
ހުޅަނގުގެ ބާރާއި ނުފޫޒަށް ނޫނެކޭ ބުނެ، މުޅި ދުނިޔޭގައި ހަމަހަމަ ކަން ޤާއިމު ކުރުމަށް ވަކާލާތު ކުރުމުގެ މަޤުޞަދުގައި އެކުލަވައިލާފައިވާ ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ބޮޑު މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވެރިންނަށް ޗައިނާއިން ހޫނު މަރުޙަބާއެއް ކިޔަމުން އެބަދެއެވެ. އެސްސީއޯގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ ވެރިން ގެންދަވަނީ ޗައިނާގެ ބަނދަރުމަތީ ރަށް، ޓިއަންޖިނަށް ވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި އޭޝިޔާ ބައްރުގެ އިތުރުން މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވެރިން ހިމެނި ވަޑައިގަންނަވައެވެ. އެސްސީއޯއަކީ ސަރަޙައްދީ ސަލާމަތާ ބެހޭ އިއްތިޙާދެކެވެ. އެ އިއްތިޙާދުގެ މުގުލުގައި މި ވަގުތު ތިއްބެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއެވެ. އެ އިއްތިޙާދުގެ އެންމެ މައިގަނޑު އަމާޒަކީ، ހުޅަނގުގެ ބާރާއި ނުފޫޒުން އެއްކިބާވެފައިވާ ދުނިޔެއަކަށް މަގު ކޮށައިދީ، ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އަދި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ކުރިއަރުވައި، ސިޔާސީ، އިޤުތިޞާދީ އަދި ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމެވެ. މީގެ އިތުރުން، ނިރުބަވެރިކަމާއި، އެކަހެރިވުމުގެ އިތުުރުން ހަރުކަށި ފިކުރާ ދެކޮޅަށް ވެސް އެސްސީއޯން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.
ޗައިނާއިން ބުނާ ގޮތުގައި، މިއީ މިހާތަނަށް ބާއްވާ އެސްސީއޯގެ އެންމެ ބޮޑު މަހާސިންތާއެވެ. އޮގަސްޓު 31ވަނަ ދުވަހު މި އަހަރުގެ މަހާސިންތާ ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން މި ދަނީ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ވަކާލާތު ކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިލަނަލްއަޤްވާމީ ޚާރިޖީ ގުޅުންތަކުގައި ކޮޅުފައިން ޖައްސަވައި، ގިނަ ޤައުމުތަކަކާ ދެކޮޅަށް ވިޔަފާރީގެ ދާއިރާއިން ހަނގުރާމައެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ނިންމެވުންތަކާ އެކު އެމެރިކާއާއި ބޭރު ދުނިޔެއާ ދެމެދު ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. އަދި، އެމެރިކާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ވިލާތުގެ ބާރުތަކުގެ ގަޔާވުން ވެސް ވަނީ ކުޑަވެފައެވެ. ޓިއަންޖިންގައި ބާއްވާ މަހާސިންތާއަށް ޗައިނާއިން މަރުޙަބާ ކިޔާފައިވާ އިސް ވެރިންގެ ތެރޭގައި ޕުޓިންގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީ ކަމުގައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަމުންދާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޓިއަންޖިނަށް ވަޑައިގެންނެވުމަށް ފަހު ޗައިނާގެ ދައުލަތުގެ މީޑިޔާ، ޝިންހުއާއަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިން ވަނީ ޗައިނާ-ރަޝިޔާ ގުޅުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އޭނާ ސިފަ ކުރައްވާފައިވާ ގޮތުގައި، ޗައިނާއާއި ރަޝިޔާއަކީ މުޅި ދުނިޔޭގައި ހަމަޖެހުން