
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ކާބޯތަކެތި ވެއްދުން ދަތިކޮށްފައިވާތާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. ބަނޑުހައިވެގެން ރޮމުންދާ ޣައްޒާގެ ކުޑަކުދިންގެ އަޑު ނުކެނޑޭއިރު، އެ ކުދިންގެ މައިންބަފައިން ތިބީ އެ ކުދިންގެ ހައިހޫނުކަން ފިލުވައިދޭނެ މަގެއް ނެތި ގޮތް ހުސްވެފައެވެ. ތުއްތު ދަރިފުޅަށް ދޭނެ ކިރުފޮދެއް ނެތި، ޣައްޒާގެ މައިން ދަނީ ފުޅިއަކަށް ފެންފޮދެއް އަޅައި އެއަށް ލިބުނު ކާއެއްޗެއް އަޅައި އެއްކުރަމުންނެވެ. ޑރ ކަހްލީލް ދަރްގަން ވިދާޅުވީ ތުއްތު ކުދިންނަށް ދޭ ފޯމިއުލާ ޣައްޒާއިން އެއްކޮށްހެން ހުސްވެފައިވާއިރު، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަލިކަށިވެފައިވާތީ ޣައްޒާގެ މައިންނަށް ވެސް އެ ކުދިންނަށް ގާތުން ނުދެވޭ ކަމަށެވެ. އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް ދޭނެ ފޯމިއުލާ ނުލިބޭތީ ޣައްޒާގެ އެތައް ހާސް ތުއްތު ކުދިން ބަނޑަށް ޖެެހެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މި ކުދިންނާއި އެ ކުދިންގެ މައިން ވެސް ތިބީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަލިކަށިވެ، މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައި. އަހަރެމެންގެ ތުއްތު ކުދިންނަށް މިހާރު ދެވެނީ ފެން އެކަނި، ނޫނީ މުގުރި މުގު. މިއީ ޣައްޒާގެ ތުއްތުކުދިންގެ ޞިއްޙަތަށް ގެއްލުންވާނެ ކަންކަން،” އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތެއްް ކަމަށްވާ އުމުރުން 31 އަހަރުގެ އަޒްހަރު އިމާދު ބުނީ އޭނާގެ ހަތަރު މަހުގެ ދަރިފުޅު، ޖޫރީއަށް ދިނުމަށް ފެނާއެކު ސަނާމުގުން ތައްޔާރުކުރާ ތަހީނީ އެއްކުރާ ކަމަށެވެ. ނަމަވެސް އެ ކެއުން ތުއްތު ދަރިފުޅަށް ދިނުމުން، ދަރިފުޅަށް ގެއްލުން ލިބި ބަލިވެދާނެތީ އޭނާ ވަރަށް ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ. “އަހަރެންގެ ދަރިފުޅަށް ކިރުގެ ބަދަލުގައި މި ބުއިން ދިން ނަމަވެސް ދަރިފުޅު އެެއެއް ނުބޮއެ. މި ހުރިހާ އެއްޗެއް ތުއްތު ދަރިފުޅަށް ދިނުމުން އޭނާ ބަލިވުން ވަރަށް ގާތް. އަހަރެން ބައެއް ފަހަރު ދަރިފުޅުގެ ބުއްފުޅިއަށް ފެންފޮދެއް އަޅާފައި ދެން. އެއަށް އަޅާނެ އިތުރު އެއްޗެއް ނުލިބޭ. ދެން ދެނީ ކުދީނާ އޮށާއި އެކިކަހަލަ ފަތްޕިލާވެލި،” އަޒްހަރު ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލްޢާއްމުގެ ސަބަބުން ޣައްޒާގައި މިހާރު ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެނިހެން ސާމާނު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ހަނގުރާމަ ފެށި ފަހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 159 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 90 ކުޑަކުދިން ވެސް ހިމެނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބަނޑަށް ޖެހުމުގެ ސަބަބުން 2 މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރިފައިވާއިރު، އދން ވެސް ވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކާ ޚާއްޞަކޮށް ޣައްޒާގެ ކުޑަކުދިންނަށް ވަރަށް ބޮޑު ކަމަށް ފާހަގަކޮށްފައެެވެ. އެ އިދާރާއިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޔަހޫދީންނަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެ އިދާރާއާއި އިންސާނީ އެހީ ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެ ކަމަށް ހުރަސް އަޅަނީ ޔަހޫދީން ކަމަށް އެ އިދާރާތަކުން ދަނީ ބުނަމުންނެވެ. ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާތީ ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތަކުންގެ ސަބަބުން، ފާއިތުވި ހަފްތާއެއްހާ ދުވަހު ޔަހޫދީންނަށް ވަނީ ޣައްޒާއަށް ވައިގެ މަގުން ކާބޯތަކެތި އެތެރެކުރުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ. އެއާއެކު ޢަރަބި ޤައުމުތަކުން ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި އެޅި ނަމަވެސް އޭގެ ސަބަބުން ޣައްޒާގެ ޙާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ޣައްޒާއަށް އެ ގޮތަށް އެހީގެ ސާމާނު އެެތެރެކުރުަމަކީ ނުރައްކާތެރި، ޚަރަދުބޮޑު އަދި ނާކާމިޔާބު މަސައްކަތެެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.
އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝްގެ ނައިބު ތަރުޖަމާނު، ފަރްޙާން ހައްޤު ވިދާޅުވީ އދއާއި އެ އިދާރާއާ ގުޅުންހުރި ޖަމުޢިއްޔާތަކުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ލިބޭ ހުރިހާ ފުރުޞަތެއްގެ ބޭނުން ފުރިހަމައަށް ހިފަައި، ތަކެތި ވައްދާ މަގުތަކުން ތަކެތި ނަގައި، އެ ސަރަޙައްދުތަކަށް އިތުރު ސާމާނު ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެހީގެ ސާމާނު ހިފައިގެން ލޮރީތައް ދަތުރުކުރާ މަގުތަކަކީ ރައްކާތެރި މަގުތަކެއް ކަމަށް ޔަހޫދީން އިޢުލާނުކޮށްފައިވާ ނަމަވެސް އެ އުޅަނދުތަކަށް ގިނަ އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. ލޮރީތަކުގެ ޑްރައިވަރުންނާއި އެހީއާ ގުޅުންހުރި މަސައްކަތް ކުރާ މުވައްޒަފުންނާއި އެހީގެ ސާމާނު ހޯދުމަށް އެ ސަރަޙައްދުތަކަށް އެއްވާ މީހުން ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ފަރްޙާން ހައްޤު އިތުރަށް ވިދާޅުވީ އެހީގެ ސާމާނު އުފުލާ ލޮރީތައް ވަރަށް ބޮޑަށް ލަސްވާ ކަމަށާއި، އެއީ އެ އުޅަނދުތަކަށް ދަތުރުކުރެވެނީ އެންމެ މަގަކުން ކަމަށް ވާތީ ކަަމަށެވެ. އަދި އެ މަގުގައި ޔަހޫދީންގެ ގިނަ ޗެކްޕޮއިންޓުތައް ޤާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އެހީގެ ސާމާނު ބެހުމަށް ޔަހޫދީން ޙަވާލުކޮށްފައިވާ އެމެރިކާއާ ގުޅުންހުރި ކުންފުނި، ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އެހީ ބަހާ މަރުކަޒުތަކަށް އެހީ ހޯދުމަށް ދާ ޣައްޒާގެ ރައްޔިތުން ވެސް ޔަހޫދީ ސިފައިން ދަނީ ޝަހީދުކުރަމުންނެވެ. ޖީއެޗްއެފުން މިދިޔަ މެއި މަހުގެ ފަހުކޮޅު އެހީގެ ސާމާނު ބަހަން ފެށިފަހުން އެހީ ބަހާ މަރުކަޒުތައް ކައިރިން 1000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ ނަތުރާޒިމް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އެހީބަހާ މަރުކަޒު ކައިރިން 23 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޔަހޫދީ ފައުޖުން އެ މީހުން ޝަހީދުކޮށްލާފައި ވަނީ އެހީ ބަހާ މަރުކަޒުތަކުގައި ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާއި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ ޣައްޒާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ގަޑީގެ ގަޑިއިރުކޮޅެއް ކުރިންނެވެ. އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ، ކެރޮލިން ލީވިޓް ވިދާޅުވީ ޣައްޒާގެ ޙާލަތު ބެލުމަށް އެ ބޭފުޅުން ޣައްޒާގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ކަންކަން އޮޅުންފިލުއްވާނެ ކަމަށެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުމްޢާއްމު ނިމުމަކަށް ގެނައުމަށް މިހާރުން މިހާރަށް މަޝްވަރާކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް އެއީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު އެ ސަހަރަށް ވައްދައި އެ ތަކެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުން ކަމަށާއި ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ނިމުމަކަށް ގެނައުމުން ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
