
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގެ އިތުރުން ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. ޣައްޒާއަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އުތުރާއި އިރުމަތީގެ ސަރަޙައްދުތަކަށެވެ. މިއީ، ޣައްޒާ ސިޓީ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތި ކުރުމަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ދަށުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެކެވެ. ޣައްޒާ ސިޓީގެ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުންގެ ގެދޮރަށް ކަމުގައެވެ. މި ގޮތުން، ޛަޔިތޫނާއި ޝަޖާޢައްޔަށް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ މެދުކެނޑުމެއް ނެތި ބޮން އަޅާފައެވެ. އަދި، އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން އެ ސަރަޙައްދުގައި އޮތް ޞަބްރާ އަވަށާއި، ޣައްޒާ ސިޓީގެ އުތުރުގައި އޮތް ޖަބާލިޔާއަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ.
އެ ރަށުގެ ރައްޔިތުން ބުނީ، ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކާ އެކު އެ ސަރަޙައްދުގެ އަވަށްތަކުގެ އުޑުމަތި ދިއްލައިލި ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކުގެ ރައްޔިތުންގެ ހިތްތަކަށް ހާސްކަން ގެނުވި ކަމުގައެެވެ. ޢާންމުން ދިރިއުޅެމުން ދިޔަ ގެދޮރަށް ޔަހޫދީ ސިފައިން ދެމުން ދިޔަ ޙަމަލާތަކުން ސަލާމަތްވުމަށް އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ، ރަށްތަކުން ނިކުންނަށް މަސައްކަތް ކޮށްފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވަރުގަދަ އޮޕަރޭޝަނެއް ފަށާނެ ކަން ޔަހޫދީ ފައުޖުން އިޢުލާނު ކޮށްފައިވާއިރު، މިހާރު ވެސް އެ ސަރަޙައްދަށް ދަނީ ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ނައްތައިލުމުގެ ނަމުގައި ޣައްޒާ ސިޓީއަށް ދޭން ފަށާފައިވާ ނިރުބަވެރި ޙަމަލާތަކުގެ ބޭނުމަކީ، އެ ސަހަރުގައި ދިރިއުޅޭ މިލިޔަނެއްހާ މީހުން އަމިއްލަ ވަަޒަނުން ބޭރު ކުރުމެވެ.
ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމާ ބައިނަލްއަޤްވާމީ މުޖުތަމަޢު ދެކޮޅު
ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ބުނެފައެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ޣައްޒާ އިސްތިޢުމާރު ކުރުމަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގައެވެ. މި ކަމާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި، ޣައްޒާ އިސްތިޢުމާރު ކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ޙަމާސުން ވެސް ވަނީ ޣައްޒާ ސިޓީއަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އެ ޖަމާޢަތުން ބުނީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމާއި، ސުލްޙަވުމުގެ އެއްވެސް ނިޔަތެއް ޔަހޫދީންގެ ކިބައިގައި ނެތް ކަން، ޣައްޒާ ސިޓީގައި ހިންގަމުންދާ ޖަރީމާތަކުން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައި ވެސް ޙަމާސުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު މިހާރު ވެސް ނުރަސްމީ މަޝްވަރާތައް ދަނީ ކުރަމުންނެވެ. ސުލްޙައިގެ އެއްބަސްވުމުގެ ހުށަހެޅުމުގައި އޮތީ 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށެވެ. އަދި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 10 އަސީރުން މިނިވަން ކުރުމަށާއި، މަރުވެފައިވާ 18 އަސީރެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމަށެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 200އެއްހާ މީހުން މިނިވަން ކުރަން ޖެހޭނެއެވެ.
ޔަމަންގެ ވެރިރަށް ޞަންޢާއަށް ބޮންއަޅައި ހަ މީހުން ޝަހީދު ކޮށްލުން
ޔަހޫދީ ފައުޖުން ވަނީ ޔަމަންގެ ވެރިރަށް ޞަންޢާއަށް ވެސް ވަރުގަދަ ޙަމަލާތަކެއްދީ، ހަ މީހުން ޝަހީދު ކޮށްލާފައެވެ. އެއީ، ޞަންޢާގައި ވެރިކަން ކުރާ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ދީފައިވާ ޙަމަލާތަކެކެވެ. އެ ޖަމާޢަތުގެ ކުށަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމުގެ ގޮތުން ޒަޔަނިސްޓުންނާ ދެކޮޅަށް ތެދުވުމެވެ. ޞަންޢާއަށް ޔަހޫދީ ސިފައިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 86 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔަމަންގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޔަހޫދީ ފައުޖުން ބުނީ، ޞަންޢާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީން ދީފައިވާ މިސައިލް ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޞަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން ދެ އިންޖީނުގެއަކާއި ތެޔޮ ރައްކާ ކުރާ ގުދަނެއް ވެސް ހިމެނެއެވެ.
އޮގަސްޓު 22ވަނަ ދުވަހު ޙޫޘީން ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާއެއް ދީފައެވެ. ޙޫޘީން ބޭނުން ކޮށްފައި ވަނީ، މީގެ ކުރިން ބޭނުން ކޮށްފައި ނުވާ ބާވަތެއްގެ ނުރައްކާތެރި ބެލިސްޓިކް މިސައިލެކެވެ. އެ ބެލިސްޓިކް މިސައިލްގައި ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ކަމަށާއި، މިއީ ޙޫޘީންގެ ޙަމަލާއެއްގައި އެ ބާވަތުގެ މިސައިލެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރު ކަން ޔަހޫދީ އަސްކަރިއްޔާގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީ ފައުޖުން އެ މިސައިލް ދިފާޢުކޮށްފައިވާ ކަން ނުވަތަ ނޫން ކަން ސާފެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
