Read Time:12 Minute, 37 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލް ހދ. އަތޮޅުން ނައްތާލައި، އެއަތޮޅަކީ ޓޫރިޒަމް ފައްކާވެފައިވާ އަތޮޅަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ފައްޓްވާފައިވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނައިވާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ނައިވާދޫއަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުންކަށެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ރައީސް ވަނީ މި މަޝްރޫޢު ވަރަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދާނެކަމަށް ވިދާޅުވެ މިއީ ރަށަށް އިޤްތިޞާދީ ކުރިއެރުން ގެނުވާނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވާފައެވެ. ނައިވާދޫއަކީ ފުޓްބޯޅާގައި ކާމިޔާބު ރަށެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ފެންވަރު ރަނގަޅު ދަނޑެއް ނެތުމުން ޒުވާނުންނަށް ދަތިތަކެއް ހުރުމުން، އެ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދާފައިވާކަމަށާއި، ވަރަށް އަވަހަށް އަމލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ. އެއީ ހުރިހާ ކަމެއް ފުރިހަމަ ދަނޑެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ނައިވާދޫގެ ތަރައްޤީގައި އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ރައީސް ވަނީ ސްކޫލުގައި ފަށާފައިވާ ހޯލުގެ މަސައްކަތް ލަސްތަކެއް ހުރިނަމަވެސް، މިހާރު އެކަމަށް ހައްލު ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަޝްރޫޢޫ ވަރަށް ބާރަށް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. މިހާރު ބަނދަރު ހެދުން ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން އެދޭ ބަދަލުތައް އެ މަޝްރޫޢުއަށް ގެންނަވާނެކަމަށެވެ. އަދި ނަރުދަމާގެ މަޝްރޫޢުގެ 80 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި، އެ މަޝްރޫޢޫ ހިންގުމަށް މިހާރު ދަތިކަމެއް ނެތްކަމަށާއި، އެ މަޝްރޫޢުވެސް އަވަހަށް ނިންމޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާވެސް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “އަންނަ އަހަރަށް ބަޖެޓު ހަދާއިރު ސިއްޙީ މަރުކަޒު ޖާގަ އިތުރުކުރުމަށް އައު އިމާރާތާއި ވަސީލަތްތައް ހަމަކުރުން. ލެބޯޓްރީ އިތުރަށް ވަރުގަދަކުރުން. މީގެ އިތުރރުން އެމްބިއުލާނސްގެ މައްސަލަވެސް ހައްލުކުރާނަން، އެއީ ވަރަށް އަވަހަށް ހައްލުކުރަންޖެހޭ މައްސަލައެއް” ރައީސް ވިދާޅުވިއެވެ.

 

މީގެ އިތުރުން ނައިވާދޫ ރައްޔިތުން އެދޭގޮތަށް މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީއެ މަޝްރޫޢު އަންނަ އަހަރު ފަށްޓަވާނެކަމަށެވެ. ކަރަންޓުގެ މައްސަލަވެސް ހައްލުކުރަންޖެހޭކަމަށާއި، އެކަމަށް ޖަނަަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތްކުރައްވާކަމށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ނައިވާދޫގެ އިޚްތިސާސްގައި ދެ ރަށެއް އޮތުމުން، އެ ދެރަށް ހިމެނޭގޮތަށް ކައުންސިލުން ލޭންޑުޔޫސް ޕްލޭން ހެދުމުން އެކަންވެސް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. “އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން އެހީތެރިވާނެ. ޓޫރިޒަމް މިއަތޮޅުގައި ކުރިއެރުވުމާއި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް. އެއީ މިހާތަނަށް މިއަތޮޅުގައި އެއްވެސްބަޔަކަށް ނުކުރެވި އޮތްކަމެއް. އަޅުގަނޑުމެންވާނީ މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި. މިހާރު ވަނީ މިއަ އަތޮޅު ހިމެނޭޙެން އިންވެސްޓުކުރާ ފަރާތްކަށް ވަރަށް ބޮޑު ލުއިތަކެއް، ޑިސްކައުންޓުތަކެއް ދީފައި މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުން ބައި. ގާތްގަނޑަކަށް 10 ވަރަަށް ސަރަހައްދު. މިހާރު ބިޑަށް ވަނީ ހުލުވާލެވިފައި މިދެންނެވި ޑިސްކައުންޓާއެކީ. ބައެއް ފަރާތްތަކުން ޝަޢުގުވެރިކަން ފާޅުކޮށް ބީޑު ހުށައަޅަމުންދަނީ” ރައީސް ވިދާޅުވިއެވެ.

 

ރައީސް ވަނީ އެމްޓީޑީސީން ކުރިއަށްގެންދަން މަސައްކަތްކޮށް ހުއްޓިފައިވާ ނާގޯށި މަޝްރޫޢުވެސް ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާކަމަށް ވިދާޅުވެ، އެމަޝްރޫޢު ބާރަށް ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އެމްޓީޑީސީއަށް ފިނޭންސް މިނިސްޓްރީގެ ތެރެއިން އެމަޝްރޫޢު ހިންގަން ލުއިތަކެއް ދީގެން، ނާގޯށި ފެށުމަށް ވަނީ މޯބިލައިޒް ކޮށްފައި، އެއީ ވަރަށް ދުވަސްވީ މައްސަލައެއް ނަމަވެސް މިހާރު ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ގޮތް ވާނީ ފަހިކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ، އަދި ހދ. ގައި ޓޫރިޒަމް ފައްކާކުރުމަށް ގޮތްތަކެއް ހޯދާއިވާއިރު ނަތީޖާ ފެންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

 

 

 

ހދ. ނާގޯއްޓަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައިއޮތް ރަށެކެވެ. ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އޭރު އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ޚަރަދުކޮށް މަސައްކަތްތަކެއްވެސް ކުރިކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. ނަމަވެސް 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ. 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ.

 

ހދ. އަތޮޅު ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީ ނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ލުއިތައް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަރުކާރުން އާންމުކުރެއްވުމާއެކު އެކަމަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުގެ ލޭބަލް ނައްތާލައި ޓޫރިޒަމް ފައްކާވެފައިވާ އަތޮޅަކަށް އެއަތޮޅު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.

 

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ނައިވާދޫގެ ތަރައްޤީގެނެސް ރައްޔިތުން އެދޭގޮތަށް ކަންކަން ހާސިލްކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %