
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރުގަދަ ތޫފާނެއް ކަމުގައިވާ ބުއަލޯއި ވިއެޓްނާމްގެ ރަށްތަކަށް އެރުމާ ގުޅިިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި އަށް މީހުން މަރުވެ، އިތުރު 17 މީހަކު ގެއްލިއްޖެއެވެ. ސެޕްޓެންބަރު 29ވަނަ ދުވަހު ތޫފާން ބުއަލޯއި އެންމެ ފުރަތަމަ އަރާފައި ވަނީ އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށެވެ. އެ ތޫފާނާ އެކު އާދަޔާ ޚިލާފަށް ވައިބާރުވެފައިވާއިރު، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ރިޕޯޓު ކުރިއެވެ. ތޫފާނާ އެކު ޖެހެމުންދާ ބާރު ވައިގެ ސަބަބުން ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މި ގޮތުން، ގިނަ އަދަދެއްގެ ގެދޮރު ވެއްޓި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހޮޅިދަނޑިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބުންޏެވެ. މީގެ އިތުރުން، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދިޔުމާ އެކު، އެ ޤައުމުގެ އައްސޭރިފަށުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.
ވިއެޓްނާމްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައި ވަނީ އެ ޤައުމުގެ މެދުތެރޭ އަދި އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ކަމުގައެވެ. ތޫފާނާ އެކު އަށް މީޓަރުގެ ބިޔަ ރާޅުތައް އުފެދިފައިވާ ކަމަށާއި، އައްސޭރިފަށުގެ ސަރަޙައްދުތަކަށް އުދަ އަރާފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ވިއެޓްނާމްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ގެއްލިފައި ވަނީ 17 މަސްވެރިން ކަމުގައެވެ. ދެ މަސް ބޯޓަކަށް ނިސްބަތްވާ އެ މީހުން ގެއްލިފައި ވަނީ އާދަޔާ ޚިލާފަށް ކަނޑު ގަދަވުމާ ގުޅިގެންނެވެ. ކަނޑު ގަދަވުމާ ގުޅިގެން އެހެން މަސް ބޯޓަކާ ގުޅުން ކެނޑި، ގެއްލިފައިވާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ. ވިއެޓްނާމްގެ ދައުލަތުގެ މީޑިޔާއިން ބުނީ، އަށް މީހުން މަރުވެފައި ވަނީ އާދަޔާ ޚިލާފަށް ވައިބާރުވުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ކަމުގައެެވެ. އެކަކު މަރުވެފައި ވަނީ ސަކްތާއި ސިޓީގައި ފެންބޮޑުވުމާ ގުޅިގެންނެވެ. އަދި، ވެއްޓުނު ބިޔަ ގަހެއްގެ ދަށުވެގެން ތައިން ހުވާ ޕުރޮވިންސުން އިތުރު މީހަކު މަރުވި ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ނިން ބިން ޕުރޮވިންސުގައި ހިނގި ހާދިސާތަކެއްގައި އިތުރު ހަތް މީހަކަށް އަނިޔާވެފައިވާ ކަމުގައި ވެސް އެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
ވިއެޓްނާމްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން އެރުމާ އެކު އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ގަޑިއަކު 117 ކިލޯމީޓަރަށް ވައިބާރުވެގެން ދިޔަ ކަމުގައެވެ. ނަމަވެސް، މިހާރު ގަޑިއަކު 74 ކިލޯމީޓަރަށް ވައިގެ ބާރުމިން ދަށްވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ރިޕޯޓު ކުރިއެވެ. ތޫފާން ބުއަލޯއި މިހާރު ދަތުރު ކުރަމުން ދަނީ ލާއޯސްގެ ސަރަޙައްދުތަކާ ދިމާލަށެވެ. ވިއެޓްނާމްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާން ބުއަލޯއިއާ ގުޅިގެން 245އަށްވުރެ ގިނަ ގެދޮރު ވެއްޓިފައިވާ ކަމުގައެވެ. އަދި، 1,400 ހެކްޓަރުގެ ދަނޑުބިމުގައި ފެންބޮޑުވެފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން، ޢާންމުން ދިރިއުޅޭ ގިނަ ސަރަޙައްދުތަކަކަށް ދަތުރު ކުރެވެން އޮތް ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އަމިއްލަ ގެދޮރުގައި ތާށިވެފައެވެ.
ތޫފާން އެރުމުގެ ކުރިން، ވިއެޓްނާމްގެ ސަރުކާރުން ވަނީ އެންމެ ބޮޑު ނުރައްކަލެއް އޮތް ކަމުގައި ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ 28,500އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ތޫފާން ބުއަލޯއިއާ ގުޅިގެން ވިއެޓްނާމަށް ކުރާ ވައިގެ ދަތުރުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ. މި ގޮތުން، ހަތަރު ވައިގެ ބަނދަރެއް ވަގުތީ ގޮތުން ބަންދު ކުރަން ޖެހިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވެސް އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލާފަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
