
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ އައު ވިޔަފާރި ސިޔާސަތުގެ ދަށުން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ އެންމެ ފަހުގެ ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސްފިއެވެ. މި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަށް އިސްކަންދޭ ވިޔަފާރީގެ ސިޔާސަތެއް ޤާއިމުކުރައްވައިފައެވެ. އެއީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ގެންގުޅުއްވި ވިޔަފާރީގެ ސިޔާސަތާ އެއްގޮތް ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން 60 ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އާދަޔާ ޚިލާފަށް ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޓްރަމްޕް ވަނީ އިޢުލާނުކުރައްވައިފައެވެ. ޓްރަމްޕް ސިފަ ކުރެއްވި ގޮތުގައި، ބޭރު ޤައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނު ކުރައްވާފައިވާ ޓެރިފްތަކަކީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު “ފަރުވާ”އެކެވެ. އަދި، ޓެރިފްތަކަށް ލުއިދެވޭނީ ޤައުމުތަކުން އެމެރިކާއަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުން ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޮގަސްޓު މަހުގެ 1ވަނަ ދުވަހު ޓްރަމްޕް ވަނީ 92 ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އާދަޔާޚިލާފަށް ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމަށް އަނެއްކާ ވެސް އިޢުލާނުކުރައްވައިފައެވެ. އެ ގޮތުން އަލަށް އިޢުލާނުކޮށްފައިވާ ޓެރިފްގެ ނިޞްބަތްތައް ހުރީ 10 އިންސައްތައާއި 41 އިންސައްތައާ ދެމެދުގައެވެ. އެއާއެކު އެމެރިކާއަށް އެތެރެކުރާ މުދަލުން މީގެ އަހަރެއް ކުރިން ނަގަމުން ދިޔަ އެވަރެޖު ޓެރިފްގެ މިންވަރު ވަނީ 2.3 އިންސައްތައިން ގާތްގަނޑަކަށް 18 އިންސައްތައަށް އިތުރުވެފައެވެ. މިއީ އެމެރިކާއަށް ބަލާއިރު ވަރަށް ބޮޑު ނިޞްބަތެކެވެ. އެއީ 1930ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާއިން ނަގައި އެންމެ ބޮޑު ޓެރިފެވެ. އަލަށް އިޢުލާނުކުރި ޓެރިފްތަކުގެ ތެރޭގައި ކެނެޑާއިން އެތެރެކުރާ ބައެއް މުދަލުން 35 އިންސައްތައިގެ ޓެރިފެއް ހިމެނެއެވެ. އޭގެ އިތުރުން ބްރެޒިލުން އެތެރެކުރާ މުދަލުން 50 އިންސައްތަ، އިންޑިޔާއިން އެތެރެކުރާ މުދަލުން 25 އިންސައްތަ، ތައިވާނުން އެތެރެކުރާ މުދަލުން 20 އިންސައްތަ، އަދި ސްވިޒަލެންޑުން އެތެރެކުރާ މުދަލުން 39 އިންސައްތަ ހިމެނެއެވެ.
އަލަށް އިޢުލާނުކުރި ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޙިއްޞާގެ އަގުތަކަށް ބޮޑެތި އަސަރުތައް ކޮށްފައިވެއެވެ. އެ ގޮތުން 1 އިންސައްތައާއި 1.6 އިންސައްތައާ ދެމެދުގެ ނިޞްބަތަކަށް އެމެރިކާގެ ތަފާތު ބާޒާރުތަކުގައި ޙިއްޞާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. ވިލާތުގެ ބައެއް ބާޒާރުތަކުގައި ޙިއްޞާގެ އަގު ވަނީ އެއް ދުވަސް ތެރޭގައި 1.9 އިންސައްތަ ދަށަށް ގޮސްފައެވެ. ހަފްތާއަކަށް ބަލާނަމަ އެ ޢަދަދު ވަނީ 2.6 އިންސައްތަ ދަށަށް ގޮސްފައެވެ. އަލަށް އިޢުލާންކުރި ޓެރިފްތައް ނެގުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން ޓެރިފްތައް ދަށް ކުރަން މަޝްވަރާކުރުމަށް ޤައުމުތަކަށް އޮތީ ވަރަށް ހަނި ފުރުޞަތެކެވެ. އެއާއެކު ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ ޓެރިފްތައް ދަށް ކުރުމަށް އެމެރިކާއާއެކު މަޝްވަރާތައް ކުރަން ފަށައިފައެވެ.
