
(ފޮޓޯ ކްރެޑިޓްްސް: ރޮއިޓާރސް)
ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކުރުމާ ގުޅިގެން އެ ޤައުމުގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ ތިން ބޭފުޅަކު ނުހުރުން ފާޅުކުރައްވައިފިއެވެ. ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހުގެ 22ވަނަ ދުވަހުއެވެ. ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތުގައެވެ. ހަމަ އެ ދުވަހު، އެ ޤައުމުގެ ކޯޓަކުން ވަނީ އޭނާ ހަތަރު ދުވަހަށް ބަންދުގައި ބެހެއްޓެވުމަށް މުއްދަތު ޖަހައިފިއެވެ. ކޯޓުން ވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބެހެއްޓެވުމަށް އަމުރުކޮށްފައެވެ.
ޖަލުގައި ހުންނަވަނިކޮށް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެވަޑައިގަތުމުން ވިކްރަމަސިންހަ ވަނީ ޖަލުގައި ހުންނަ ހަސްފަތާލުގައި ނުދެވޭ ފަރުވާތަކެއް ދިނުމަށް ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެނދުމަތިކޮށްފައެވެ. ޑޮކްޓަރުން ވަނީ ވިކްރަމަސިންހަގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމަށާއި ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އޭގެ އިތުރުން ހަކުރު ބަލީގެ އުނދަގޫތައް އިތުރުވެފައިވާ ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ވިކްރަމަސިންހަ ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ދިފާޢުގައި ވާހަކަ ދައްކަވާފައި ވަނީ ސްރީ ލަންކާގެ ކުރީގެ ތިން ރައީސުން ކަމަށްވާ ޗަންދްރިކާ ކުރާމަތުންގާއާއި މަހިންދަ ރާޖަޕަކްސައާއި މައިތުރިޕާލާ ސިރިސޭނާއެވެ. އެ ބޭފުޅުން ވަނީ ވިކްރަމަސިންހަ ހައްޔަރުކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް، ވަރަށް ރާވައިގެން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ކުރީގެ ރައީސް، އުމުރުން 80 އަހަރުގެ ކުމާރަތުންގާ ވިދާޅުވީ މިއަދު ފެންނަމުން ދަނީ ޑިމޮކްރަސީގެ ހަމަތައް ކަތިލުމުގެ މަޤްސަދުގައި ދީފައިވާ ޙަމަލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ވިކްރަމަސިންހަ ހައްޔަރުކުރުމަކީ ހަމައެކަނި އެ މަނިކުފާނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެއީ ހުރިހާ ރައްޔިތުންގެ ހައްޤުތަކަށް ވެސް އޭގެ އަސަރުކުރާ ވަރުގެ ކަމެއް ކަމަށެވެ. އަދި ވިކްރަމަސިންހަ ހައްޔަރުކުރުން ފަދަ އަމަލުތައް ކުށްވެރިކުރައްވާ ކަމަށާއި އެއީ ކޮންމެ ސިޔާސީ ލީޑަރަކު ވެސް އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުމާރަތުންގާއަށް ފަހު ސްރީ ލަންކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އުމުރުން 79 އަހަރުގެ ރާޖަޕަކްސަ ވެސް ވަނީ ވިކްރަމަސިންހައާއެކު ހުންނެވި ކަމަށް ވިދާޅުވެފައެވެ. ވިކްރަމަސިންހަ ހަސްފަތާލަށް ގެންދިޔުމުގެ އިރުކޮޅެއް ކުރިން ރާޖަޕަކްސަ ވަނީ ޖަލަށް ވަޑައިގަންނަވައި އޭނާއަށް ޒިޔާރަތްކުރައްވައިފައެވެ. އޭގެ އިތުުރުން އުމުރުން 73 އަހަރުގެ ސިރިސޭނާ ވެސް ވަނީ ވިކްސަރަސިންހަ ހައްޔަރުކުރުމަކީ ބޭއިންސާފުން، ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ އައު ސަރުކާރާ ދެކޮޅު މީހުން ހިމޭންކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެއީ ޑިމޮކްރަސީގެ ސަންދޯކުގައި މަތިއެޅުން ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ.
ވިކްރަމަސިންހަގެ އަމިއްލަ ސިޔާސީ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ން ބުނީ ވިކްރަމަސިންހައާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަކީ އޭނާ އަލުން އަނބުރާ ވެރިކަމަށް ވަޑައިގަންނަވައިފާނެތީ އެކަމޭމެދު އޮތް ބިރެއްގެ ބޮޑުކަމުން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވިކްރަމަސިންހަ ވަނީ މިހާރުގެ ރައީސް އަނޫރާ ކުރާމާ ދިސަނަޔަކެއާ ވާދަކުރައްވައިފައެވެ. އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ވިކްރަމަސިންހައަކީ ސިޔާސީ ދާއިރާގައި އަދިވެސް ޙަރަކާތްތެރި ބޭފުޅެކެވެ. ސީއައިޑީން ތަޙުޤީޤު ކުރަމުން ދަނީ، ރައީސް ކަމުގެ މަޤާމުގައި ވިކްރަމަސިންހަ ހުންނެވިއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. އޭނާ ހައްޔަރު ކުރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގަންނަވައި، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފައެވެ.
ސީއައިޑީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑައިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
