
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުދާ އަބޫ ނަޖާއަކީ ފަލަސްޠީނުގެ ޣައްޒާގައި އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލްކުރަމުންދާ ކުއްޖެއެވެ. އޭނާ އޮތީ ޣައްޒާގެ ދީރުލް ބަލާޙުގައި އޭނާގެ ޢާއިލާ ދިރިއުޅޭ ފޭލިގޭގައެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ އާދަޔާޚިލާފަށް ހިކި އަނަރޫފަވެފައެވެ. ހަށިގަނޑުގައި ހަކަތައެެއް، ވަރެއް ނެތެވެ. އުމުރުން އެންމެ 12 އަހަރުގެ ހުދާގެ އަތްދަނޑި ހީވަނީ ހިކިގެންގޮސް ބިނދިދާނެހެންނެވެ. އޭނާގެ ހަށިގަނޑުގެ ކަށިތައް ވަނީ އަރައިފައެވެ. މިއީ ކާޑުބަލިޖެހިފައިވާ ކުއްޖެކެވެ. ހުދާގެ މަންމަ، ސޯމިޔާ އަބޫ ނަޖާ ބުނީ ޣައްޒާައަށް އެހީގެ ސާމާނު ނުވެއްދޭ ގޮތަށް ޔަހޫދީން މިދިޔަ މާރިޗު މަހުގެ ތެރޭގައި ސަރަޙައްދީ ރޮނގުތައް ބަންދުކުރީއްސުރެ އޭނާގެ ދަރިފުޅަށް ކާޑުބަލިޖެހިފައިވާ ކަމަށެވެ. ތިން މަސް ދުވަސްވަންދެން އޭނާގެ ދަރިފުޅު ހަސްފަތާލުގައި އޮތް ނަމަވެސް އޭނާގެ ޙާލަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށް ސޯމިޔާ ބުންޏެވެ. ދަރިފުޅު އަނބުރާ ފޭލިގެއަށް ގެންނަން ނިންމީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އައްނާސިރު ހަސްފަތާލުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަސް ކުދިން މަރުވި މަންޒަރު ފެނުމުން ކަމަށް އޭނާ ބުންޏެވެ.
ސޯމިޔާ ބުނިގޮތުގައި އޭނާގެ ދަރިފުޅުގެ ބަރުދަނުގައި ކުރިން 35 ކިލޯ ހުއްޓެވެ. މިއަދު އެ ކުއްޖާގެ ބަރުދަން ވަނީ 20ކިލޯއަށް ދަށަށް ގޮސްފައެވެ. ހުދާއަކީ ޣައްޒާގައި ކާޑުބަލިޖެހިފައިވާ އެތައް ހާސް ކުދިންނެެއްގެ ތެރެއިން އެއް ކުއްޖެކެވެ. އޮގަސްޓު މަހުގެ 22ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގައި ޢާންމުވެފައިވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންދާ ކަމަށް ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަނޑައަޅައިފައެވެ. މިއީ މެދުއިރުމަތީގެ ޤައުމެއްގައި މި ފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅާފައިވާ ފުރަތަމަ ފަހަރެވެ.
