
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިންއާއި އަޔަލެންޑާއި ނޯރވޭއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިޢުލާނު ކުރުމުން، ޔަހޫދީންނަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކުން ދިޔައީ އެއީ ޣައްޒާ މައްސަލަ ޙައްލު ކުރުމަށް އެހީވެދޭނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ކެނެޑާއިން ފަލަސްޠީނިގެ މައްސަލައަށް އޮތް ޙައްލަކީ އިޒްރޭލާ އެކު ފަލަސްތީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ޤާއިމުކުރުން ކަމަށް ބުނި ނަމަވެސް، އެ ސިޔާސަތަށް ތާއީދުކުރުމަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް ތާއީދުކުރުން ކަމަށް ބެލެވިދާނެތީ އެ ޤައުމުތަކުން ނުހަނު ކަންބޮޑުވިއެވެ. އޭގެ ސަބަބުން އެ ޤައުމުތަކާއި އެމެރިކާއާއި އީސްރާއީލާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީ ވެސް އެ ޤައުމުތަކުން ކަންބޮޑުވިއެވެ. ހަމައެއާއެކު، ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކައިގެން އެދެވޭ ނަތީޖާއެއް ނުނިކުމެދާނެ ކަމުގެ ފުރުޞަތު އޮަތް އިރު، އެ ޤައުމުތަކުގެ ޚާރިޖީ އަދި ސިޔާސީ ނުފޫޒު އެ މައްސަލައަށް ބޭނުން ކުރަން ބޭނުން ނުވުމަކީ ވެސް ފަލަސްޠީނުގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ހުޅަނގުގެ މި ޤައުމުތަކުން ފަސްޖެހުނު ސަބަބެކެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން އޭރު ވިދާޅުވީ ޖަޒުބާތުގައި ޖެހިގެން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިނުގަންނާނެ ކަމަށެވެ.
ނަމަވެސް ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ޔަހޫދީން ތަކުރާރުކޮށް ދަތިކުރަމުން ދިޔުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ގޯސްވެ، ޢުދުވާން ހުއްޓާލުމަށް ޔަހޫދީންނާއި ޙަމާސްއާ ދެމެދު ިމި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވި އެއްބަސްވުމާ ޔަހޫދީން ޚިލާފުވެ، ދެ މަސް ދުވަސް ވަންދެން ޙަމަލާ ބަދަލުކުރުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން ޙަމަލާދޭން ފެށުމުން، ޖީ7ގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ހުޅަނގުގެ މައި ތިން ޤައުމުން ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމާ ދިމާއަށް މިސްރާބު ބަދަލުކޮށްލި މަޝްވަރާތައް އެ ޤައުމުތަކުގެ މެދުގައި ފެށިގެން ދިޔައެވެ. ކެނެޑާގެ ބޮޑު ވަޒީރު މަރކް ކާނީ ވިދާޅުވީ އިޒްރޭލާ އެކު ފަލަސްތީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ނެތިގެން ގޮސްދާނެ ކަމުގެ ބިރު ހީވުމަކީ ފަލަސްޠީނުގެ ޙާލަތު މިހާރު އޮތް ހިސާބަށް ދިޔުމުގެ މައިގަނޑު އެއް ސަބަބު ކަމަށެވެ. އެހެންކަމުން، ކެނެޑާއާއި އެ ޤައުމުގެ ބައިވެރިން އެ ކަން ބަދަލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރަންސޭސިވިލާތާއި އެމެރިކާއާ ގުޅިގެން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހުޅަނގުގެ ޤައުމުތަކަށް ހިތްވަރު ދިނުމަށް ރޭވުންތަކެއް އެކުަލަވާލައިފައެވެ. އެ ހުށަހެޅުންތައް ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އދގެ ކޮންފަރެންސްގައި ހުށަހެޅުމަށް ދެ ޤައުމުން ބޭނުންވި ނަމަވެސް އެ މަސައްކަތަށް އެހެން ޤައުމުތަކުގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ޙާލަތުގައި ޔަހޫދީން އިސްވެ އީރާނަށް ކުއްލި ގޮތަކަށް ޙަމަލާ ދިނުމުން، އަދި އެމެރިކާގެ ފަރާތުން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އެ ބައްދަލުވުން ވަނީ ފަސްކޮށްފައެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދިނުމާއެކު ޔަހޫދީންގެ ޢަމަލުތަކަށް ހުޅަނގުގެ ޤައުމުތަކުން ފާޅުގައި ފާޑުކިޔުން މެދުކެނޑުނެވެ. ޢަރަބި ޤައުމުތަކުގެ ފަރާތުން ވެސް ވަކި ހުށަހެޅުންތަކަކަށް ތާއީދު ހޯދުމަށް އުނދަގޫތައް ކުރިމަތިވިއެވެ. ނަމަވެސް ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި ވެސް މެޚްރޮންއާއި ކާނީއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަރލް ސްޓާމަރ ދިޔައީ ފަލަސްޠީނުގެ މައްސަލައިގައި ފޯނު ކޯލާއި މެސެޖުގެ ޒަރިއްޔާއިން ވާހަކަދައްކަވައި ޚިޔާލު ބަދަލުކުރައްވަމުންނެވެ.
