
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަލުގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް، ރަނިލް ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ. ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހުގެ 22ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު، އެ ޤައުމުގެ ކޯޓަކުން ވަނީ އޭނާ ހަތަރު ދުަވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފައެވެ. ކޯޓުން ވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ބަންދާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އޮގަސްޓް 26ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލި ލަންކަޕޫރާ ކޯޓުން ނިންމީ ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލުމަށެވެ. އެއީ ކަފާލާތުގެ ގޮތުގައި ޖުމްލަ 15 މިލިޔަން ސްރީލަންކަން ރުޕީސް ދައްކާ ގޮތަށެވެ.
ޞިއްޙީ ޙާލަތު ހުންނެވި ގޮތުން އަޑުއެހުމަށް ވިކްސަމަސިންހަ ބައިވެރިވެވަޑައިގެންފައި ވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ހުންނަވައި ޒޫމް މެދުވެރިކޮށެވެ. އޭނާ އެ ހަސްފަތާލަށް ގެންގޮސްފައި ވަނީ، ހައްޔަރުކުރި ދުވަހު ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމާ ގުޅިގެން ޖަލުގައި ހުންނަ ހަސްފަތާލުގައި އެނދުމަތިކުރުމަށް ފަހު، އެ ހަސްފަތާލުގައި ނުދެވޭ ޚާއްޞަ ފަރުވާއެއް ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ނިންމުމާ ގުޅިގެންނެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގައެވެ. ސީއައިޑީން ތަޙުޤީޤު ކުރަމުން ދަނީ، ރައީސް ކަމުގެ މަޤާމުގައި ވިކްރަމަސިންހަ ހުންނެވިއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއްގައެވެ. އޭނާ ހައްޔަރު ކުރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގަންނަވައި، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފައެވެ.
ސީއައިޑީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑާއިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ މައްސަލައާ ގުޅުންހުރި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ވުލްވަރހެޕްޓަނުން ބޭއްވި ހަފްލާއަަކަށް ހާޒިރުވެވަޑައިގަތުމަށް ވިކްރަމަސިންހައަށް އެ ޔުނިވަސިޓީއިން ދީފައިވާ ދައުވަތުގެ ސައްހަކަމާމެދު ސުވާލުއުފެދޭ ކަމަށެވެ. ނަމަވެސް ވިކްރަމަސިންހަގެ ވަކީލުން ފާހަގަކުރި ގޮތުގައި ރައީސް އޮފީހުގެ އިންޓަރނަލް އޯޑިޓަރަކަށް އެ މައްސަލަ ނުބެލޭނެއެވެ. އޭގެ ބަދަލުގައި އެ ފަދަ މައްސަލަތައް ބެލޭނީ ޤައުމީ އޯޑިޓު އިދާރާއަށް ކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ. އެ އިދާރާއިން އެ މައްެސަލަ ބެލިއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.
ވިކްރަމަސިންހަގެ ވަކީލުން ވަނީ އޭނާގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ވިކްރަމަސިންހަގެ ހިތުގެ މައި ހަތަރު ލޭހޮޅީގެ ތެރެއިން ތިން ހޮޅި ބެދިފައިވާ ކަމަށް ބުނެފައިވާ ޑޮކްޓަރުންގެ ލިޔުންތައް ދިފާޢުއިން ހުށަހަޅާފައިވެއެވެ. ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އޭނާގެ ޞިއްޙީ ޙާލަތަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ވަކީލުން އިތުރަށް ފާހަގަކޮށްފައިވެއެވެ. ޚިޔާނާތުގެ މައްސަލައިގެ ފުރަަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
