
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
31 އަހަރުގެ ޙަންނާން އަލް-ޖޫޖޫއަކީ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ތިން ކުދިންގެ މަޔެކެވެ. އޭނާއާއި އޭނާގެ ދަރިން މި ވަގުތު ދިރިއުޅެމުން ދަނީ ކަނު އަނދިރީގައެވެ. ސަބަބަކީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމަށް ފަހު އެ ސަހަރުގެ ހުރިހާ ޢުމްރާނީ ވަސީލަތްތަކާއި ޚިދުމަތްތަކެއް ސުންނާފަތި ކޮށްލާފައި އޮތުމެވެ. ޣައްޒާގެ އެއްވެސް ސަރަޙައްދަކަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ގުޅައިދީފައެއް ނެތެވެ. އަދި، އެ ޚިދުމަތް ލިބޭނެ ދުވަހެއް ވެސް އެ ސަހަރުގެ ރައްޔިތުންނަށް ނޭނގެވެ. ޙަންނާން ބުނީ، ލިބޭ މަދު ކާއެތިކޮޅު އޭނާގެ ދަރިންނަށް ދޭން ޖެހެނީ ކަނު އަނދިރީގައި ބައިތިއްބައިގެން ކަމުގައެވެ. އަތުގައި ފައިސާ ނެތުމާއި ކަރަންޓު ލިބެން ނެތުމުން، އެ ޢާއިލާއިން ގެންގުޅޭ ޓޯޗު ބައްތި ކާޗު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމުގައި ޙަންނާން ކިޔައިދިނެވެ. ކާބޯތަކެތި ގަތުމަށް ފައިސާ ނެތުމުން ޙަންނާންގެ ޢާއިލާއިން ގިނަ ވަގުތު ހޭދަ ކުރަނީ ހުސް ބަނޑާ، ހައިހޫނު ކަމުގައެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތް ހާލުގައެވެ.
“އިރުއޮއްސި، މަޣުރިބަށް ގޮވުމަށް ފަހު އަޅުގަނޑުމެން ދިރިއުޅެމުން މި ދަނީ އަނދިރީގައި. ޓޯޗުގައި ޗާގު ހުރެއްޖެއްޔާ އޭގެން ކޮންމެ ވެސް އަލިކަމެއް ހޯދަން، ނޫން ނަމަ ނިދަން ޖެހޭނީ ކަނު އަނދިރީގައި،” ޙަންނާން ކިޔައިދިނެވެ. އޭނާގެ ޢާއިލާ ދިރިއުޅެމުންދާ ގެއިން ކަރަންޓުގެ ޚިދުމަތް ކަނޑައިލާފައި ވަނީ މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން، ޔަހޫދީންގެ ޤަތުލުޢާންމު ފެށުމާ އެކުގައެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތްވުމަށް ޙަންނާން ވަނީ އޭނާގެ ޢާއިލާ ގޮވައިގެން ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް ހިޖުރަ ކޮށްފައެވެ. އެއަށް ފަހު، ރޭގަނޑު އަލިކަން ހޯދުމަށް ޙަންނާންގެ ޢާއިލާއިން ބޭނުން ކޮށްފައި ވަނީ އުށްބައްތިއެވެ. ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައިދާނެ ކަމުގެ ބިރު އޮތުމާ އެކު އުށްބައްތި ބޭނުން ކުރުން ހުއްޓައިލިއެވެ.
“އަޅުގަނޑުމެންނަށް އެލްއީޑީ ބައްތިއެއް ވެސް ލިބުނު، ނަމަވެސް އޭތި ހަލާކުވީ. އޭތި ހަދާކަށް ފައިސާއެއް ނެތް. އަޅުގަނޑުމެން ބެޓެރީ ގަތުމަށް ވެސް މަސައްކަތް ކުރިން، ނަމަވެސް އެ ފަދަ ތަކެތި މިިހާރު ވަރަށް އަގުބޮޑު ނޫނީ ލިބޭކަށް ނުހުރޭ،” ކަނު އަނދިރީގައި ތަހައްމަލު ކުރަން ޖެހިފައިވާ ހާލަތު ބަޔާންކޮށްދެމުން ޙަންނާން ބުންޏެވެ. ޣައްޒާ ޢުދުވާނުގެ ކުރިން އެ ސަހަރުގެ ބޮޑު ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ، ޒަޔަނިސްޓު އިސްރާއީލުން ކަރަންޓު އިމްޕޯޓު ކޮށްގެންނެވެ (ކަރަންޓު އިމްޕޯޓު ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އަގުދީގެން ކަރަންޓުގެ ޚިދުމަތް ބޭރު ޤައުމަކުން ގަތުން). ޣައްޒާއިން ދިޔައީ 120 މެގަވޮޓުގެ ކަރަންޓު އިމްޕޯޓު ކުރަމުންނެވެ. ޣައްޒާގައި ހުރި ހަމައެކަނި އިންޖީނުގެއިން އެއިރު އުފައްދަމުން ދިޔައީ 60 މެގަވޮޓުގެ ހަކަތައެވެ.
ނަމަވެސް، ޣައްޒާ ޢުދުވާން ފެށުމާ އެކު އިންޖީނުގެ ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވެ، މުޅި ޣައްޒާ ކަނު އަނދިރީގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ޣައްޒާއަށް ކަރަންޓު ފޯރުކޮށްދިނުން ޔަހޫދީން މުޅިން ހުއްޓުމަކަށް ގެނެސްފައި ވަނީ މި އަހަރުގެ މާރިޗު މަހުއެވެ. އޮކްޓޫބަރު 10ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޣައްޒާ ޤަތުލުޢާންމު މި ވަގުތަށް ހުއްޓައިލާފައި އޮތް ނަމަވެސް، ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެއް ނެތެވެ. އަދި، ޣައްޒާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން ދިޔަ ވިއުގައިގެ %80 ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ވަނީ ސުންނާފަތި ކޮށްލާފައެވެ.
ޣައްޒާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ޘާބިތު ވިދާޅުވީ، އެ ކުންފުނީގެ މުދަލާއި ވަަސީލަތްތަކަށް ޔަހޫދީން ދީފައިވާ ގެއްލުމުގެ އަދު 728 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމުގައެވެ. “ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއަށް އެއްވެސް ވަރަކަށް ކަރަންޓެއް ނުލިބޭ. ޣައްޒާއަށް ލިބިފައިވާ ކަރަންޓުގެ މިންވަރަކީ ހަމަ ސުމެއް،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
