Read Time:6 Minute, 32 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ޤައުމުން ވެސް ބިމުގެ ބައެއް އަނެއް ޤައުމަށް ދޫކޮށްލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އޭނާއާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ދެ ބޭފުޅުން އޮގަސްޓު 15ވަނަ ދުވަހު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އެލެސްކާގައެވެ. ޓްރަމްޕް ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަގު ކޮށައިދިނުމަށް ކަމުގައެވެ. އަދި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޕުޓިން ބޭނުންފުޅުވާ ކަން ދެނެގަތުމަށް އެ ބައްދަލުވުން ބޭނުން ކުރައްވާނެ ކަމުގައެވެ. “އެހެންވީމަ އަޅުގަނޑު ވްލަޑިމިޔަރ ޕުޓިންއާ ވާހަކަ ދައްކާނަން، އަދި ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހެއޭ އޭނާ ގާތު ދަންނަވާނަން. އޭނާ އެ ކަން ނިންމަން ޖެހެއޭ ދަންނަވާނަން،” ޓްރަމްޕް ވިދާޅުވިއެވެ.

 

އެލެސްކާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އަރުވާފައެއް ނުވެއެވެ. ސަބަބަކީ، އޭނާއާ ބައްދަލު ކުރައްވަން ޕުޓިން ބޭނުންފުޅު ނުވުމެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެލެސްކާއަށް ފަހު ދެން ބާއްވާ މަޝްވަރާ ބައްދަލުވުމެއްގައި ޒެލެންސްކީ ބައިވެރި ކުރައްވާނެ ކަމުގައެވެ. އަދި، އެލެސްކާ ބައްދަލުވުމަށް ފަހު ވީ އެންމެ އަވަސް ފުރުޞަތެއްގައި ވިލާތުގެ ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، ޕުޓިންއާ އެކު ބާއްވަވާ ބައްދަލުވުމުގެ މަޢުލޫމާތު ހިއްސާ ކުރައްވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ބިން ބަދަލު ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ޓްރަމްޕް ވާހަަކަފުޅު ދައްކަވާފައިވެއެވެ. ނަމަވެސް، މިއީ ޔޫކްރެއިނާއި ރަޝިޔާއިން އެއްބަސްވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔޫކްރެއިންގެ ބިންތަކެއް ރަޝިޔާއަށް ދިނުމަކީ ވިލާތުގެ ޤައުމުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުތަކުން ދެކެއެވެ. “ކޮންމެ ވެސް ވަރަކަށް ބިންތައް ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ދާނެ،” ޓްރަމްޕް ވިދާޅުވިއެވެ.

 

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާ ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލުމަށް އިންކާރު ކުރުމާ ގުޅިގެންނެވެ. ޔޫކްރެއިނުން ނޭޓޯއާ ގުޅުމަކީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކްރެމްލިނުން ޤަބޫލު ކުރެއެވެ. ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބަޔަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސް ސަރަޙައްދުގައި އޮތް ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދަކާއި، ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ރަށްތައް ހިމެނެއެވެ. ރަޝިޔާއިން ވަނީ އެއީ ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް، ޔޫކްރެއިންގެ ސިފައިން އަދިވެސް އެ ސަރަޙައްދުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދުގެ މަދު ރަށްތަކެއްގައި ވެސް ޔޫކްރެއިންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %