
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ އިސްތިޢުމާރު ކުރުމަށް ޔަހޫދީން ނިންމުމާ އެކު ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް އިސްރާއީލުގެ އެތެރެއާއި ބޭރުން ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ. އަނިޔާވެރި ނަތަންޔާހޫގެ ކެބިނެޓުން ނިންމާފައި ވަނީ ޣައްޒާ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ 2.2 މިލިޔަނެއްހާ މީހުން އަޅުވެތި ކުރުމަށެވެ. މި ކަމާ މެދު އެންމެ ފުރަތަމަ ނުރުހުން ފާޅުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގައި ހިމެނޭ ޔަހޫދީންގެ އިސް މަދަދުގާރެއް ކަމުގައިވާ ޖަރުމަނުވިލާތް ހިމެނެއެވެ. އަދި، އެ ކަން ކުށްވެރި ކުރުމުގެ ގޮތުން ޖަރުމަނުވިލާތުން ވަނީ ޔަހޫދީ ފައުޖަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލަން ނިންމައި އެ ކަން އިޢުލާނު ކޮށްފައެވެ. އަދި، އިނގިރޭސިވިލާތާއި އީޔޫގެ އެހެން ބާރުތަކުން ވަނީ ޔަހޫދީންގެ ނިންމުން ބަދަލު ކުރުމަށް ގޮވައިލާފައެވެ.
ޖަރުމަނުވިލާތުގެ ނިންމުމާ އެކު ޔަހޫދީންގެ ޙިމާޔަތުގައި ތެދުވެފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. އެމެރިކާއިން ޒަޔަނިސްޓު އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވަނީ ޖަރުމަނުވިލާތުގެ ނިންމުމާ މެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި، އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ލިބުނު މަންފާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އެތެރެއާއި ބޭރުގެ ނުރުހުމާއި ފާޑުކިޔުންތައް އިތުރު ވަނީ
ޒަޔަނިސްޓު އިސްރާއީލުގެ އެތެރެއިން ވެސް ދަނީ ޣައްޒާ އިސްތިޢުމާރު ކުރުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ޙަމާސުން ރަހީނު ކޮށްފައި ތިބި އަސީރުންގެ ޢާއިލާތަކާއި، ސަރުކާރާ ދެކޮޅު ޕާޓީތައް ހިމެނެއެވެ. ނަތަންޔާހޫގެ ނިންމުމާ އެކު އަސީރުންގެ ފުރާނަ އިތުރު ނުރައްކަލަކަށް ވެއްޓިގެން ގޮސްފައިވާ ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޣައްޒާ އިސްތިޢުމާރު ކުރުމުގެ ރޭވުމާ އެކު އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އޮގަސްޓު 8ވަނަ ދުވަހު ހައްދުފަހަނަ ނަތަންޔާހޫ އިޢުލާނު ކުރިއެވެ. އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ހިމެނި ވަޑައިގަންނަވައެވެ. އެ ނިންމުން ބަދަލު ކުރުމަށް އޭނާ ވެސް ވަނީ ޒަޔަނިސްޓު ސަރުކާރަށް ގޮވައިލައްވާފައެވެ.
ޣައްޒާ އިސްތިޢުމާރު ކުރުމާ ދެކޮޅަށް އަޑުއުފުލާފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އަދި ޢަރަބި ދުނިޔޭގެ ޤައުމުތަކުގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނެއެވެ. ޔަހޫދީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރުވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ނުވަނީސް ޔަހޫދީންނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ އިންކާރު ކުރަމުންނެވެ.
ގުތެރޭޝް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތު ގޯސްވާނެ ކަމަށް
ޔަހޫދީންގެ ރޭވުމާ ގުޅޭ ގޮތުން އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ އެ ނިންމުމާ އެކު މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ނިންމުމާ އެކު ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ގެދޮރު ގެއްލޭނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އަނިޔާވެރި ނަތަންޔާހޫގެ ނިންމުން ކުށްވެރި ކުރައްވާފައެވެ.
“މި ނިންމުމާ އެކު ނުރައްކާތެރި ކަން މި ވަނީ އިތުރުވެފައި އަދި ފަލަސްޠީނުގެ އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ހާލަތު އިތުރަށް ގޯސްވުމާއި، ފުރާނައަށް ނުރައްކާވުމާއި، އަސީރުންގެ ފުރާނައަށް ނުރައްކާވުމުގެ ހިރާސް ބޮޑުވެގެން ދާނެ،” ގުތެރޭޝް ވިދާޅުވިއެވެ. ޔަހޫދީންގެ ނިންމުމާ އެކު ގިނަ އަދަދެއްގެ ބަޔަކަށް އަމިއްލަ ވަޒަނުން ބޭރުވުމަށް މަޖުބޫރުވާނެ ކަމަށާއި، ޝަހީދުވާނެ ކަމަށާއި، ޢުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ގަދަބާރުން ބަޔަކު އަމިއްލަ ވަޒަނުން ބޭރު ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުން މަނާ ކުރާ ލާއިންސާނީ ކުށެކެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށް އުފުލިފައެވެ. އަދި، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާއެއް ހިންގަމުންނެވެ. އެ ކަމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއިން ވަނީ ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ. ސެޕްޓެންބަރު މަހު ބާއްވާ އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި އެ ޤައުމުތަކުން ރަސްމީކޮށް އެ ކަން އިޢުލާނު ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