ޤާއިމު ކުރުމަށް މި ވަގުތު އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ދެ ޤައުމެވެ. އެސްސީއޯގެ މުހިންމު މެންބަރުންގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިންޑިޔާގެ އިތުރުން އީރާން، ޕާކިސްތާން، ބެލަރޫސް، ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނޭއިރު، ދުނިޔޭގެ ހަކަތައިގެ ރިޒަރވްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެ ޤައުމުތަކުގައެވެ. އަދި، ދުނިޔޭގެ އާބާދީގެ %40 ދިރިއުޅެމުން ދަނީ އެ ޤައުމުތަކުގައެވެ. އެސްސީއޯ މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓިއަންޖިނަށް ވަޑައިގަންނަވާފައިވާ އެ ޤައުމުތަކުގެ ވެރިންނާ އެކު ދޭދޭ ގުޅުންތައް ހަރުދަނާ ކުރެއްވުމަށް ޝީ ގެންދަވަނީ މަހާސިންތާގެ ހަވާސާގައި މުހިންމު ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެސްސީއޯ މަހާސިންތާއަކީ ޝީއަށް ވަރަށް މުހިންމު ބައްދަލުވުމެކެވެ. “ޔުރޭޝިޔާ ސަރަޙައްދުގެ ވާދަވެރި ޤައުމުތަކުގެ ވެރިން އެއް މޭޒެއްގެ ދޮށަށް ހާޒިރުކޮށް، ބޮޑެތި ބާރުތަކުގެ ވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލު ކަން ޗައިނާއަށް ލިބިގެންވާ ކަން ހާމަކޮށްދިނުމަކީ ބެއިޖިންގްގެ އަމާޒެއް،” ޕާކިސްތާންގެ ޔުނިވަރސިޓީ އޮފް ލާހޯރްގެ ސެންޓަރ ފޯ ސެކިއުރިޓީ، ސްޓްރެޓެޖީ އެންޑް ޕޮލިސީ ރިސަރޗްގެ ޑިރެކްޓަރު ރާބިޔާ އަޚްތަރު ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާއަކީ އެސްސީއޯ އިންތިޒާމު ކުރާ ފަރާތުގެ އިތުރުން އެ އިއްތިޙާދުގެ މުހިންމު މެންބަރެކެވެ. “ތަސްވީރުން ފެންނަނީ ސީދާ އެ މަންޒަރު: ޗައިނާއަކީ ހަމައެކަނި ސަރަހައްދީ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިއެއް ނޫން ކަން، އެއީ މައިގަނޑު މޭސްތިރި ކަމާއި އެންމެ ބޮޑު މެހެމާން ކަން.”
ހުސްވި އަހަރު ކަޒަޚްތާންގައި ބޭއްވި އެސްސީއޯ ސަމިޓުގައި ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް، މޯދީ މި އަހަރުގެ ސަމިޓުގައި ބައިވެެރިވެ ވަޑައިގެންނެވުމަކީ ގިނަ މެސެޖުތަކެއް ހުޅަނގަށް ފޮނުވައިދޭ ނިންމުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއް ސަބަބަކީ، ވޮޝިންގްޓަނާއި ނިއު ދެއްލީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އަދި ނުތަނަވަސް ކަމެއް އުފެދިފައި އޮތުމެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ވޮޝިންގްޓަނާ ފެޔަށް ޖެހި، ބެއިޖިންގްއާ އެކު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ނިއު ދެއްލީ މި ވަގުތު ދަނީ އިސްކަން ދެމުންނެވެ. އެސްސީއޯ މަހާސިންތާގައި އެ އިއްތިޙާދުގެ ބައިވެރިންނާއި އޮބްޒަރވަރުންގެ ތެރޭގައި ހިމެނޭ ގިނަ ޤައުމުތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ކެމްބޯޑިޔާ، މިޞްރު، ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރަތް، ބަޙްރަޔިން، ޤަޠަރު، ކުވެއިތު އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ތުރުކީވިލާތް ވެސް ހިމެނެއެވެ. ޓިއަންޖިންގައި ބާއްވާ މަހާސިންތާގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
