
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއްބަސްވެފައިވާ ގޮތާ ޚިލާފަށް، ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދެމުން ނުދާ ކަން ޣައްޒާގެ އިދާރާތަކުން ހާމަކޮށްފިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. އެއާ އެކު، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ޤަތުލުޢާންމުގެ ދަށުން ދެމުން ދިޔަ ނިރުބަވެރި ޙަމަލާތައް ހުއްޓައިލަން ޖެހުނު ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނެތެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އޮކްޓޫބަރު 10އާއި 31އާ ދެމެދު އެ ސަހަރަށް އެތެރެ ކޮށްފައި ވަނީ އެންމެ 3,203 ލޮރީގެ މުދާ ކަމުގައެވެ. އެއީ، ދުވާލެއްގެ މައްޗަށް އެންމެ 145 ލޮރީގެ ކާބޯތަކެއްޗާއި އިންސާނީ އެހީއެވެ. ޙަމާސާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ވެސް 600 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދޭން ޖެހޭނެއެވެ. ނަމަވެސް، އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅައި، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
“އެހީއާއި ވިޔަފާރި މުދާ ބަރުކޮށްފައިވާ ލޮރީތައް ޣައްޒާއަށް އެތެރެ ކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުން ކުރިމަތި ކުރަމުންދާ ހުރަސްތައް އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން، އަދި ޣައްޒާގައި ތިބި 2.4 މިލިޔަނެއްހާ މީހުންގެ އިންސާނީ ޙާލަތު ގޯސްވެ، ދަށްވަމުންދާ ދިޔުމުގެ ފުރިހަމަ ޒިންމާ އެ މީހުން [ޔަހޫދީން] އުފުލަން ޖެހޭނެ،” ޣައްޒާގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ކުރިމަތި ކުރަމުންދާ ހުރަސްތައް ނައްތައިލުމަށް އެ މީހުންނަށް ބާރުއަޅައި، ފިއްތުންތައް ކުރިމަތި ކުރުމަށް ޣައްޒާގެ މީޑިޔާ އޮފީހުން ވަނީ ޓްރަމްޕްގެ އިތުރުން އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު އަދާ ކުރި ޤައުމުތަކަށް ވެސް ގޮވައިލާފައެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ތަރުޖަމާނު ފަރްޙާން ޙައްޤު ވިދާޅުވީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ހުޅުވައިލުމަށް ޔަހޫދީން އިންކާރު ކުރަމުން ދިޔުން ކަމުގައެވެ. “މި ވަގުތު އެހީގެ ސާމާނު އެތެރެ ކުރަން ޖެހެނީ މިޞްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ފިލަޑެލްފީ ކޮރިޑޯއިން، އެއަށް ފަހު ލޮރީތައް ދަތުރު ކުރަން ޖެހެނީ ސުންނާފަތި ކޮށްލާފައިވާ ހަނި މަގަކުން. ޣައްޒާއަށް އެހީ ވެއްދުމަށް އިތުރު މަގުތައް ހުޅުވައިލަން ޖެހޭ،” އޭނާ ވިދާޅުވިއެވެ. އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ވެސް އިތުރު ކުރަމުންނެވެ. މި ގޮތުން، ނޮވެންބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް، ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ބޮންއަޅާފައެވެ. އަދި، ޣައްޒާގެ އިރުމަތީގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޙަމަލާދީ، ޢާންމުން ދިރިއުޅެމުން ދިޔަ އިމާރާތްތަކެއް ސުންނާފަތި ކޮށްލާފައެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 222އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 594އަށް އަރައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިިންގި ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ހަށިތައް އަދިވެސް ދަނީ ފެންނަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
