
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ނުލިބި ބަނޑަށް ޖެހިގެން އިތުރު ހަ މީހުން ޝަހީދުވެއްޖެއެވެ. އިންސާނީ މަސައްކަތް ކުރާ ބައިނަލްްއަޤްވާމީ ޖަމްޢިއްޔާތަކުން ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންދާކަމުގެ އިންޒާރު ދެމުންދާއިރު، އެންމެ ފަހުގެ މަރުތަކާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ 175އަށް އިތުރުވެފައެވެ. އެ ޢަދަދުގެ ތެރޭގައި 93 ކުޑަކުދިން ވެސް ހިމެނެއެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާއަށް އެެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުން ހުއްޓުވައިފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ތެޔޮ ނުލިބުމުގެ ސަބަބުން ހަސްފަތާލުތަކުން ޚިދުމަތް ދިނުމަށް ބޮޑެތި ދަތިތައް ހުރި ކަމަށެވެ. އޭގެ ސަބަބުން ހަމައެކަނި އެންމެ ޙާލު ދެރަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ޑޮކްޓަރުންނަށް މަޖުބޫރުވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިންތިހާ ދަރަޖައަށް ގޯސްވެފައިވާއިރު، އެ ސަހަރުގެ ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިޔޯތައް ދަނީ ހަލުވިކަމާއެކު މީސްމީޑިޔާގައި ދައުރުވަމުންނެވެ. އެެއާއެކު ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ، ޔަހޫދީންނަށް މިހާރު ވަނީ ޣައްޒާއަށް އިތުރު އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް ކަމަށް ބުނެ ވަކި ގަޑިތަކެއްގައި އަދި ވަކި ސަރަޙައްދުތަކެއްގައި ޙަމަލާދިނުން މަޑުޖައްސާލައިފައެވެ. އެނގިފައިވާ ގޮތުގައި ގިނަ މަސްތަކަކަށްފަހު ފަހު 107 ޓަނުގެ ޑީސެލް ޣައްޒާއަށް އެތެރެކުރުމަށް މިޞްރު ފަޅީގައި ދެ ލޮރީ އޮތީ ތައްޔާރަށެވެ. އޭގެ އިތުރުން އދ މެދުވެރިކޮށް ހަތަރު ޓޭންކަރުގެ ތެޔޮ ޣައްޒާއަށް އިސްރާއީލު މަގުން ވައްދާފައިވެއެވެ. މި ތެޔޮ ބޭނުންކޮށްގެން ހަސްފަތާލުތަކާއި ބޭކަރީތަކާއި އާއްމު ބަދިގެތަކުން ޚިދުމަތް ދެވޭނެއެވެ. އަދި އެހެނިހެން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ކޮންމެވެސް ވަރަކަށް ދެވޭނެއެވެ.
މި ޙާލަތުގައި ހުޅަނގުގެ ބައެއް ޤައުމުތަކާއި ޢަރަބި ޤައުމުތަކުން ދަނީ ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޢުރުދުންއާ ގުޅިގެން ބެލްޖިއަމުން ވެސް ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޣައްޒާއަށް ވައިކުޑަ މެދުވެރިކޮށް އެހީގެ ސާމާނު ފޯރުކޮށްދީފައެވެ. ނަމަވެސް މި ގޮތަށް ޣައްޒާއަށް އެހީ ފޯރުކޮށްދީގެން އެ ސަހަރުގެ ބަނޑުހައިހޫނުގެ ޙާލަތަށް ރައްކާތެރި އަދި އެދެވޭ ޙައްލެއް ހޯދޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެޙީދޭ ޖަމްޢިއްޔާތަކުން ބުނެއެވެ. މި ޙާލަތުގައި ޣައްޒާއަށް އެހީ ވެއްދެން ހުރި ކޮންމެ މަގަކުން އެ ސަހަރަށް އެހީގެ ސާމާނު އެތެރެކުރަންޖެހޭ ޔުނިސެފުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެއްގަމު މަގުން އެހީގެ ސާމާނު އެތެރެކުރުމުން ނެރެވޭ ނަތީޖާ ހަމައެކަނި ވައިކުޑައިގެ ޒަރިއްޔާއިން ކާބޯތަކެތި ފޯރުކޮށްދީގެން ޙާޞިލް ނުކުރެވޭނެ ކަމަށް އޭނާ އެ އިދާރާއިން ފާހަގަކުރެއެވެ. މަދުވެގެން 500އެއްހާ ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެކުރަމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެ އުދާރާއިން ބުނެފައިވެއެވެ.
ޣައްޒާގެ ސަރުކާރުން ބުނީ ޖުލައި މަހުގެ ފަހުކޮޅު ކޮންމެވެސް މިންވަރަކަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ފުރުޞަތު ދިން ފަހުން ޣައްޒާއަށް އެތެރެކޮށްފައި ވަނީ 1،600އެއްހާ ލޮރީގެ ސާމާނު ކަމަށެވެ. ނަމަވެސް ގިނަ ލޮރީތައް ގޮތް ހުސްވެފައިވާ އާއްމުންނާއި ހަތިޔާރު ހިފައިގެން ތިބޭ ގުރޫޕުތަކުން ލޫޓުވަމުންދާކަމަށް މަސްދަރުތަކުން ބުނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 40 މީހުން ޔަހޫދީ ފައުޖުން ޝަހީދުކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އެމެރިކާއާ ގުޅުންހުރި ކުންފުންޏެއް މެދުވެރިކޮށް ޣައްޒާގައި ޔަހޫދީން ޤާއިމުކޮށްފައިވާ އެހީ ބަހާ މަރުކަޒުތަމަށް ދިޔުމަށް މަސައްކަތްކުތި ބަޔަކު ވެސް ހިމެނެއެވެ. އޭގެ އިތުރުން ފަސްޠީނިއަން ރެޑް ކްރެސެންޓް ސޮސައިޓީގެ މުވައްޒަފަކު ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 60،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
