Read Time:7 Minute, 37 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ ތެރެއިން ހައްޔަރުކުރި މީހަކަށް ޔަހޫދީ ސިފައިން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއަކާ ގުޅިގެން ޖިނާޢީ ތަޙުޤީޤެއް ފެށުމުން، ޔަހޫދީ ފައުޖުގެ އިސް ޤާނޫނީ ވަކީލު އިސްތިޢުފާ ދީފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތަކަށް ޔަހޫދީ ސިފައިން އަނިޔާކުރާ ވީޑިއޯ ލީކުކޮށް، މީޑިޔާގައި ޢާންމު ކޮށްފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެ ވީޑިއޯ ލީކުކޮށްލި މައްސަލައިގައި ޖިނާޢީ ތަޙުޤީޤެއް ފެށުމުން އިސްތިޢުފާ ދީފައި ވަނީ ޔަހޫދީ ފައުޖުގެ އިސް ޤާނޫނީ ވަކީލު، މޭޖަރ ޖެނެރަލް އިފާތު ތޮމެރޭ-އުޝަލްމީއެވެ. އެ ވީޑިއޯ ލީކު ކޮށްލުމަށް ހުއްދަ ދީފައިވާ އޭނާ ކަމުގައި ތޮމެރޭ-އުޝަލްމީ ވަނީ އިޢުތިރާޟުވެފައެވެ.

 

ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތަކަށް އަނިޔާކުރާ މަންޒަރުތައް ފެންނަ ވީޑިއޯގެ ތަޙުޤީޤާ ގުޅިގެން ސިފައިންގެ ފަސް މީހެއްގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލާފައިވެއެވެ. އެ މައްސަލައިގައި ހައްދުފަހަނަ އެޅި ޔަހޫދީން ތަމްސީލު ކުރާ ސިޔާސީ ޕާޓީތަކާއި، ޢާންމުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޔަހޫދީ ސިފައިންގެ ފަސް މީހަކާ ދެކޮޅަށް ޖިނާޢީ ދަޢުވާ އުފުލުމާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑަކުން އަސްކަރީ ދެ މަރުކަޒަކަށް ޙަމަލާ ދީފައި ވެސް ވެއެވެ. ލީކުކޮށްލާފައިވާ ވީޑިއޯ ޢާންމު ކޮށްފައި ވަނީ ޔަހޫދީންގެ އެން12 ނޫހުންނެވެ. ޔަހޫދީ ސަރުކާރުން މިހާރު ތަޙުޤީޤު ކުރަމުން ދަނީ ވީޑިއޯ ލީކުކޮށްލާފައިވާ މައްސަލައެވެ. ޒަޔަނިސްޓު ދައުލަތުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ވީޑިއޯ ލީކުކޮށްލި މައްސަލައިގައި އިސްތިޢުފާ ދިނުމަށް ތޮމެރޭ-އުޝަލްމީއަށް މަޖުބޫރު ކޮށްފައިވާނެ ކަމުގައެވެ. ތޮމެރޭ-އުޝަލްމީ ވަނީ އޭނާގެ އަމަލު ދިފާޢު ކުރުމަށް މަސައްކަތް ކޮށްފައެވެ. އޭނާ ބުނީ، ވީޑިއޯ ލީކުކޮށްލުމަށް ނިންމީ، ޔަހޫދީން ސިފައިންގެ ޤާނޫނީ ވަކީލުންގެ ޑިޕާޓްމަންޓް ޙިމާޔަތް ކުރުމުގެ ގޮތުން ކަމުގައެވެ. އަދި، ޣައްޒާ ޤަތުލުޢާންމުގެ ތެރެއިން ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ ސިފައިންގެ މައްސަލަތައް ބެލުމަށް ނިންމުމާ އެކު، އޭނާއާއި ޤާނޫނީ ޓީމު ބަދުނާމުކޮށް، އެ ޑިޕާޓްމަންޓްގެ ނަންހުތުރު ކޮށްލުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ބޮޑު ކެމްޕޭނެއް ހިންގަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.

 

ލީކު ކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ސްދޭ ތެއިމާން ޖަލުގެ މަންޒަރުތަކެކެވެ. ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެ މަރުކަޒުގައި ހައްޔަރު ކޮށްފައި ތިބި ކަމުގައި ބެލެވެއެވެ. އަދި، ޣުދުވާނުގެ ތެރެއިން ހައްޔަރަށް ގެންގޮސްފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް އެ ތަނުގައި ބަންދުކޮށްފައި ތިއްބެވެ. އެ ތަނުގައި ހައްޔަރު ކޮށްފައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް ޔަހޫދީ ސިފައިން ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ. ސްދޭ ތެއިމާންގައި ހައްޔަރު ކޮށްފައި ތިބީ ނިރުބަވެރިންގެ ބަޔަކު ކަމުގައި ތޮމެރޭ-އުޝަލްމީގެ އިސްތިޢުފާގެ ސިޓީގައި ސިފަކުރިއެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ. އަދި، އެ މީހުންނަށް ލާއިންސާނީ އަނިޔާތަކަށް ކުރިމަތިލާން ޖެހުނު ކަމާ މެދު ހިތާމަ ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ. ހައްޔަރުގައި ހުރި ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ލާއިންސާނީ އަނިޔާތައް ދެމުން ގޮސްފައިވާ ކަން ހާމަވެގެން ދިޔަ ވީޑިއޯ ތޮމެރޭ-އުޝަލްމީ ލީކުކޮށްލުމާ މެދު ކަޓްޒް ބުނީ، ޔަހޫދީ ސިފައިން ބަދުނާމުވާ ފަދަ އެއްވެސް އަމަލެއް ހިންގާ މީހަކަށް އެ މުއްސަސާގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %