
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ބިމެއް އިސްތިޢުމާރުކޮށް، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަކި ކޮށްލުމުގެ މަސައްކަތް ޔަހޫދީން ފަށައިފިއެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗު ބުނީ، ހުޅަނގު އައްސޭރި ފޮތިކޮށްލައި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ގުޅައިލުމަށް ރާވާފައިވާ ‘އީ1’ގެ ނަން ދީފައިވާ މަޝްރޫޢު ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ލިބިފައިވާ ކަމުގައެވެ. މިއީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ތަޅުއަޅުވައި، ހުއްޓުވުމަށް ހިންގާ މަޝްރޫޢެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އަދި، ފަލަސްޠީނުގެ ދައުލަތް ފޮހެލައި، ނިޒާމުން ގެއްލުވައިލާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.
އީ1 މަޝްރޫޢަކީ، މީގެ އަހަރުތަކެއް ކުރިން ޔަހޫދީން ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ދަށުން ފެށުމަށް މަސައްކަތް ކުރި މަޝްރޫޢެކެވެ. ނަމަވެސް، 2012ވަނަ އަހަރާއި 2020ވަނަ އަހަރު އެ މަޝްރޫޢު ހިންގުން މަޑުޖައްސައިލާފައި އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ. ޚާއްޞަކޮށް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް ކުރިން ދިޔައީ އެ މަޝްރޫޢާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެ މަޝްރޫޢު އަލުން ފަށައި، ފަލަސްޠީނުގެ އިތުރު ބިންތަކެއް އިސްތިޢުމާރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އީ1 މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ގުޅޭ ސަރަޙައްދުގައި ޔަހޫދީން އާބާދު ކުރުމެވެ. އަދި، އިރުމަތީ ޤުދުސާއި ވަކިން އޮތް ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ މައަލޭ އަދުމީމާއި ޤުދުސް ގުޅައިލުމެވެ. އެ މަޝްރޫޢުގެ ދަށުން ހުޅަނގު އައްސޭރި ފަތިކޮށްލެވޭނެއެވެ. ނިރުބަވެރި ސްމުތުރީޗު ބުނީ، އީ1 މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ޔަހޫދީންގެ ދިފާޢީ ވުޒާރާއިން ދީފައިވާ ކަމުގައެވެ.
އދއާއި ފަލަސްޠީންގެ އިތުރުން އިނގިރޭސިވިލާތުގެ ނުރުހުން
ހުޅަނގު އައްސޭރީގެ އިތުރު ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް އައު މަޝްރޫޢެއް ފެށުމަށް ޒަޔަނިސްޓު ސަރުކާރުން ތައްޔާރުވުމާ އެކު، ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީންގެ ދައުލަތް އިތުރަށް އެކަހެރިވެގެން ދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާއި، އީ1 މަޝްރޫޢާ ގުޅިގެން ޔަހޫދީންގެ މަދަދުވެރިންގެ ގޮތުގައި ތިބި ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ ޔަހޫދީންނާ ފެޔަށް ޖެހެން ފަށާފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް ހިމެނެއެވެ. ޔަހޫދީންނަށް ގޮންޖެހުމުގެ ގޮތުން އެ ޤައުމުތަކުން ވަނީ ފަލަަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައެވެ. ސެޕްޓެންބަރު މަހު ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި އެ ޤައުމުތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެއެވެ. އަދި، އެ ކަން ރަސްމީކޮށް އިޢުލާނު ކުރާނެއެވެ. މިއީ، ޔަހޫދީންގެ އިތުރުން އެމެރިކާއަށް ވެސް ބަލައިގަނެވުނު ނިންމުމެއް ނޫނެވެ.
އީ1 މަޝްރޫޢު ހިންގުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމުމުން އދން ވެސް ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. “[ފަލަސްޠީނުގެ ބިމުގައި ޔަހޫދީން] އާބާދު ކުރުމަށް ހިންގާ މަޝްރޫޢު މިއަދު އިޢުލާނު ކުރުން އަޅުގަނޑުމެން ކުށްވެރި ކުރަން، އެއީ [މުސްލިމުންނާއި ޔަހޫދީންގެ] މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމުގެ މަސައްކަތުގެ ހިތަށް ހަރައިލެވޭ ލޮންސިއެއް،” އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވިއެވެ. ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން އާބާދު ކުރުމަށް ހިންގާ ޣައިރުޤާނޫނީ ޖަރީމާތައް ހުއްޓައިލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާގެ އިތުރުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވެސް ވަނީ ޔަހޫދީންގެ އީ1 މަޝްރޫޢަށް ފާޑުވިދާޅުވެފައެވެ. “ތަންފީޒު ކޮށްފި ނަމަ، އޭގެ [އީ1 މަޝްރޫޢުގެ] ސަބަބުން ފަލަސްޠީނުގެ ދައުލަތް ދެ ބަޔަށް ފޮތިވެގެން ދާނެ، އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއަކަށް ވާނެ، އަދި މިނިިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމުގެ ރޭވުމަށް ހުރަސް އެޅިގެން ދާނެ،” ލެމީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
