
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޭއަދަބީ ޢަމަލު ހިންގުމުގެ ތުހްމަތުގައި މިޞްރުގެ ފުރާވަރުގެ ޓިކްޓޮކް ތަރިންތަކެއް ހައްޔަރުކޮށްފިއެވެ. މިޞްރުގެ ފުލުހުން ބުނީ އެތައް މިލިޔަން ފޮލޮވަރުން ހުންނަ ގިނަ ޢަދަދެއްގެ ޓިކްޓޮކް ތަރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަހަމަގޮތުގައި ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުުރުމުގެ ތުހުމަތުތަކުގެ އިތުރުން ޢާއިލީ މިންގަނޑުތަކަށް ނުފެތޭ ޓިކްޓޮކް ހެދުމުގެ ތުހްމަތު އެ ތަރިންނާ ދެކޮޅަށް ވަނީ ކޮށްފައެވެ. މިޞްރުގެ ރަސްމީ އިދާރާތަކުން ބުނީ ފައިސާ ނަހަމަގޮތުގައި ހޯދުމުގެ ދިހަ މައްސަލައެއް ދައުލަތުން ބަލަމުންދާ ކަމަށާއި، އެ ތަރިންގެ ޕާސްޕޯޓު ހިފަހައްޓައި ބެންކު އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ތަރިންގެ ފޯނާއި ލެޕްޓޮޕްފަދަ އިލެކްޓްރޯނިކް ސާމާނު ވެސް އަތުލާފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި ޓިކްޓޮކް ތަރިން ހައްޔަރުކުރުމަށް މިޞްރުގެ ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ރައްޔިތުން ދައްކާ ވާހަކައާއި އެ މީހުންގެ ޢަމަލުތަކަށް ބާރުފޯރުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މިޞްރުގެ މީޑިޔާ ކޮންޓްރޯލު ކުރަނީ ދައުލަތުން ކަމަށްވިއިރު، ޒުވާނުންނަށް މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބޭ ހަމައެކަނި މަގަކީ އިންޓަނެޓާއި މީސްމީޑިޔާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ޢާއިލީ މިންގަނޑުތަކާ ޚިލާފު އަދި ބޭއަދަބީ ޢަމަލުތަކުގެ ގޮތުގައި ބަލަނީ ކޮންކަހަލަ މަންޒަރުތަކެއް ކަން މިޞްރުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައެެއް ނުުވެއެވެ. ޓިކްޓޮކް ތަރިން އިންޓަނެޓަށް ދޫކޮށްލައި އެތައް ބައިވަރު ވީޑިޔޯއެއްގެ ތެރެއިން އެންމެ ވީޑިޔޯއަކީ ވެސް ކަމާބެހޭ އިދާރާތަކުން ބޭއަދަބީ ވީޑިޔޯއެއް ކަމަށް ފާހަގަކޮށްފި ނަމަ، އެ ތަރިންނަށް ލިބޭ ހުރިހާ ފައިސާއަކީ ނަހަމަގޮތުގައި ހޯދާ ފައިސާ ކަމަށް ނިންމައި، މާލީ ކުށެއް ކޮށްފައިވާ ކަމަށް ދަނީ ދައުވާކުރަމުންނެވެ.
