
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލައި، އެ ސަހަރުގައި ބިކަ ކޮށްލާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތައް އެ ސަހަރަށް ދިޔުމަށް ފުރައިފިއެވެ. ޣައްޒާއަށް ކަނޑުމަގުން ކުރާ ދަތުރުގެ ބައިވެރިން ފުރާފައި ވަނީ ސްޕެއިންގެ ބަނދަރުމަތީ ރަށް ބާސެލޯނާއިންނެވެ. މިއީ، ކަނޑުމަގުން ދަތުރުކޮށް، ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް އިންސާނީ އެހީތެރިކަމަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން އިސްނަގައިގެން މަސައްކަތް ކުރާ ތިންވަނަ ފަހަރެވެ. ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ބާސެލޯނާގެ ބަނދަރުން ފުރުމުގެ ކުރިން އެ އުޅަނދުތަކާއި ދަތުރުގެ ބައިވެރިންނަށް ވަދާޢު ކިޔުމަށް އެތަކެއް ސަތޭކަ ބަޔަކު ބަނދަރު ކައިރިއަށް ޖަމާވިއެވެ. “ދަތުރުގެ ބައިވެރިންނަށް ވަދާޢު ކިއުމަށް އެއްވި މީހުންގެ އަދަދު ހީކުރި ވަރަށްވުރެ ގިނަ. މިހާ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އެއްވެސް ފަރާތަކުން އުންމީދެއް ނުކުރޭ. ހިތްވަރު އިތުރުވެއްޖެ. މި ޚާއްޞަ މަސައްކަތުގައި ބައިވެރިވާ މީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ނުދަތް ނަމަވެސް، ކޮންމެ ފަރާތަކަށް ވެސް ވަކި ދައުރެއް އޮވޭ،” ފްލޮޓިއްލާގެ އުޅަނދެއްގައި ދަތުރު ކުރާ ނޫސްވެރިއަކު ކިޔައިދިނެވެ.
ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ވަނީ ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ މަޤުޞަދާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. “އިސްރާއީލުން [ފަލަސްޠީންގެ ރައްޔިތުންގެ] ނަސްލު ނެތިކޮށްލުމަށް ހިންގާ ޖަރީމާތަކުގެ ނިޔަތް ވަރަށް ސާފުކޮށް ހާމަވޭ. އެ މީހުން ބޭނުން ވަނީ ފަލަސްތީނުގެ ޤައުމު ނެތިކޮށްލައި، ޣައްޒާ ބިންގަނޑު ހިފައި އިސްތިޢުމާރު ކުރަން،” ބައިނަލްއަޤްވާމީ ޤާނޫނުތައް ދެމެހެއްޓުމުގައި ފޭލުވެފައިވާ ސިޔާސީ ބޭފުޅުންނާއި ސަރުކާރުތަކަށް ފާޑުކިޔައި ތުންބްރީ ބުންޏެވެ. “ނަސްލު ނެތިކޮށްލުން ހުއްޓުވުމަށާއި، އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ބިިންތައް މިނިވަން ކުރުވުމަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ އަސާސީ ފިޔަވަޅުތައް އެޅުމަށް ވެސް، ޤާނޫނީ ވާޖިބުތައް އަދާ ކުރުމަށް ވެސް، އެ މީހުން [ސިޔާސީ ބޭފުޅުންނާއި ސަރުކާރުތައް] ވަނީ ފޭލުވެފައި،” ތުންބްރީ ބުންޏެވެ.
ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުން މަސައްކަތް ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ބަނޑުހައި ހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޣައްޒާގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން އަމިއްލަ ވަޒަނުން ބޭރުކޮށް، އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އެ އުޅަނދުތަކަށް ޣައްޒާއާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ބެލެވެނީ މި ހިނގާ ސެޕްޓެންބަރު މަހުގެ މެދުތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
