
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން މި ޖުލައި މަހުގެ 7ވަނަ ދުވަހު ރަތް ކަނޑަށް ފައްތާލި ‘އެޓާނިޓީ ސީ’ އާގުބޯޓުން 10 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ. ލައިބީރިޔާގެ ދިދައިގައި ދުއްވި ގްރީސްގެ ބޯޓަށް ޙޫޘީން ޙަމަލާ ދީ ފައްތައިލީ އެ ބޯޓުން ޔަހޫދީންނަށް މުދާ އުފުލައިދޭތީއެވެ. އެ ބޯޓަށް ޙަމަލާ ދިނުމަށް ޙޫޘީން ވަނީ ކަނޑުމަތީ ޑްރޯންތަކާއި ރޮކެޓުގައި ހަރުކޮށްފައިވާ ބޮން ހިމެނޭ ގޮތަށް ތަފާތު ގިނަ ހަތިޔާރު ބޭނުންކޮށްފައެވެ. އެ ހާދިޘާގައި ބޯޓުގެ ހަތަރު ފަޅުވެރިން ވަނީ މަރުވެފައެވެ. ބޯޓު ފެތެން ފެށުމުން އެ އުޅަނދުގެ ފަޅުވެރިންނާއި ތިން ސަލާމަތީ ފާރަވެރިންނަށް ވަނީ ކަނޑަށް ފުއްމައިލުމަށް މަޖުބޫރުވެފައެވެ. އުޅަނދު ފެތެމުންދިޔަ ސަރަޙައްދުން ދިހަ މީހުން ސަލާމަތްކޮށްފައިވާއިރު ވީނުވީއެއް ނޭނގި 5 މީހުން ވަނީ ގެއްލިފައެވެ. ބާކީ ދިހަ މީހުން ތިބީ ޙޫޘީންގެ ބެލުމުގެ ދަށުގައެވެ.
ޖުލައި މަހުގެ 28ވަނަ ދުވަހު ޙޫޘީން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ފަޅުވެރިން ފެންނަ ހަ މިނެޓުގެ ވީޑިޔޯއެއް އާއްމުކޮށްފައެވެ. ބައެއްް މީހުން އެ މީހުންގެ ޢާއިލާއަށް ގުޅާ މަންޒަރު އެ ވީޑިޔޯއިން ފެނެއެވެ. ޔަހޫދީންނަށް ދަތުރުކޮށްދޭ އުޅަނދުތަކަށް ޙޫޘީން ޙަމަލާދޭކަން އެނގިފައި ނުވާ ކަމަށް ވެސް އެ ވީޑިޔޯގައި ބައެއް ފަޅުވެރިން ބުނެއެވެ. އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އިސްރާއީލުގެ އެއިލަތު ޕޯޓަށް ކަމަށް އެ މީހުން ބުނެއެވެ. ފިލިޕީންސްގެ ސަރުކާރުން ވަނީ ޙޫޘީން ސަލާމަތްކުރި ފަޅުވެރިންގެ ތެރެއިން ނުވަ މީހުންނަކީ އެ ޤައުމަށް ނިޞްބަތްވާ މީހުން ކަން ކަށަވަރުކޮށްދީފައެވެ. އެ ޤައުމުގެ ވަޒީރެއް ކަމަށްވާ ހާންސް ކަކްޑަކް ފަޅުވެރިންގެ ޢާއިލާއަށް ހަވާލާ ދެއްވައި ވިދާޅުވީ ފަޅުވެރިންގެ ޖިސްމާނީ ޙާލު ރަނގަޅުކަމަށެވެ. އެ މީހުން އަނބުރާ ޤައުމަށް ގެނައުމުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެޓާނިޓީ ސީއަކީ މި މަހުގެ ތެރޭގައި ޙޫޘީން ފައްތާލި ދެވަނަ ބޯޓެވެ. އެޓާނިޓީ ސީ ފައްތާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ޖަމާޢަތުން ވަނީ ދަ މެޖިކް ސީސް ކިޔައި ބޯޓެއް ވެސް ފައްތާލައިފައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުަތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުން ޙޫޘީން ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދިޔަ ޙަމަލާތައް ވެސް މަޑުޖައްސާލައިފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ޙާލުގައި ޖެއްސުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސްއެޅުމުން ޙޫޘީން ވަނީ އަނެއްކާ ވެސް ޙަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު، މާރިޗު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޙޫޘީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލުކުރަމުން ދިޔަ ޙަމަލާތައް ނިމުމަކަށް އައީ ޢުމާން މެދުވެރިވެ މެއި މަހުގެ 6ވަަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން އައުމުންނެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށުމުން، އެ ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވެއްޖެ ނަމަ، ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އާގުބޯޓު ފަހަރަށް އަމާޒުކޮށް އަނެއްކާ ވެސް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ވަނީ ދީފައެވެ.
ޖުލައި މަހުގެ 27ވަނަ ދުވަހު ޔަހޫދީން ވަނީ އެ ޖަމާޢަތުގެ އަސްކަރީ ޙާރަކާތްތަކުގެ ހަތަރުވަނަ މަރުޙަލާ ފަށާފައިވާ ކަމަށް އިޢުލާނުކޮށް، ޔަހޫދީ ބަނދަރުތަކާއެކު ވިޔަފާރިކުރާ ކުންފުނިތަކަށް ނިޞްބަތްވާ ކޮންމެ އުޅަނދަކަށް ވެސް ޙަމަލާދޭނެ ކަމަށް ބުނެފައެވެ. އުޅަނދުތަކަށް ޙަމަލާ ދިނުމުގައި ވަކި ޤައުމެއްގެ އުޅަނދަކަށް ނުބަލާނެ ކަމަށް ވެސް ޙޫޘީން ވަނީ ބުނެފައެވެ. ޙޫޘީން ޙަމަލާދޭ ރަތް ކަނޑުގެ ވިޔަފާރި މަގަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު އެއް މަގެވެ. އެ މަގުން އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގެންދެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޙޫޘީން މެޖިކް ސީސް ކިޔާ އާގުބޯޓަކަށް ޙަމަލާ ދީ އެ ބޯޓު ފައްތާލާފައިވާއިރު، މި މަގުން ދަތުރުކުރާ އުޅަނދުފަހަރު އިންޝޫރެންސަށް ދައްކަންޖެހޭ ޢަދަދު ވަނީ އުޅަނދުގެ އަގުގެ 0.4 އިންސައްތައިން 1 އިންސައްތައަށް އިތުރުވެފައެވެ. އެއާއެކު އެ މަގުން ކުރާ ދަތުރަކަށް އިންޝޫރެންސްގެ ގޮތުގައި އިތުރު 700،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ޚަރަދުކުރަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