ދަ އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން، އައިޕީސީން ބުނިގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 641،000 މީހުންނަކީ އައިޕީސީ ފޭސް 5ގެ ޙާލަތުގައި ތިބޭނެ މީހުންނަށް ވާނެ ކަމަށެވެ. އެއީ ބަނޑުހައިހޫނުކަމުގެ އެންމެ ގޯސް ޙާލަތެވެ. ޣައްޒާގެ އުތުރުގައި އޮތް ޢާންމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު މެދުތެރޭގައި އޮންނަ ދީރުލް ބަލާޙާއި ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް މި މުއްދަތުގެ ތެރޭގައި ފޯރާނެ ކަމަށް ބެލެވެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 280އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 110އަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އައިޕީސީން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެ ގޮތުން އުމުރުން ފަސް އަހަރުން ދަށުގެ 132،000 ކުޑަކުދިން ކާޑުބަލީގެ ސަބަބުން 2026ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން މަރުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މިއީ އައިޕީސީން މި އަހަރުގެ މެއި މަހު ލަފާކޮށްފައިވާ ޢަދަދަށްވުރެ ދެ ގުނަ އިތުރު ޢަދަދެކެވެ. އޭގެ ތެރެއިން 41،000 ކުދިންނަކީ މިހާރު ވެސް މަރުގެ ތުންފަތް މަތީގައި ތިބި ކުދިންތަކެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. އައްނާސިރު ހަސްފަތާލުގެ އެންމެ އިސް ކުޑަކުދިންގެ ޑޮކްޓަރު، ޑރ އަޙްމަދު އަލްފައްރާ ވިދާޅުވީ ކާޑުބަލީގެ ސަބަބުން މި ވަގުތު ވެސް 120 ކުޑަކުދިންނަށް އެ ހަސްފަތާލުގައި ފަރުވާދެމުންދާ ކަމަށެވެ. އެތައް ހާސް ކުޑަކުދިންނެއް ޣައްޒާގެ އެކި ސަރަޙައްދުތަކުގައިހުރި ފޭލިގެތަކުގައި މި ބަލި ތަހައްމަލް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުދިންނަށް އެއްވެސް ފަރުވާއެއް ނުދެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ ފައްރާ ވިދާޅުވީ ކާޑުބަލިޖެހިފައިވާ ކުދިން އެ ބަލީގެ ގެއްލުން މުޅި އުމުރަށް ތަހައްމަލްކުރަން ޖެހޭނެ ކަމަށެވެ. އެ ކުދިންނަށް ބޭނުންވާ ފަރުވާ ދެވޭނެ ވަސީލަތްތައް ޣައްޒާގެ ހަސްފަތާލުތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާ ސިޓީގެ އަލް-ޝިފާ ހަސްފަތާލުގެ ޑިރެކްޓަރު، މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ޣައްޒާގެ 320،000އަށްވުރެ ގިނަ ކުޑަކުދިންނަކީ ކާޑުބަލިޖެހިފައިވާ ކުދިން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ހަސްފަތާލުގައި ޒަޚަމްތަކަށް ފަރުވާ ހޯދަމުންދާ މީހުންނަކީ ވެސް މި ޙާލަތުގައި ތިބި މީހުން ކަމަށެވެ. ޣައްޒާގައި ޢާންމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް އޮތްކަމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން އިޢުލާނުކުރުމާ ގުޅިގެން ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް ގޮވާލައި ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އދގެ ސެކެޓްރީ ޖެނެރަލް، އެންތޯނިއޯ ގުތޭޚެޝް ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައިވާ ޢާންމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަަތަކީ އިންސާނުން ގަސްތުގައި ކުރިމަތިކުރުވާފައިވާ ޙާލަތެއް ކަމަށެވެ. އެއީ އިންސާނިއްޔަތު ފޭލުވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
އެހީގެ ސާމާނު ބަރުކޮށްފައިވާ އެތައް ސަތޭކަ ލޮރީއެއް ޔަހޫދީންގެ ސަބަބުން ޣައްޒާއަށް ނުވަދެވި ބޯޑަރު ސަރަޙައްދުގައި ހުރި ހުރުމަށް އިޝާރާތްކުރައްވާ އދގެ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވިދާޅުވީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދަނީ ކާބޯތަކެތި ހުރި ސަރަޙައްދުތަކާ ވަރަށް ކައިރީގައި ކަމަށެވެ. އޭނާ ވިދާޅުވީ ޔަހޫދީ އިސްވެރިން ދަނީ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރެއް ކަމަށް ފާޅުގައި ބުނަމުން ކަމަށެވެ. އޭނާ ވަނީ ޣައްޒާއަށް ޖައްސާފައިވާ ޙާލަތު ވަގުތުން ވަގުތަށް ނައްތާލައި އިންސާނިއްޔަތަށްޓަކައި އެ ސަހަރަަށް އެހީގެ ސާމާނު ވެއްދޭނެގޮތް މަގުފަހިކޮށްދިނުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