އުމުރުން 19އަހަރުގެ މަރިޔަމް އައިމަންއަކީ މަދުރަސީ ދައުރުން ފެށިގެން ވެސް ޓިކްޓޮކް ހަދަމުންދާ ޒުވާނެކެވެ. އޮގަސްޓު މަހުގެ 2ވަނަ ދުވަހު މިޞްރުގެ އިދާރާތަކުން ވަނީ 9.4 މިލިޔަން ފޮލޮވަރުން ހުންނަ މަރިޔަމް ހައްޔަރުކޮށް ޖަލަށް ލައިފައެވެ. ޢައިލީ މިންގަނޑުތަކާ ޚިލާފު ޓިކްޓޮކްތައް ކުޅޭކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާ 300،000 އެމެރިކާ ޑޮލަރު ލޯންޑަރކޮށްފައިވާ ކަމަށް ވެސް އިދާރާތަކުން ތުހްމަތުކުރެއެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން ބުނީ މަރިޔަމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ޓިކްޓޮކްތަކާ ގުޅޭގޮތުން އެ ވުޒާރާއަށް ޝަކުވާތަށް ލިބުމުން ކަމަށެވެ. މަރިޔަމް އެންމެ ފަހުން ޓިކްޓޮކަށް ދޫކޮށްލާފައިވާ ވީޑިޔޯގައި އޭނާއަށް ސަރުކާރުގެ ފިއްތުންތައް ކުރިމަތިވަމުންދާ ކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ. ހަމައެކަނި ޓިކްޓޮކް ކުޅުމުގެ ސަބަބުން މިޞްރުގެ ރައްޔިތުން ޖަލަށް ނުލާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ ކުރިން އޭނާ ކުޅެފައިވާ ބައެއް ޓިކްޓޮކްތަކުގައި ކޮންމެ ވެސް ވަރަކަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ހުރެދާނެ ކަމަށް އިއުތިރާފުވެ މަރިޔަމް ބުނީ އެއީ ގޯސް ނިޔަތެއްގައި ބޭނުންކޮށްފައިވާ ބަސްތަކެއް ނޫން ކަމަށާއި އެ ފަދަ ބަސްތައް ޒުވާނުން ބޭނުންކުރުމަށް އޭނާ ހިތްވަރުނުދޭ ކަމަށެވެ.
މިޞްރުގެ ޒުވާން ޓިކްޓޮކް ތަރިއެއް ކަމަށްވާ ސޫޒީ މަޝްހޫރުކަން ހޯދީ ކުއްލި ގޮތަކަށެވެ. ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ސޫޒީގެ ވީޑިޔޯތަކުން މިޞްރުގެ އާންމުންގެ ދިރިއުޅުމަކީ އުނދަގޫ ދިރިއުޅުމެއްގެ ގޮތުގައި ފެނެއެވެ. އެ ފަދަ މަންޒަރުތަކަކީ މިޞްރުގެ ސަރުކާރުން މީހުންނަށް ފެނުމަށް އެދޭ މަންޒަރުތަކެއް ނޫނެވެ. އެ ވީޑިޔޯތަކުގައި އެއްވެސް ސިޔާސީ ކުލަވަރެއް ޖެހިފައި ނުވި ނަމަވެސް، ނުސީދާ ގޮތަކުން ވިޔަސް ސަރުކާރަށް އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނުގެނެސްދެވޭކަން އެ ވީޑިޔޯތަކުން ދޭހަވުމަކީ ސަރުކާރުން ހިތްހަމަޖެހޭ ކަމެއް ނޫނެވެ.
މިޞްރުގެ ފުލުހުން މިހާރު ސޫޒީ ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރުމުގެ ކުރިން ދީފައިވާ ބަސްދީގަތުމެއްގައި ސުވާލުކުރި ޕޮޑްކާސްޓަތަރަކު ވަނީ އޭނާއަށް 10 މިލިޔަން އިޖިޕްޝަން ޕައުންޑު ލިބިއްޖެނަމަ ކުރާނީ ކޮންކަމެއްްތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެ ފައިސާގެ ދެބައިކުޅަ އެއްބައި ޚަރަދުކުރާނީ އޭނާގެ ޢާއިލާ މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ގެެއަކަށް ބަދަލުކުރުމަށް ކަމަށާއި ފިހާރައެއް ހުޅުވުމަށް މައިންބަފައިންނަށް އެހީތެރިވެދިނުމަށް ކަމަށެވެ. ނަފްސާނީ ބައްޔެއް ތަޙައްމަލް ކުރަމުންދާ އޭނާގެ ކޮއްކޮއަށް ރަނގަޅު ފެންވަރުގެ ތަޢުލީމު ދެވޭނެ އަމިއްލަ މަދަރުސާއަކަށް ވައްދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ އިންޓަވިއު ދިން ފަހުން ސުވާލުކުރިި ޕޮޑްކާސްޓަރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން ދަނީ އެ ވުޒާރާގެ ޓިކްޓޮކް އެކައުންޓު ބޭނުންކޮށް، ޓިކްޓޮކްގައި ޙަރަކާތްތެރިވާ މީހުންގެ ވީޑިޔޯތަކަށް ކޮމެންޓުކޮށް އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