ފަލަސްޠީނަކީ މިނިވަން ދައުލެއްގެ ގޮތުގައި ބަލައިގަތުން ފަދަ ބޮޑު ފިޔަވަޅެއް ކެނެޑާއިން އެކަނި އެޅުމަށް ފަސްޖެހުނެވެ. އިނގިރޭސިވިލާތުން ފަސްޖެހުނީ، އެ ފަދަ ނިންމުމަކީ ރަމްޒީ ނިންމުމެއްގެ ގޮތުގައި އޮތުމަށް ވުރެ އޭގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ފަދަ ފިޔަވަޅަކަށް އެ ފަދަ ނިންމުމެއް ވާނެކަމުގެ ޔަޤީންކަން ނެތުމުންނެވެ. ނަމަވެސް ފަރަންސޭސިވިލާތުން ނިންމީ ހިތްވަރާއެކު ކުރިއަށް ފިޔަވަޅެއް އެޅުމަށެވެ. ސުންނާފަތިވެފައިވާ ޣައްޒާއާއި ބަނޑަށް ޖެެހެމުންދާ ޣައްޒާގެ އަހުލުވެރިންގެ ފޮޓޮއާއި ވީޑިޔޯތައް މީސްމީޑިޔާގައި ދައުރުވަމުންދިޔަ އިރު، ގިނަ ބަޔަކު ދިޔައީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ދެމުންދިޔަ ޙާމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރެވިދާނެތޯ ދިޔައީ ސުވާލު އުފެދެމުންނެވެ.
ޖުލައި މަހުގެ 24ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ރައީސް މެޚްރޮން ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އާއްމު މަޖިލީހުގައި އެ ޤައުމުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ކުއްލި ގޮތަކަށް އިޢުލާނުކުރައްވައިފައެވެ. ފަރަންސޭސިވިލާތުގެ މި ނިންމުން ކެނެޑާއާއި އިނގިރޭސިވިލާތުން ވަގުތުން ވަގުތަށް ނަކަލުކޮށްފައެެއް ނުވެއެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ނިންމުމަކީ ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން، އަދި މެޚްރޮން އަކީ އަދިވެސް “ކަމުދާ ބޭފުޅެއް” ކަމަށް އޭނާ ވިދާޅުވުމުން، ފަރަންސޭސިވިލާތުގެ ނިންމުމުގެ ސަބަބުން އެމެރިކާއާއެކު އޮންނަ ޚާރިޖީ ގުޅުމަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާކަން ޤައުމުތަކަށް ދޭހަވިއެވެ.
ފަރަންސޭސިވިލާތުގެ ނިންމުން އިޢުލާނުކުރިތާ ދެ ދުވަސް ފަހުން މެޚްރޮން ވަނީ އިޒްރޭލާ އެކު ފަލަސްތީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ތަންފީޒު ކުރުމަށް ދަތުރުކުރެވިދާނެ މަގަކާ ގުޅޭގޮތުން ސްޓާމަރ އާއި ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްރިޗް މަރޒްއާ މަޝްވަރާކުރައްވައިފައެވެ. އެއަށް ފަހު ސްޓަމާރ ވަނީ ޓްރަމްޕްއާ ސްކޮޓްލެންޑުގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ސްޓާމާރ ވަނީ ޣައްޒާއަށް އެހީވުމަށް އިތުރު މަސައްކަތްތައް ކުރެއްވުމަށް ޓްރަަމްޕްގެ އަރިހުގައި ދަންނަވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭގޮތުން ސްޓާމަރ ވާހަކަދައްކަވާފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ މި ދަނޑިވަޅުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ޙަމާސްއަށް އިނާމެއް ދިނުން ފަދަ ކަމެއް ކަމަށެވެ.
