
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގެ އިރުދެކުނު ސަރަޙައްދަށް ބާރުގަދަ ލޮޅުންތަކެއް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 5.5ގައި ރެކޯޑު ކުރެވިފައިވާ ލޮޅުންތައް އައިސްފައި މި ވަނީ، އެ މިންގަނޑުން 6ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުމެއް އައިތާ ދެ ދުވަސް ފަހުންނެވެ. އޮގަސްޓު 31 ވަނަ ދުވަހު އަފްޣާނިސްތާނުގެ އިރުމަތީ ކޫނާރާއި ނަންޣަރްހަރް ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި އިތުރު ބަޔެއްގެ ހަށިތައް ވަނީ ފެނިފައެވެ. އަދި، އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 1,400އަށް އުފުލިފައެވެ. އާދީއްތަ ދުވަހުގެ ބިންހެލުމަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާންގެ ސަރަޙައްދުތަކަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ. އަންގާރަ ދުވަހު އިތުރު ލޮޅުންތަކެއް އަރާފައި ވަނީ، އާދީއްތަ ދުވަހުގެ ބިންހެލުން އައި ސަރަޙައްދާ ކައިރި ހިސާބަކަށެވެ. އާދީއްތަ ދުވަހުގެ ބިންހެލުމުގައި ކޫނާރް ޕުރޮވިންސުގެ ބައެއް އަވަށްތައް ވަނީ މުޅިން ސުންނާފަތިވެފައެވެ.
ފުރަތަމަ ބިންހެލުމުގައި މަރުވި މީހުންގެ ހަށިތައް ހޯދައި، އަނިޔާވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަފްޣާނިސްތާންގައި ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުތަކަށް އިތުރު ލޮޅުންތަކެއް އެރުމާ އެކު، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ދެވަނަ ލޮޅުންތަކުގައި ވެސް އިތުރު ބަޔަކަށް އަނިޔާވި ކަމުގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީމުތަކުން ބުންޏެވެ. ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުالله މުޖާހިދު ބުނީ، ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުވެ މަރުވި މީހުންގެ އަދަދު 1,411އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އިތުރު 3,124 މީހަކަށް އަނިޔާވެފައިވާ ކަމުގައެވެ. ބިންހެލުމާ ގުޅިގެން 5,400އަށްވުރެ ގިނަ ގެ ވެއްޓިފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަފްޣާނިސްތާންގައި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އެކުވެރި ދައުލަތްތައް (އދ)ގެ އޮފިޝަލުން ބުނީ، ބިންހެލުމާ ގުޅިގެން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކުރެވޭ ކަމުގައެވެ.
ބިންހެލުމުގައި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭރުގެ އެހީ ބޭނުންވާނެ ކަމުގައި ޠާލިބާން ސަރުކާރުން ވަނީ ބުނެފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ‘ސޭވް ދި ޗިލްޑްރަން’ ޖަމުޢިއްޔާއިން ވެސް ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުން ސާފު ބޯފެން ހުސްވެ، ބަލިމަޑުކަމެއް ފެށުމުގެ ހިރާސް އިތުރުވެފައިވާ ކަމުގައި އެހީދޭ ޖަމުޢިއްޔާތަކުން އިންޒާރު ކުރިއެވެ. އެ ސަރަޙައްދުތަކުން ކާބޯތަކެތި ވެސް ވަނީ ހުސްވެފައެވެ.
އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ބުނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ބޭނުންވާ އެހީ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ގޮތުން، ބޭހާއި، އަންނައުނާއި، ފޭލިގެއާއި، ސަތަރިއާއި، ގައިންތާހިރުވުމަށް ބޭނުން ކުރާ ސާމާނު ފަދަ ތަކެތި އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔުނިސެފުން ބުންޏެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން 12,000އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
