
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަމުގައި ކަނޑައަޅައި، ޤަތުލުޢާންމުތަކާ ބެހޭ ޢިލްމުވެރިންގެ އެންމެ ބޮޑު ޖަމުޢިއްޔާ، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލަރސުން ޤަރާރެއް ފާސްކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ފާސްކޮށްފައިވާ ޤަރާރުގައި ބުނެފައި ވަނީ، 1948ވަނަ އަހަރު އެކުވެރި ދައުލަތްތައް (އދ)ން ފާސްކޮށްފައިވާ ޤަތުލުޢާންމުތަކާ ބެހޭ މުޢާހަދާގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ މާނައަށް ފެތޭ ކަމުގައެވެ. އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލަރސްއަކީ 500 ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާއެކެވެ. ޣައްޒާގައި ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި ކަނޑައެޅުމަށް އެ ޖަމުޢިއްޔާގެ މެންބަރުންގެ ތެރެއިން %86 ޢިލްމުވެރިން ވަނީ ތާޢީދު ކޮށްފައެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަން މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ކަނޑައެޅުމާ އެކު، ޒަޔަނިސްޓު ސަރުކާރުން ވަނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ލާއިންސާނީ ޖަރީމާއެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ. މީގެ އިތުރުން، ޣައްޒާގައި ދިރިތިބި މީހުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި ސާފު ބޯފެން އެތެރެ ކުރުމަށް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. ޣައްޒާގައި ބަނޑުހައިހޫނު ކަން ޢާންމުވެފައިވާ ކަމަށް އދއާ ގުޅުން ހުރި ތަޖުރިބާކާރުންގެ އިދާރާއަކުން ވެސް ވަނީ ކަނޑައަޅާފައެވެ.
ޤަތުލުޢާންމުތަކާ ބެހޭ ޢިލްމުވެރިންގެ ޖަމުޢިއްޔާއިން ފާސް ކޮށްފައިވާ ޤަރާރުގައި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޣައިރުޤާނޫނީ އަދި ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް ވެސް ވަނީ ގޮވައިލާފައެވެ. މީގެ އިތުރުން، ގަސްދުގައި ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރުން ހުއްޓައިލައި، އެ ސަހަރުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން އެހީގެ ސާމާނު ހޯދުމަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް ވަގުތުން ނައްތައިލުމަށް ވެސް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ. “ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ނަސްލު ނެތިކޮށްލުމަށް ހިންގަމުންދާ ޤަތުލުޢާންމެއް ކަން އެ ކަމާ ބެހޭ މާހިރުންގެ ޤަރާރުން ކަށަވަރު ކުރެވޭ،” އެ ޖަމުޢިއްޔާގެ ރައީސް، އަދި އޮސްޓްރޭލިޔާގެ ވެސްޓަރން އޮސްޓްރޭލިޔާގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ މެލަނީ އޯބްރަޔަން ވިދާޅުވިއެވެ. “ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، ނުވަތަ ނަސްލު ނެތިކޮށްލުމުގެ ޢަމަލުތައް ހިންގުމަށް، އަމިއްލަ ދިފާޢުގެ ނަމުގައި ވެސް، އެއްވެސް ޙުއްޖަތެއް ނުވަތަ ސަބަބެއް ނޯންނާނެ.”
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
