އިޤްތިޞާދުގެ %90 އަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ އެންމެ ކުދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. މި ވިޔަފާރިތަކަކީ އިޤްތިޞާދުގެ އެހާ މުހިންމު ބަޔަކަށް ވުމާއިއެކު މި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދުފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވޭގޮތައްކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި މަގަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ ރަނގަޅު ޕްލެޓްފޯމެއް ފަހިކޮށްދެވިފައި ނެތުމެވެ. އެ ތަކެއްޗައް މާކެޓް ނުލިބުމެވެ. މި ޝަކުވާއަށް ހައްލެއް ގެނެސްދެއްވުމަށްޓަކައި އަދުގެ ސަރުކާރުން ވަނީ ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޕްލެޓްފޯމްކަމަށްވާ އަލިބާބާގައި ވިއްކޭނެ މަގު ފަހިކޮށްދެއްވާފައެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ އަލިބާބާއާއި ގުޅިގެން ވަނީ ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަ މައުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ބާއްވާފައެވެ. މިއީ އަލިބާބާގައި ތަކެތި ވިއްކަން ބޭނުންވާ ވިޔަފާރިވެރިންނަށް އެކަން ކުރާނެ ގޮތާއި ބޭނުންވާނެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބޭއްވި ވޯކްޝޮޕެކެވެ. މިއަށްފަހު މިހާރު މި ވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުނި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ އޮންލައިން ފިހާރައެއް އަލިބާބާގައި ހުޅުވާފައެވެ. އަދި މިތަނުން މިހާރު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ގަންނަންވެސް ލިބެން އެބަހުއްޓެވެ. މި އޮންލައިން ފިހާރަ ހުޅުވީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

 

ބީސީސީއިން ވިދާޅުވީ އެ ކުންފުނީގެ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި 400 އެއްހައި ސަޕްލަޔަރުން އެބަތިބިކަމަށެވެ. މިއިން ހުރިހައި ފަރާތްތަކަށްވެސް އަލިބާބާގެ ޕްލެޓްފޯމްގައި އެމީހުންގެ ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ އޮންލައިން ފިހާރައެއް އަލިބާބާގައި ހުޅުވުމަކީ 400 އަށް ވުރެ ގިނަ ދިވެހި ލޯކަލް ވިޔަފާރިވެރިންނަށް، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި އެމީހުންގެ އުފެއްދުންތައް ދައްކާލައި ވިއްކުމުގެ ފުރުޞަތު ހުޅުވުނުކަމެއްކަމަށެވެ.

 

 

 

 

މި މަސައްކަތަކީ ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށާއި، ވިޔަފާރިވެރިން ބާރުވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހި އަސްލު އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން، މިކަމަކީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ ރަނގަޅު މިސާލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ލާމަސީލު ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އޮންލައިން ވިޔަފާރިކުރިއެރުވުމަށާއި، އިޤްތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަމުގެ ހެއްކެއްގެ ގޮތުގައި ވަޒީރު ސަޢީދު ވަނީ ސިފަކުރައްވާފައެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ބީސީސީ)

 

 

ސަރުކާރުން ދަނީ ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ފަންނުވެރިކަމާއި އުފެއްދުންތެރި އިޤްތިޞާދެއް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވަނީ، ޤައުމުގެ ޖީޑީޕީ 15 އިންސައްތަ ޙިއްސާކުރާނީ، ފަންނުވެރިކަމުގެ އިޤްތިޞާދު ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިމަގަށް މަސައްކަތް ކުރުމަށް ޤައުމީ އުފެއްދުތެރިކަމުގެ މަޢުރަޒުގެ ނަމުގައި މިއަހަރު ވަނީ މިހާތަނަށް ބޭއްވި އެންމެ ބޮޑު މަޢުރަޒު ބާއްވާފައެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތާއިއެކު ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް 2040 ވަނަ އަހަރު އަންނަން ވާއިރަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %