
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލައްވައިފިއެވެ. ޣައްޒާގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއެޅުން ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލައްވާފައި މި ވަނީ، އޭނާ އިޢުލާނު ކުރައްވާފައިވާ ސުލްޙައިގެ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް އެއްބަސްވާނެ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކުރުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގައި ދެމެހެއްޓެނި ގޮތަކަށް ސުލްޙަ ޤާއިމު ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމުގައެވެ. “އިސްރާއީލުން ޣައްޒާއަށް ބޮން އެޅުން ވަގުތުން ހުއްޓައިލަން ޖެހޭ، [ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި] އަސީރުން ރައްކާތެރިކަމާއި ހަލުވިކަމާ އެކު ސަލާމަތް ކުރެވޭނީ އެއިރުން،” މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ހުށަހެޅުމަކީ ހަމައެކަނި ޣައްޒާއާ ގުޅޭ ހުށަހެޅުމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “މި ކަން [ހުށަހެޅުން] ތަންފީޒު ކުރާނެ ގޮތަކާ މެދު އަޅުގަނޑުމެން މިހާރު ވެސް މި ދަނީ މަޝްވަރާ ކުރަމުން. މިއީ ހަމައެކަނި ޣައްޒާއާ ގުޅުން އޮތް ކަމެއް ނޫން، މިއީ މުޅި މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރުމާ ގުޅުން އޮތް ކަމެއް،” އޭނާ ލިޔުއްވިއެވެ. ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ގޮވައިލައްވާފައިވީ ނަމަވެސް، ޔަހޫދީން އެ ގޮވައިލުމަށް އިޖާބަ ދީފައެއް ނެތެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ބޮންއެޅުން ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައި ހަތް މީހުން ޝަހީދު ކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.
“ފާއިތުވެ ދިޔައީ ވަރަށް އަނިޔާވެރި ރެއެއް. ބޮންއެޅުން ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލައްވާފައިވީ ނަމަވެސް، ޣައްޒާ ސިޓީއާއި މި ސަހަރުގެ އެހެން ސަރަޙައްދުތަކަށް އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރު ބޭނުން ކޮށްގެން [ޔަހޫދީ ފައުޖުން] ވަރުގަދަ ޙަމަލާތަކެއް ދީފައިވޭ،” ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 20އަށްވުރެ ގިނަ ގެދޮރު ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ. ޣައްޒާ ސިޓީގެ އަލް-އަހްލީ ޢަރަބި ހަސްފަތާލުން ބުނީ، އެ ރަށުގެ އަލް-ތުއްފާޙް އަވަށަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރް ހަސްފަތާލުން ބުނީ ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި ހުރި ފޭލިގެތަކަކަށް ބޮންއަޅައި، އިތުރު އަށް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވުމާ އެކު، އެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އޮފީހުން ވަނީ، 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމުގައި ބުނެފައެވެ. އަދި، ޣައްޒާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ޙަމަލާތައް މަދު ކުރުމަށް ޔަހޫދީ ސަރުކާރުގެ އިސްވެރިން، ޔަހޫދީ ފައުޖަށް އިރުޝާދު ދީފައިވާ ކަމުގައި ޒަޔަނިސްޓުންގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ފުރަތަމަ މަރުޙަލާއަށް ތައްޔާރުވުމަށް ޔަހޫދީ ފައުޖަށް އަންގާފައިވީ ނަމަވެސް، ޙަމަލާތައް މަދު ކުރުމަށް އިރުޝާދު ދީފައިވާ ކަން ޒަޔަނިސްޓު ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް އެއްބަސްވާނެ ކަން ޙަމާސުން ހާމަކޮށްފައި މި ވަނީ، އޭނާ އެ ޖަމާޢަތަށް މުހުލަތެއް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ހުށަހެޅުމުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރަން ޖެހޭނެއެވެ. ޙަމާސުން ވަނީ އެ މާއްދާތަކަށް އެއްބަސްވާނެ ކަން ހާމަކޮށްފައެވެ. އޭގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާ ފަލަސްޠީނުގެ 1,170 މީހުން ދޫކޮށްލަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ 250 ކުށްވެރިން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. މިއީ، ޔަހޫދީންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޙަމާސަށް އޮތް އެންމެ ފަހު ފުރުޞަތު ކަމުގައި ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
