
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ގޮސްފިއެވެ. އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގޮސްފައި މި ވަނީ، ސަރުކާރު ހިންގުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުރު-މުއްދަތުގެ ބިލަކަށް ކޮންގްރެސްގައި ތިއްބެވި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ. މިއީ، 1981ވަނަ އަހަރަށް ފަހު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ 15ވަނަ ފަހަރެވެ. މި ކަމަށް އަވަސް ޙައްލެއް ފެންނަން ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރާއިރު، ސަރުކާރު ހުއްޓުމަކަށް އައުމާ އެކު، ފެޑެރަލް ނުވަތަ މައި ސަރުކާރުގެ ވަޒީފާގައި ތިބި އެތަކެއް ހާސް ބަޔެއްގެ ވަޒީފާ ގެއްލިގެންދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.
ސަރުކާރު ހުއްޓުމަކަށް އައުމާ އެކު، މި ސެޕްޓެންބަރު މަހު ނެރުމަށް ތައްޔާރު ކުރަމުން ދިޔަ ވަޒީފާއާ ބެހޭ ޚާއްޞަ ރިޕޯޓަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އަދި، އެމެރިކާގެ ސިފައިންނަށް މުސާރަ ދެވޭނެ މަގު ބަންދުވެ، 750,000އަށްވުރެ ގިނަ މީހުން މުސާރައާ ނުލައި ޗުއްޓީއަށް ފޮނުވައިލަން މަޖުބޫރު ވެގެންދާނެއެވެ. އަދި، މި ކަމުގައި ދިގު މުއްދަތެއް ހޭދަވެއްޖެ ނަމަ، އޭގެ ތެރެއިން ބޮޑު އިންސައްތައެއްގެ ވަޒީފާ ގެއްލޭނެއެވެ. އޭގެ ގެއްލުމުގެ އަގު ދުވާލެއްގެ މައްޗަށް 400 މިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ބެލެވޭއިރު، ސަރުކާރު ހުއްޓުމަކަށް އައުމާ އެކު ވައިގެ އުދުހުންތައް ވެސް މަޑު ޖެހޭނެއެވެ. އަދި، ސައިންޓިފިކް ދިރާސާތަކަށް ވެސް ހުއްޓުމެއް އަންނާނެއެވެ. ފެޑެރަލް ނުވަަތަ މައި ސަރުކާރުގެ ޚަރަދު ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދާ އެކު، މި އަހަރު ނިމުމުގެ ކުރިން މައި ސަރުކާރުގައި ވަޒީފާ އަދާކުރާ 300,000އެއް މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ބެލެވެއެވެ. ނޮވެންބަރު 21ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ކުރު-މުއްދަތުގެ ޚަރަދުތަކާ ބެހޭ ބިލާ ޑިމޮކްރެޓުން ދެކޮޅު ހެދުމާ ގުޅިގެން ޓްރަމްޕް ވަނީ އިތުރު ބަޔެއްގެ ވަޒީފާތައް ގެއްލި، އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި އިންޒާރު ކުރައްވާފައެވެ.
ޑިމޮކްރެޓުން އަދި ރިޕަބްލިކަނުން ވެސް ދޫދޭކަށް ބޭނުމެއް ނޫން
ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ތާޢީދު ކުރުމަށް ޑިމޮކްރެޓުން ވަނީ ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އެފޯޑެބަލް ކެއަރ ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތްތަކަށް ފޯރުކޮށްދޭ އިންޝުއަރެންސް ކަނޑައިލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރުން ހިމެނެއެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު، މި އަހަރު ނިމުމާ އެކު، އެމެރިކާގެ އެތަކެއް މިލިޔަން ރައްޔިތުންނެއް ޞިއްޙީ އިންޝުއަރެންސުން މަޙްރޫމު ވެގެންދާނެއެވެ. ނަމަވެސް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އެ ޕާޓީން ބުނީ އެއީ ސަރުކާރުގެ ޚަރަދުތަކާ ބެހޭ ބިލާ ގުޅުން އޮތް ކަމެއް ނޫން ކަމުގައެވެ.
އެމެރިކާގެ މި އަހަރުގެ ދައުލަތުގެ ބަޖެޓު 7 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ވައިޓް ހައުސާއި ކޮންގްރެސާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، މައްސަލަ ޖެހިފައި މި ވަނީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބޭނުންވާ 1.7 ޓްރިލިޔަން އެމެރިކާ ޑޮލަރާ މެދެވެ. ބާކީ އޮތް ބަޔަކީ، ޤާނޫނުތަކުގެ ދަށުން ކުރަން މަޖުބޫރު ޚަރަދުތަކެކެވެ. އޭގެ ތެރޭގައި، ޞިއްޙީ ފަރުވާއާއި، ރިޓަރކުރާ މީހުންނަށް ދޭ އިނާޔާތްތަކުގެ އިތުރުން އެމެރިކާގެ ދައުލަތުގެ 37.5 ޓްރިލިޔަން ޑޮލަރުގެ ދަރަނީގެ އިންޓްރެސްޓަށް ހޭދަވާ ފައިސާ ހިމެނެއެވެ. އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމުގެ މާލީ އަދި އިޤުތިޞާދީ ގެއްލުންތައް މިހާރު ވެސް ވަނީ ފެންމަތިވާން ފަށާފައެވެ. އޭގެ ތެރޭގައި ރަނުގެ އަގު އުފުލުމާއި، އެމެރިކާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓެން ފެށުމުގެ އިތުރުން އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތަކަށް ލޮޅުންއެރުން ފާހަގަ ކުރެވެއެވެ. އެމެރިކާ ޑޮލަރުގެ އަގު ވެސް ވެއްޓެން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
މީގެ ކުރިން، އެމެރިކާގެ ސަރުކާރު އެންމެ ދިގު މުއްދަތަކަށް ހުއްޓިފައި ވަނީ 35 ދުވަހުގެ މުއްދަތަކަށެވެ. އެއީ، 2018ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2019ގެ ޖަނަވަރީއަށެވެ. އެއީ، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ، ވައިޓް ހައުސާއި ކޮންގްރެސާ ދެމެދު ސަރަޙައްދީ ރޮނގުގެ ސަލާމަތާ ގުޅޭ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
