
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣާއްޒާގައި އާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް ފެތުރެމުންދާއިރު، އެ ސަހަރުގެ ކޮންމެ ތިން މީހަކުން އެކަކަކީ ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައިި އެތައް ދުވަހެއް ހޭދަކުރާ މީހުން ކަމަށް އދގެ ކުޑަކުދިންނާބެހޭ ފަންޑު، ޔުނިސެފުން ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން އެ ސަހަރުގެ އިންސާނީ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެ ކަން ފާހަގަކޮށް ޔުނިސެފުން ބުނީ ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ޔުނިސެފްގެ ޑެޕިއުޓީ އެކްޒެކެޓިވް ޑިރެކްޓަރެއް ކަމަށްވާ ޓެޑް ޗައިބަން ވަނީ ޣައްޒާއަށާއި ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއަށް ދާދި ފަހުން ދަތުރެއް ކުރައްވައިފައެވެ. އެ ދަތުރުގެ ފަހުން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ޣައްޒާގެ 320،000އަށްވުރެ ގިނަ ކުޑަކުދިންނަށް، ކާބޯތަކެތި ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން ޙާލަތަށް ދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅިވީ ޣައްޒާގައި މެލްނިއުޓްރިޝަން ޙާލަތު ފެތުރުމުގެ ފުރުޞަތު އޮތް މިންވަރުން ހާމަކޮށްދެނީ އާންމުވެގެންވާ ބަނޑުހައިހޫނުކަމެއް ޣައްޒާގައި ފެތުރިފައިވާ ކަން ކަމަށެވެ.
ޗައިބަން އިތުރަށް ވިދާޅުވީ ޔުނިސެފްގެ ސަމާލުކަން މިހާރު އަމާޒުކުރަން ބޭނުންވަނީ ޣައްޒާއަށް ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ވޭނެއް މިހާރު ތަހައްމަލް ކުރަމުންދަނީ ޣައްޒާގެ ރައްޔިތުން ކަމަށާއި ޣައްޒާގެ ކުޑަކުދިން ބޮޑެތި ޢަދަދުތަކުން މަރުވަމުންދާ ކަމަށެވެ. ކުރިމަތީގައި ދެ މަގެއް އޮތް އިރު މިއަދު އިޚްތިޔާރު ކުރާ މަގެއްގެ ސަބަބުން އެތައް ހާސް ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމުރުން 17 އަހަރުގެ ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ އާތިފް އަބޫ ޚާތިރު ވަނީ އޮގަސްޓު މަހުގެ 2ވަނަ ދުވަހު މެލްނިއުޓްރިޝަންގެ ސަބަބުން ޣައްޒާގައި ޝަހީދުވެފައެވެ. ހަނގުރާމައިގެ ކުރިން ހެޔޮ ޙާލުގައި ހުރި ޚާތިރު މީގެ ހަފްތާއެއް ކުރިން މާ ބޮޑަށް ޙާލު ދެރަވެގެން ހަސްފަތާލުގައި ވަނީ އެނދުމަތިކޮށްފައެވެ. ނަމަވެސް ހަސްފަތާލުގައި ދިން ފަރުވާގެ ސަބަބުން އޭނާގެ ޙާލަތަށް ބަދަލެއް އައިސްފައި ނުވާ ކަމާށް އޭނާގެ ބައްޕަ ބުނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ޔަހޫދީން ވަނީ ޣައްޒާގެ 60،000އަށްވުރެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ސުންނާފަތިވެފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި އަދި ގިނަ ޢަދަދެއްގެ ކުޑަކުދިން ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 162 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 92 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ނޫސްވެރިއެއް ކަމަށްވާ އަޙްމަދު އަލް-ނައްޖާރު ބުނީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުންނާއި ކާބޯތަކެތި ނުލިބުމުގެ އިތުރުން އެއްވެސް ރައްކާތެރިކަމެއް ނެތް ކަމުގެ އިޙްސާސް ކުރެވެމުންދާތީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައި ވަނީ މުސީބާތާއި އަނިޔާ ކަމަށެެވެ. ޣައްޒާގެ އެއްވެސް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއް ނޫން ކަމަށް އޭނާ ބުނެއެވެ. އަމިއްލަ ރައްކާތެރިކަމާއި ސަލާމަތް ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ފާހަގަކޮށް ނައްޖާރު ބުނީ ކާނެ އެއްޗެއް ހޯދުމަށް މަގަކަށް ނިކުމެލިޔަސް އަނބުރާ އާދެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނަ ކަމަށެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާއަށް އެެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުން ހުއްޓުވައިފައެވެ. އެއަށްފަހު މެއި މަހުގެ ފަހުކޮޅު ޣައްޒާއަށް މަދު މިންވަރެއްގެ އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ޔަހޫދީން ވަނީ ދީފައެވެ. ނަމަވެސް އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ޔަހޫދީންނާއި އެެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފްއަށެވެ. އެހީގެ ސާމާނު ބެހުމުގައި ޖީއެޗްއެފުން އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ކަމުގެ ތުހުމަތު ކުރެވެއެވެ. އދން ބުނީ ޖީއެޗްއެފްގެ އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިއަށް ދާ ޣައްޒާގެ ރައްޔިތުންގެ ތެރެއިން 1،300 މީހުން އެ މަރުކަޒުތައް ކައިރިން ޔަހޫދީން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވަނީ ޔަހޫދީ ސިފައިންނާއި ޖީއެޗްއެފްގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭ އެމެރިކާގެ ކޮންޓްެރެކްޓަރުންނެވެ.
ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިންތިހާ ދަރަޖައަށް ގޯސްވެފައިވާއިރު، އެ ސަހަރުގެ ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިޔޯތައް ދަނީ ހަލުވިކަމާއެކު މީސްމީޑިޔާގައި ދައުރުވަމުންނެވެ. އެެއާއެކު ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ، ޔަހޫދީންނަށް މިހާރު ވަނީ ޣައްޒާއަށް އިތުރު އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް ކަމަށް ބުނެ ވަކި ގަޑިތަކެއްގައި އަދި ވަކި ސަރަޙައްދުތަކެއްގައި ޙަމަލާދިނުން މަޑުޖައްސާލައިފައެވެ.
މި ޙާލަތުގައި ހުޅަނގުގެ ބައެއް ޤައުމުތަކާއި ޢަރަބި ޤައުމުތަކުން ދަނީ ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. ނަމަވެސް މި ގޮތަށް ޣައްޒާއަށް އެހީ ފޯރުކޮށްދީގެން އެ ސަހަރުގެ ބަނޑުހައިހޫނުގެ ޙާލަތަށް ރައްކާތެރި އަދި އެދެވޭ ޙައްލެއް ހޯދޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެޙީދޭ ޖަމްޢިއްޔާތަކުން ބުނެއެވެ. ޔުނިސެފްގެ ފަރާތުން ޗައިބަން ވިދާޅުވީ މި ޙާލަތުގައި ޣައްޒާއަށް އެހީ ވެއްދެން ހުރި ކޮންމެ މަގަކުން އެ ސަހަރަށް އެހީގެ ސާމާނު އެތެރެކުރަންޖެހޭ ކަަމަށެވެ. ނަމަވެސް އެއްގަމު މަގުން އެހީގެ ސާމާނު އެތެރެކުރުމުން ނެރެވޭ ނަތީޖާ ހަމައެކަނި ވައިކުޑައިގެ ޒަރިއްޔާއިން ކާބޯތަކެތި ފޯރުކޮށްދީގެން ޙާޞިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 500އެއްހާ ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެކުރަމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.
ޗައިބަން އިތުރަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ އެހީއަކީ ދެމެހެއްޓެނެވި ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުން ކަމަށާއި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމުކުރެވޭނެ ޙައްލެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
