
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ރަޝިޔާއަށް މުހުލަތެއް ދެއްވައިފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ، ޔޫކްރެއިނަށް ޙަމަލާ ދީފައި ވަނީ ރަޝިޔާއިންނެވެ. ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާއަށް 10 ނުވަތަ 12 ދުވަހުގެ މުހުލަތެއް ދެއްވާފައިވާނެ ކަމުގައެވެ. އަދި، ރަޝިޔާއިން އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައެވެ. މި ގޮތުން، އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން އެ ޤައުމުގެ މުދާ ގަންނަ ޤައުމުތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ސްކޮޓްލެންޑަށް ވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ރައީސް ވްލަޑިމިޔަރ ޕުޓިންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް މި ޖުލައި މަހުގެ ކުރީކޮޅު ވަނީ 50 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެ މުހުލަތު ކުރު ކުރުމަށް ނިންމަވާފައި ވަނީ ޕުޓިންއާ މެދު ހިތްހަމަނުޖެހިގެން ކަމުގައެވެ. “އަޅުގަނޑު އައު މުހުލަތެއް ކަނޑައަޅާ ނަން. މިއަދުން ފެށިގެން ގާތްގަނޑަކަށް 10 ނުވަތަ 12 ދުވަސް. މަޑު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް… އެއްވެސް ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް ނުފެނޭ،” އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ އައު އިންޒާރާ ގުޅިގެން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް، ރަޝިޔާގެ ކުރީގެ ރައީސް ދްމީތުރީ މެދްވޭދެފް ވަނީ ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އަމަލުތަކާ ގުޅިގެން އެމެރިކާއިން ބައިވެރިވާ ހަނގުރާމައެއް ފެށިގެން ދިޔުމުގެ ފުރުޞަތު ބޮޑުވަމުންދާ ކަމުގައެވެ. “އައު ކޮންމެ އިންޒާރަކީ ހަނގުރާމައަކާ ދިމާއަށް އެޅޭ ފިޔަވަޅެއް. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދުއެއް ނޫން، ނަމަވެސް [ޓްރަމްޕްގެ] އަމިއްލަ ޤައުމާ ދެމެދު،” އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ޓްރަމްޕްގެ އިންޒާރަށް މަރުޙަބާ ދަންނަވާފައެވެ. “އެންމެ ރަނގަޅު ވަގުތުގައި ޕޯޓަސް [އެމެރިކާގެ ރައީސް] އެ ވަނީ ސިޔާސަތާއި އަޒުމު ސާފުކޮށްދެއްވާފައި، އެއްބައިވަންތަކަމާ އެކު ސުލްޙައަށް މަސައްކަތް ކުރުމުން ވަރަށް ގިނަ ކަންކަން އިސްލާޙު ކުރެވޭނެ. މި ހަނގުރާމަ ހުއްޓުމަކަށް ގެނެސް އެތަކެއް ބަޔެއްގެ ފުރާނަ ސަލާމަތް ކުރުމަށް ރައީސް ޓްރަމްޕް ދެއްވާ އަހަންމިއްޔަތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،” އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޔޫކްރެއިނުން ތާޢީދު ކުރާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޒެލެންސްކީއާ މެދު ވެސް ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. ނަމަވެސް، އޭނާ ވިދާޅުވީ ޕުޓިންއާ އެކު އިތުރަށް މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން ނެތް ކަމުގައެވެ. އަދި، ޓްރަމްޕް ބޭނުންވާ ގޮތަށް އަމަލު ކުރުމަށް ޕުޓިން އިންކާރު ކުރައްވަމުން ގެންދަވާ ނަމަ، ރަޝިޔާއަށް އަދަބު ދިނުމުގެ ގޮތުން ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައި، އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