ޓްރަމްޕް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް، ޖުލައި މަހުގެ 29ވަނަ ދުވަހު ސްޓާމަރ ވަނީ ޗުއްޓީގައި ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމާމެދު ވަޒީރުންގެ ޚިޔާލު ހޯއްދަވައި އެ ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުގެ ތާއީދު ހޯއްދަވައިފައެވެ. ޣައްޒާ ޢުދުވާން ހުއްޓާލުމައި ގުޅޭ އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ އަދި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމުކުރުމާ ގުޅޭ ހުށަހެޅުމެއް ޔަހޫދީންގެ ފަރާތުން ނުލިބޭ ނަމަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުަގައި ބަލައިގަންނާނެ ކަމަށް އެ ޤައުމުން ވަނީ އިޢުލާނުކޮށްފައެވެ.
މެޚްރޮންއެކޭ އެއްގޮތަށް، ސްޓާމަރ ވެސް ވަނީ އިނގިރޭސިވިލާތުގެ ނިންމުމާ ގުޅޭގޮތުން ކެނެޑާގެ ކާނީއާ ވާހަކަ ދައްކަވައިފައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ދެ ޤައުމުން ވެސް ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށް އިޢުލާނުކުރުމުން، ކެނެޑާއަށް ވެސް ވިސްނުނީ އެ ޤައުމުން ވެސް އެ ފިޔަވަޅު އަޅަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. މެޙްރޮންގެ ނިންމުން އިޢުލާނުކުރެއްވިތާ ހަ ދުވަސް ފަހުން ކާނީ ވިދާޅުވީ މެދުއިރުމަތީގައި ދާއިމީ ގޮތަކަށް ޞުލްޙައާއި ހަމަޖެހުން ޤައިމުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އެ ކަން ޙާޞިލް ކުުރުމަށް ކެނެޑާއަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަޤީޤަތަކީ މި ތިން ޤައުމުގެ ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ މައްސަލައަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު، މާކޯ ރޫބިޔޯ ވެސް ވިދާޅުވީ އެ ނިންމުމަކީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށެވެ. ޖީ7ގައި ދެން ހިމެނޭ ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނުން ފަލަސްޠީނަކީ މިިނިވަން ދައުލަތެއް ކަމަށް ބަލައިގަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ވެސް މިހާތަނަށް ދީފައެއް ނުވެއެވެ.
އދގެ އާއްމު މަޖިލީހުގައި ހިމެނޭ 193 ޤައުމުގެ ތެރެއިން ހަަތަރުބައި ކުަޅަ ތިން ބައި މިހާރު ވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެއެވެ. ނަމަވެސް އެމެރިކާއިން އެ ކަމަށް ދެކޮޅު ހަދާތީއާއި އދގެ ސަލާމަތީ މަޖިލީހުގައި އެ ޤައުމަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރުގެ ސަބަބުން ފަލަސްޠީނަކީ އދގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އދއަށް ވަނީ ނުކުޅެދިފައެވެ. އދން ފަލަސްޠީނަށް މެންބަރުކަން ދީފިނަމަ، ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވުނީއެވެ.
ނަމަވެސް އދގެ އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ ޑިރެކްޓަރު، ރިޗަރޑް ގޮވަން ވިދާޅުވީ ޖީ7ގެ ތިން ޤައުމުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ މުހިންމު ނިންމުންތަކެއް ކަމަށެެވެ. އެމެރިކާގެ މައި ބައިވެރިން އދގައި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމުން, ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމް ކުރުމަށް ކުރާ މަސައްކަތަކީ ބުރަދަނެއް ނެތް މަސައްކަތެއް ކަމަށް ޔަހޫދީންނަށް ދެން ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