އެމެރިކާއަށް ސްވިޒަލެންޑުން އެތެރެކުރާ މުދަލުން 39 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް އިޢުލާނުކޮށްފައިވާއިރު އެ ޤައުމުން ވަނީ އެމެރިކާއާއެކު އިތުރު މަޝްވަރާތައް ކުރަން ފަށައިފައެވެ. އިންޑިޔާއާ ދެކޮޅަށް 25 އިންސައްތައިގެ ޓެރިފެއް އިޢުލާނުކޮށްފައިވާއިރު އެ ޤައުމުން ވެސް ވަނީ މަޝްވަރާތައް ފަށައިފައެވެ. ދެކުނު އެފްރިކާއިން އެތެރެކުރާ މުދަލުން 30 އިންސައްތަ ޓެރިފް ނަގަން ނިންމުމުން އެ ޤައުމުގެ ވަޒީފާތަކާއި އިޤްތިޞާދު ރައްކާތެރި ކުރުމަށް އެ ޤައުމުން ވެސް އެމެރިކާއާއެކު މަޝްވަރާގެ މޭޒުގެ ދޮށަށް ދާނެއެވެ. ޓްރަމްޕް ވަނީ 2020ވަނަ އަހަރު ޤާއިމްކުރި އެމެރިކާ-މެކްސިކޯ-ކެނެޑާ އެއްބަސްވުން (ޔޫއެސްއެމްސީއޭ) އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކެނެޑާގެ މުދަލުން 35 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމަވައިފައެވެ. ކެނެޑާގެ ބޮޑުވަޒީރު މަރކް ކާނޭ ވިދާޅުވީ ޓްރަމްޕް އިޢުލާނުކުރެއްވި ޓެރިފްއާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. ކެނެޑާއިން އެތެރެކުރާ މުދަލުން ޓެރިފް ނެންގެވުމަށް ޓްރަމްޕް ނިންމެވީ އެމެރިކާއަށް ކުރިމަތިވެފައިވާ ފެންޓަނީލް މައްސަލައާ ގުޅިގެން ކަމަށް ޓްރަމްްޕް ވިދާޅުވިއިރު، ކާނޭ ވިދާޅުވީ ކެނެޑާ މަގުން އެެމެރިކާއަށް އެތެރެ ވަނީ އެ ޤައުމަށް އެތެރެކުރާ ފެންޓަނީލްގެ އެންމެ 1 އިންސައްތަ ކަމަށެވެ.
އެމެރިކާއަށް ޤަވާއިދާ ޚިލާފަށް އެތެރެކުރާ ފެންޓަނީލްގެ 98 އިންސައްތަ އެ ޤައުމަށް އެތެރެވަނީ މެކްސިކޯ މަގުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނެގުމަށް ނިންމާފައިވާ 30 އިންސައްތައިގެ ޓެރިފްއާމެދު މަޝްވަރާ ކުރުމަށް އެ ޤައުމަށް 90 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ. އެހެން ނަމަވެސް މެކްސިކޯއިން އެތެރެކުރާ ދަގަނޑުން 50 އިންސައްތައިގެ ޓެރިފެއް، އަދި އެ ޤައުމުގައި އުފައްދާ އެއްގަމު އުޅަނދުން 25 އިންސައްތައާއި، އަދި އެސްއެމްސީއޭގެ މިންގަނޑަކަށް ނުފެތޭ މުދަލުން ވެސް 25 އިންސައްތައިގެ ޓެރިފް ނަގަމުންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ޗައިނާއިން އެތެރެކުރާ މުދަލުން ނެގުމަށް ހަމަޖެހިފައިވާ ޓެރިފްއާމެދު މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އައުމަށް އޮގަސްޓު 12އާ ހަމައަށް އެމެރިކާއިން ވަނީ އެ ޤައުމަށް ވަގުތު ދީފައެވެ. ދެކުނު އެފްރިކާއިން އެތެރެކުރާ މުދަލުން 30 އިންސައްތަ ނެގުމަށް ހަމަޖެހިފައިވާއިރު އެ ޤައުމުގެ ވިޔަފާރިއާބެހޭ ވަޒީރު، ޕާކްސް ޓައު ވަނީ އެ ޤައުމުގެ ވަޒީފާތަކާއި އިޤްތިޞާދު ދިފާޢު ކުރެއްވުމަށް ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން އައު ޓެރިފްތައް އިޢުލާނުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތެއް ނުހިމެނެއެވެ. އެ ޤައުމުން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ. އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާނީ 10 އިންސައްތައިގެ ޓެރިފެކެވެ. އޮސްޓްރޭލިޔާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ވެސް 10 އިންސައްތައަށްވުރެ އިތުރު ނުކުރުމަށް ޓްރަމްޕް ވަނީ ނިންމަވައިފައެވެ. ޓްރަމްޕްގެ އައު ސިޔާސަތުގެ ދަށުން އިޢުލާނުކުރައްވަމުންދާ ޓެރިފްތަކުގެ ސަބަބުން އެއްވެސް ބަޔަކަށް މޮޅެއް ނެތް ކަމަށް ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
